ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ޓޫރިޒަމް

މުވައްޒިފުންނަށް ރިޒޯޓްތަކަށް ދެވޭނެ ގޮތް ހަމަޖައްސައިފި

ކޮވިޑް-19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުގައި ތިބި ރިސޯޓްތަކުގެ މުވައްޒިފުންނަށް ރިޒޯޓްތަކަށް ދެވޭނެ ގޮތް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިރޭ ބުނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިވާ ރަށްރަށުން ރިޒޯޓްތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒިފުންނަށް ރިޒޯޓްތަކަށް ދިއުމުގައި އެއްވެސް ހުރެހެއް ނެތް ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.

އަދި މޮނިޓަރިންގެ ހާލަތުގައިވާ ރަށްރަށުންނާއި މޮނިޓަރިންގެ ހާލަތުން ނެގިފަހުން 14 ދުވަސް ހަމަވެފައިނުވާ ރަށްރަށުން ރިޒޯޓްތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒިފުންނަށް، އެ ރިޒޯޓެއްގައި 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވުމަށްފަހު ވަޒީފާއަށް ނިކުމެވޭނެ ކަމަށްވެސް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ރިޒޯޓްތަކަށް ވަޒީފާއަށްދާން ބޭނުންވާ މުވައްޒިފުންގެ މައުލޫމާތު އެ މިނިސްޓްރީއަށް ފޮނުވުމަށް އެދިފައެވެ.

މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން ފަތުރުވެރިކަން ވަނީ ހުއްޓިފައެވެ. އަދި ގިނަ ރިސޯޓްތައް ބަންދުކޮށް މުވައްޒިފުން ވަނީ ޗުއްޓީއަށް ފޮނުވާފައެވެ. މި މަހުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރީތައްވަމުންދާއިރު ރިސޯޓްތަކުން ދަނީ އޮޕަރޭޝަންތައް ފެށުމަށް ތައްޔާރުވަމުންނެވެ.