ކޮވިޑް-19 އިގެ ބަލާއާފާތަށް ފަހު ރާއްޖެ ހުޅުވާލާއިރު އުންމީދު ކުރާ ވަަރަށް ފްލައިޓްތައް ރާއްޖެ ނައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި ވަނީ މިދިއަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ. އޭރު ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވަރަށް ގިނަ އެހެން ގައުމުތަކުގެ ބޯޑަރުތައް ވެސް ވަނީ ބަންދު ކޮށްފަ އެވެ. ދެމަހަށް ވުރެ ދިގު މުއްދަތަކަށް ފަހު އަލުން ރާއްޖެ ހުޅުވާލުމަށް ދަނީ ތައްޔާރު ވަމުންނެވެ.
ބުދަ ދުވަހު އޮތް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި މެންބަރުން ވަނީ އަލުން ރާއްޖެ ހުޅުވާލާއިރު އުންމީދު ކުރާ އަދަދަށް ފްލައިޓްތައް ރާއްޖެ އަންނާނެތޯ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާ ވަނީ ސުވާލު ކޮށްފަ އެެވެ. އަދި އެކަމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ވެސް ސުވާލު ކުރި އެވެ.
ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ ރާއްޖެ ހުޅުވާލާއިރު އުންމީދު ކުރާ އަދަދަށް ފްލައިޓްތައް ނާންނާނެ ކަމަށެވެ. ފުރަތަމަ އަންނާނީ ޕްރައިވެޓް ޖެޓްތައް ކަމަށް ބެލެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލި ނަމަވެސް ރާއްޖެއަށް ދަތުރުކުރާ ބައެއް ގައުމުތަކުގެ ބޯޑަރުތައް އަދި ހުޅުވާލަން ނިންމާފައި ނުވާތީ އެއީ ގިނަ ފްލައިޓްތަކެއް ފުރަތަމަ ދުވަސްކޮޅު ރާއްޖެއަށް އައުމަށް އޮތް ހުރަހަކަށް ވާނެ ކަމަަށެވެ.
އަލުން ރާއްޖެ ހުޅުވާލަން ތައްޔާރުވަމުންދާއިރު އެކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާ ކަމަށާއި އެގޮތުން އެއާޕޯޓްތަކާބެހޭ ގައިޑްލައިންގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި ބޯޑަރު ހުޅުވާލުމާއި ގުޅޭ ގޮތުން ސަރުކާރުން މައުލޫމާތު ހާމަ ކުރުމާއެކު އެ ގައިޑްލައިނބް އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒުހައިރު ވިދާޅުވީ މިވަގުތު ދެކެވޭ ކޮންމެ ވާހަކައަކީ ވެސް އަންދާޒާތަކެއްގެ މައްޗަށް ދެކެވޭ ވާހަކަތައް ކަމަށާ ރާއްޖޭގެ ހާލަތު ބަދަލުވެގެންދާނެ ގޮތާމެދު ސީދާ އެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ.
"އެކަމަކު އިންޓްރަސްޓެޑް އެއާލައިންތައް ވަރަށް ގިނަ. ކޮން ދުވަހަކުތޯ އެއާޕޯޓް ހުޅުވަނީ ކޮން އިރަކުތޯ ބަލަން ގުޅަމުން ގެންދޭ." ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.