ހަބަރު

ރުގްޔާގެ ނަމުގައި ގެއްލުން ދޭ މީހެއްގެ ޝިކާރައަކަށް ވެފައިވާ މީހުން ހޯދަނީ

ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުން ދެމުންދިޔަކަމަށް ތުހުމަތުކުރެވޭ މީހެއްގެ ޝިކާރައަކަށް އިތުރުބަޔަކު ވެފައިވޭތޯ ބަލަން ފުލުހުން ފަށައިފި އެވެ.

ރުޤުޔާކުރުމުގެ ނަމުގައި މީހުންނަށް އެކިކަހަލަ ގެއްލުންދޭ ކަމަށް ތުހުމަތު ކޮށްފައި ވަނީ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށު ބުޗާގެ، މުހައްމަދު ނަސްރުﷲ (55އ) އަށެވެ.

ފުލުހުން މިއަދު އޭނާގެ ފޮޓޯ އާއްމުކޮށް ބުނީ ނަސްރުﷲގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އޭނާއަކީ ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުން ދެމުން ދިޔަ މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހެއް ކަމަށެވެ.

އަދި ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، ނަޞްރުﷲގެ ފުށުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އޭނާގެ ފުށުން އަމަލެއްގެ ޝިކާރައަކަށް ވެފައިވާ ފަރާތެއްވާނަމަ އެ މައްސަލައެއްގެ މައުލޫމާތު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ނަސްރުﷲ ވަނީ އެކި މީހުންނަށް ރުގުޔާ ކުރަމުންދާ ވީޑިއޯތަކެއްވެސް ސޯޝަލް މީޑިއާގައި އޭނާގެ ނަމުގައި ހަދާފައި އޮންނަ ޕޭޖެއްގައި ހިއްސާކޮށްފަ އެވެ. މި ޕޭޖުގައި ސިހުރު ޖެހިފައިވާ މީހުންގެ ސިހުރު ނައްތާ ވީޑިއޯތަކެއްވެސް ހިމަނާފައި ވެ އެވެ.