ފިނިޕޭޖް

ދިވެހިންނާއި ސެލެބްރިޓީން: ކޮންމެ ދިވެއްސަކީ ސެލެބްރިޓީއެއް!

މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ އެމީހަކަށް ހިތް ދީވާނާވެގެން އުޅޭ ބޮލީވުޑްގެ ބަތަލާ ޕްރިޔާންކާ ޗޯޕްރާއާ އެއްގޮތަށް ހެދުން އަޅައި ޕްރިޔާންކާގެ ލަވަތަކަށް އޭނާގެ ފިޔަވަޅުމަތިން ނަށަން ފެށީމަ ދިވެހިން އެންމެ ފުރަތަމަ ސުނީތާ އަށް ވަރަށް ޖޯކު ޖެހި އެވެ. މަލާމާތްކޮށް ނުކުރާކަށް ދުއްތުރާލެއް ވެސް ނެތެވެ.

އެކަމަކު ޢާހިރުގައި ސުނީތާ އާއި ޕްރިޔާންކާ ބައްދަލުވެ ދިވެހިންގެ ކުރިމަތީގައި އެ ބައްދަލުވުން ތަކުރާރުވެގެން ދިއުމުން ސުނީތާ އަށް ކުރި މަލާމާތާއި ފުރައްސާރައިގެ މަތިން ހުރިހައި ދިވެހިން ހަނދާން ނެތުނީ އެވެ. ސުނީތާވީ އެންމެފަހުން ހުރިހައި ދިވެހިންނަށް ނުވަތަ އެމީހުންގެ ހިތުގެ އެންމެ ފުންމިނުން ޖާގަ ދީގެން ތިބި ސެލެބްރިޓީންނަށް ލޯތްބާއި ވަފާތެރިކަން ފާޅުކުރަން ނުކެރިފައި ތިބި އެތައް ދިވެހިންނަށް ލިބުނު ހިތްވަރަކަށެވެ.

ހަގީގަތަކީ މިއީ އެވެ. ސުނީތާ ޕްރިޔާންކާ އަކަށް މޮޔަވެގެން ގޮސް، އޮޅުލައި ބައްދައިގަތީމަ، މާ ކުރިން މާ ނޫން ކަމަށް ހެދިގެން ދުރުގައި ތިބި ހުރިހައި ދިވެހިން ވެސް ގޮސް އެމީހުންގެ ފެވަރިޓް ސެލެބްރިޓީންގެ ގައިގައި އޮޅުލައި ބައްދައިގަތީ އެވެ. ލަދުކަނޑާލާފައި ނުކުތީ އެވެ.

އެހެންވީމަ މިވެނި އެވެނި ދިވެއްސަކު އެވެނި މިވެނި ސެލެބްރިޓީއަކާ ހާދަ ވައްތަރޭ ކިޔައިގެން ތުންތުންމަތިން ވާހަކަ ފެތުރުމާއި މަގްބޫލު ސެލެބްރިޓީންގެ ސްޓައިލަށް ފޮޓޯނަގައި އާންމުކުރުން ދިވެހިންގެ މެދުގައި މިހާރު އޮތީ ނިކަން ގަދަވެފަ އެވެ.

ފޭސްބުކްގައި ވައިރަހެއްހެން އެނބުރި ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ "މޯލްޑިވިއަންސް ހޫ ލުކް ލައިކް ސެލެބްރިޓީސް" އަކީ ވެސް ފަހަރެއްގައި މި ރޯގާއެއްގެ މުސީބާތެކެވެ. މިއީ ސެލެބްރިޓީންނާ ވައްތަރު ދިވެހިން ހޯދައި އެއްކޮށް އެމީހުންނާއި އެމީހުންނާ ވައްތަރު ސެލެބްރިޓީންގެ ފޮޓޯ ޝާއިއުކުރެވި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ވައްތަރެއްގެ ސޯޝަލް ކޮމިއުނިޓީއެކެވެ.

މިއީ އެއްގޮތަކަށް ވެސް ސެލެބްރިޓީންނާ ވައްތަރު ކަމަށް ބުނެވޭ ދިވެހިން އެދިގެން އެމީހުންގެ ފޮޓޯތައް ޝާއިއުކުރެވެމުންދާ މައިދާނެއް ނޫނެވެ. އެހެން ނަމަވެސް "ސުނިޔާންކާ" ގެ ގޮތުގައި މަޝްހޫރުވެ ސުނީތާ ދިވެހިންނަށް ހޯދައިދިން ހިތްވަރުގެ ތެރެއިން އުފެދިފައިވާ ގްރޫޕެކެވެ.

މި ގްރޫޕެއްގައި ދަނީ ވަރަށް އާދައިގެ އާންމު މޫނުތަކުން ފެށިގެން ރާއްޖޭގެ ނިކަން މަޝްހޫރު މޫނުތަކުގެ ފޮޓޯތައް ވެސް އެމީހުންނާ ވައްތަރު ކަމަށް ބުނެވޭ ސެލެބްރިޓީންގެ ފޮޓޯތަކާ އެކު ޝާއިއުކުރެވެމުންނެވެ. މަޝްހޫރު މޫނުތަކަށް ބަލާއިރު އެންމެ ބޮޑަށް ފޯރި ހިފައިގެން އުޅެނީ ޒުވާން ބަތަލް މުހައްމަދު ޖުމައްޔިލްގެ ފޮޓޯއެކެވެ.

ޖުމައްޔިލް ވައްތަރީ ޕާކިސްތާނުގެ މަޝްހޫރު ބަތަލް ފުވާދު ޚާންއާ ކަމަށް ބުނެވޭއިރު މިއީ ވަރަށް ގިނަ ބަޔަކު ވެސް އެކަމަކަށް އެއްބަސްވެ ތައުރީފު އޮއްސަމުންދާ ވާހަކަ އެކެވެ.

ޖުމައްޔިލްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދާޚިލީ ވަޒީރު އުމަރު ނަސީރާއި މެމްބަރު ރިޔާޒު ރަޝީދު ފަދަ "ސެލެބްރިޓީން" ނާ ވައްތަރު ކަމަށް ބުނެވޭ އެހެން ސެލެބްރިޓީންގެ ފޮޓޯތަކަށް ވެސް ދަނީ ބޮޑު މަގްބޫލުކަމެއް ލިބެމުންނެވެ.

އުމަރު ނަސީރާ ވައްތަރު ކަމަށް ބުނެ ޝާއިއުކޮށްފައި ވަނީ ކޮން ސެލެބްރިޓީއެއްކަން އެނގޭ ހެއްޔެވެ؟ ބްރެޒިލް އާއި ބާސެލޯނާގެ ތަރި ނޭމާ އެވެ. މިއީ ޔަގީނަށް ވެސް އުމަރު ނަސީރު ފަހުރުވެރިވެ ވަޑައިގަންނަވަން ޖެހޭ ކަމެކެވެ.

ދިވެހިންނާ ވައްތަރު ކަމަށް ބުނާ ސެލެބްރިޓީންގެ ތެރެއިން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދުކޯން އާއި ހޮލީވުޑްގެ އެކްޓަރު ޖޮނީ ޑެޕް އާއި ފުޓްބޯޅަ ސުޕްސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އިހަކަށް ދުވަހު އެއޮތް ރާޅުގަނޑުގައި ޝޯ ދިން ސަނަމް ޕޫރީ ފަދަ ތަރިން ވެސް ހިމެނެ އެވެ.

ރާއްޖޭގެ ސިޔާސީ މައިދާނަށް މި ދުވަސްކޮޅު އެންމެ މަޝްހޫރު އަމާލް ކްލޫނީއާ ވައްތަރު ކަމަށް ބުނެވޭ ދިވެހި އަންހެން ކުއްޖަކު ވެސް އެބައުޅެ އެވެ.

ފާހަގަކޮށްލަން ޖެހެނީ މިހެން ބުނެ މި ގްރޫޕެއްގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ސެލެބްރިޓީންނާއި ދިވެހިން ކޮންމެވެސް ގޮތަކުން ވައްތަރު ކަމެވެ. މިސާލަކަށް ފޮޓޯއަށް ހިނިތުންވެފައި ހުންނަ ގޮތަކުން ނުވަތަ ކޮލުގައި އުފެދިފައި ހުންނަ އަޑިކޮޅެއްގެ ސަބަބުން ނުވަތަ ނިޔަފަތެއް، ކަންފަތެއް، އިނގިއްޔެއް ނުވަތަ ދަތެއް ފެންނަން ހުންނަ ގޮތަކުންނެވެ.

ކޮންމެއަކަސް މި ފޮޓޯތަކެއް އާންމުވެ ދިވެހިންގެ ފޭސްބުކްގެ ޓައިމްލައިން އެއިން ފްލަޑްވަމުންދާއިރު މީގެ ސަބަބުން އަރައިރުންތަކެއް ވެސް އުފެދިފައިވާކަން ފާހަގަކޮށްލެވެ އެވެ. މި ޕޭޖަކާ ދިމާލަށް އެއް ބަޔަކު ހެއްދެވި ނެހެއްދެވި އަށް ގޮވަމުން އަންނައިރު އަނެއް ބަޔަކު ބުނަނީ މިއީ ވަރަށް ވެސް "ކޫލު" ޕޭޖެއް ކަމަށެވެ.