ޕެންޝަން އޮފީސް

ޕެންޝަނުގެ ނުދައްކާހުރި ދައްކަންޖެހޭ ވާހަކަ!

Jun 4, 2020
19

ފަހަކަށް އައިސް ވަރަށް ގިނައިން ޕެންޝަން ފަންޑާބެހޭ ގޮތުން، ޕެންޝަން ފަންޑާ ގުޅުންހުރި މައުލޫމާތަކުގައި ބަހުސްތައް ކޮށްފި އެވެ. ތަފާތު ނަޒަރިއްޔާ ތަކުންނެވެ. ތަފާތު މައުލޫމާތުތަކާއެކު އެވެ. އަދި ތަފާތު ތަޖުރިބާކާރު ބޭފުޅުންނާއެކު އެވެ. ކަމާގުޅޭ އިލްމީ އަދި ފަންނީ ފަރާތްތަކާވެސް އެކު އެވެ. އެހެން ކަމުން އެ މައުލޫގައި އިތުރަށް ވަކި ދައްކާނީ ވެސް ކޮން ވާހަކަތަކެއް ހެއްޔެވެ؟ ޕެންޝަން ފަންޑުގެ ވާހަކަތައް މީޑިއާގައި މިހާރު ނުފެންނަ ސަބަބަކީ ވެސް އެއީ ކަމަށްވުން ވަރަށް އެކަށީގެން ވެއެވެ.

ޕެންޝަން ފަންޑާބެހޭ ގޮތުން ގިނައިން އިވުނީ ސަރުކާރުގެ ފަރާތުން ދެކޭ ގޮތުގެ އަޑުތަކާއި އެ ފަންޑު މެނޭޖް ކުރަން މިހާރު ހަދާފައިވާ އުސޫލުތައް ދަމަހައްޓަން އޭރާއި މިހާރު ސަރުކާރުން އައްޔަން ކޮށްފައި ތިބި ފަރާތްތަކުގެ އަޑުތަކެވެ. ގައުމެއް ނުވަތަ ދައުލަތެއް ހިންގުމުގެ ނަޒަރަކުން، ޕެންޝަން ފަންޑުގެ މުހިންމުކަމާއި އެ ފަންޑާ "ކުޅުމުގެ" ހާއްސާސް ކަމުގެ ވާހަކަތަކެވެ.

އެކަމަކު އެއީ ހަގީގަތުގައި އެ ފަންޑުގެ މައިނޯރިޓީގެ ހިއްސާދާރުގެ އަޑެވެ. ޕެންޝަން ފަންޑުގެ މެޖޯރިޓީ ހިއްސާދާރުން ކަމައްވާ މަސައްކަތްތެރިންގެ ފަރާތުން ދެކޭ ގޮތް ކިޔައިދޭނެ ފަރާތެއްގެ ބޭނުން ޖެހިފައިވެ އެވެ. މި ލިޔުމުގައި މި ބަލާލާނީ ޕެންޝަން ފަންޑުގެ 50 ޕަސެންޓް ހިއްސާދާރުންގެ ތެރޭގައި ހިމެނޭ އާންމު މަސައްކަތު މީހަކު އެ ފަންޑާ މެދު ދެކެފާނެ ގޮތެއްގެ މައްޗަށެވެ.

1
 

ތަސއްވުރު

ރައްޔިތުން އެންމެ އިތުބާރުކުރާ، ގަދަރުކުރާ އަދި އެންމެ ލޯބިވާ ދައުލަތުގެ މުއައްސަސާ ކަމުގައި ވުން
2
 

އަމާޒު

މެމްބަރުންގެ މަސްލަހަތު ފުރިހަމަ މާނައިގައި ހިމާޔަތްކޮށް، އިންވެސްޓްމަންޓް ރައްކާތެރިކަމާއެކު ފުޅާކުރަން ފަންޑް މެނޭޖްކުރުން

މިއީ ޕެންޝަން އޮފީހުގެ މިޝަން އާއި ވިޝަން ސްޓޭމަންޓް ކުރުކޮށެވެ. ޕެންޝަން ފަންޑުގެ ގާނޫނު މިހާރު އޮތް ގޮތުންނާއި، ޕެންޝަން ފަންޑު މެނޭޖްކުރާ ގޮތުން، މަތީގައި އެވާ ކަންކަމާއި ފުށުއަރާ ބައެއް ކަންކަން ހިމެނެ އެވެ.

1 - ޕެންޝަން ފަންޑުގެ ކޮންސެޕްޓްގެ މަޝްވަރާތައް ރައްޔިތުންގެ މަޖްލިސްތެރޭގައި ފެށިގެން އައީ 2007 ވަނަ އަހަރާއި، 2009 ވަނަ އަހަރާއި ދެމެދުގަ އެވެ. ޕެންޝަން ކޮންސެޕްޓްގެ ބަހުސްތައް ނިމި ޕެންޝަން އޮފީސް އެކުލަވައިލެވުނީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ.

އެ ދުވަސްވަރަށް މި ކޮންސެޕްޓް ކަމުދިޔައަސް މިހާރު ދިވެހިންނަށް އާދެވިފައި މިވާ ހިސާބުން ޕެންޝަން ކޮންސެޕްޓް މި ޒަމާނަކަށް ނުފެތެ އެވެ. ފަހަރުގައި، އެ ދުވަސްވަރު ހިޔާލަށް ވެސް ނުގެނެވޭފަދަ ބިރު ބޮޑު ބަލިމަޑުކަމެއް ކަމުގައިވާ، ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ އާމްދަނީ މެދުކެނޑޭ ފަދަ ހާލަތަކަށް ގައުމު ދިއުމުން ފަންޑުގައި ރައްކާ ކުރެވިފައިވާ ފައިސާކޮޅުގެ ބޭނުން ހިފުމުގެ މުހިންމުކަން އާދައިގެ ރައްޔިތުމީހާއަށް އިހުސާސް ވާން ފަށާފައިވާ މިފަދަ ނާޒުކު ދަނޑިވަޅަކާ ކުރިމަތިލާން ޖެހިފައިވުމުން ވެސް މެއެވެ.

2 - ޕެންޝަން ފަންޑް އެކުލެވިގެން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އަތުން ނަގާ، އެ މީހެއްގެ މަހު މުސާރައިގެ ހަތް ޕަސެންޓް ފައިސާ އާއި އެ ފައިސާއާ އެއްވަރުގެ އަދަދެއް ސަރުކާރުން މުސާރަ ދޭ މުވައްޒަފުންނަށް، ސަރުކާރުން ދައްކާ ގޮތަށާއި، އަމިއްލަ ފަރާތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް، އެމީހަކު ވަޒީފާ އަދާކުރާ ތަނަކުން ދައްކާ ގޮތަށް ގާނޫނަކުން ލާޒިމް ކޮށްގެންނެވެ.

އެހެންކަމުން ދިވެހިރާއްޖެގައި ވަޒީފާ އަދާ ކުރާ މީހުންގެ ނިސްބަތުން ސަރުކާރުން މުސާރަ ދެނީ ގާތްގަޑަކަށް ސާޅީހަކަށް ޕަސެންޓް މީހުންނަށް ކަމަށް ބަލައި ބާކީ ބަޔަކީ ޕްރައިވެޓް ސެކްޓާ ކަމަށް ބެލިއަސް މި ކަމުގައި ސަރުކާރަކީ މައިނޯރިޓީ ހިއްސާދާރު ނޫން ހެއްޔެވެ؟

ބުއްދީގެ ހަމަތަކުން ވިސްނާލާއިރު އެއްވެސް ވިޔަފާރިއެއްގެ ކޮންޓްރޯލް މައިނޯރިޓީ ހިއްސާދާރަށް އޮންނަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރެ ވެއެވެ. އަދި މިފަދަ ގޮތަކަށް މި ރާއްޖޭގައި ވެސް އަދި ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ވެސް ކަންކަން ހިނގަމުންދާ ކަމެއް ނުދަންނަމެވެ. އަދި އެއީ މެޖޯރިޓީގެ އެއްވެސް ބަހެއް އެއްވެސް ކަމެއްގައި ހޯދުމަކާއި ނުލައި ވަރަށް ހުދުމުހުތާރު ގޮތެކެވެ.

ނަމަވެސް މިކަން ކުރަނީ މަޖިލީހުން ފާސް ކޮށްފައިވާ ގާނޫނަކުންނެވެ. އެހެން ކަމަށްވާނަމަ، ހަމަ މިކަހަލަ ގާނޫނަކުން ދިރާގާއި އުރީދޫ ފަދަ ތަންތަނުގެ ވެސް ކޮންޓްރޯލު އަތުލެވޭނެތާ އެވެ. އަދި އެމްޓީޑީސީން ހަދާ ކުއްޔަށްދީފައި ހުރި ރިސޯޓްތައް ވެސް ކޮންޓްރޯލް ކުރެވޭނެތާ އެވެ. ނުވަތަ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން އާއި ހުޅުލޭ އައިލެންޑް ހޮޓާ ވެސް ކޮންޓްރޯލް ކުރެވެން ވާނެ ތާއެވެ.

3 - ޕެންޝަން ފަންޑަކީ އިންވެސްޓްމަންޓް ފަންޑަކަށް ވެފައި، އިންވެސްޓް ކޮށްގެން ލިބޭ ނަފާއިން ފަންޑުގެ 50 ޕަސެންޓް ހިއްސާދާރުންނަށް ލިބޭ ނަފާގެ މިންވަރު ކަނޑައެޅިފައެއް ނުވެ އެވެ. މިސާލަކަށް މީހަކު އެމީހާގެ އުމުރުން 20 އަހަރުގައި ވަޒީފާ އަދާ ކުރަން ފަށައި އުމުރުން 40 އަހަރުގައި ރިޓަޔާ ކުރިޔަސް، ފަންޑަށް ޖަމާވެފައިވާ އޭނާގެ އަމިއްލަ ފައިސާއިން އިތުރު 25 އަހަރުވަންދެން ވިޔަފާރި ކުރުމަށް ފަހު ފައިދާގެ އެއްވެސް ޕަސެންޓެއް އެމީހާއަށް ލިބުމުގެ ޔަގީންކަމެއް ނެތި، އުމުރުން 65 އަހަރުވުމުން، ހަމައެކަނި އުމުރުން 40 ވަނަ އަހަރާ ހަމައަށް ޖަމާވެފައިވާ ފައިސާކޮޅު ލިބުމަކީ އިންސާފެއް ހެއްޔެވެ؟ އަދި މި ފައިސާކޮޅު ލިބޭއިރު ވެސް ލިބެނީ، މި ފަންޑު ހިންގުމުގެ ހަރަދުތަކަށާއި ގެއްލުމަށް އުނި ކުރުމަށްފަހު ބާކީވާނަމަ، އެ ބާކީވާ ފައިސާކޮޅު އެކަންޏެވެ.

އެކަމަކު ދުނިޔޭގައި އިންވެސްޓްމެންޓް ފަންޑު އޮޕަރޭޓްކުރާ ބޭންކްތަކުން އިންވެސްޓްކުރާ ފަރާތަށް، އިންވެސްޓްމެންޓްގެ މުއްދަތުގައި، ކަނޑައެޅިފައިވާ ޕަސެންޓެއްގެ ފައިދާ ލިބެ އެވެ. އިންވެސްޓް ކޮށްފައިވާ އަދަދަން އުނިވުމެއް ނެތި އެވެ. ޕެންޝަން ފަންޑުން ކޮށްފައިވާ ބައެއް އިންވެސްޓްމެންޓް ތަކަށް ބަލާއިރު ދައުލަތުގެ ސެންޓްރަލް ބޭންކް (އެމްއެމްއޭ) ގެ ބޮންޑު ގަތުން ހިމެނެ އެވެ. ބޮންޑް ގަންނަނީ އާއްމުކޮށް ހަތް ޕަސެންޓް ފައިދާއެއްގަ އެވެ. މިއީ ސަރުކާރަށް ބޮންޑް ބޭނުންވާ ވަގުތުތަކުގައި ބޮންޑަށް ބޭނުންވާ ފައިސާ ފޯރު ކޮށްދޭތީ ލިބޭ ޑިސްކައުންޓް ޕަސެންޓްގެ މިންވަރު ނުހިމަނަ އެވެ. މިކަން ކޮށްގެން ކޮންމެ އަހަރަކު އެތައް ފައިދާއެއް ނަގަމުންދާ މަހުޖަނުން މިހާރު ވެސް މި ގައުމުގައި އެބަތިއްބެވެ.

ޕެންޝަން ފަންޑުން އިންވެސްޓް ކޮށްފައިވާ އަނެއް އިންވެސްޓްމަންޓަކީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހިއްސާ ގަތުމެވެ. ރާއްޖޭގައި އާއްމުކޮށް ބޭންކްތަކުން ލޯނު ދޭ އެންމެ ކުޑަ އިންޓަރެސްޓް ރޭޓަކީ 12 ޕަސެންޓެވެ. އެހެންވީއިރު ގައިމު ޕެންޝަން ފަންޑަށް ފައިދާ ވާނެތާ އެވެ.

4 - ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަ އާއި ނުރައްޓެހި އެއްޗަކަށް ޕެންޝަން ފަންޑުވެފައި ވެއެވެ. ދިވެހިންގެ އާދަކާދަ މިހާރު ބައްޓަން ވެފައިވާ ގޮތުން، ކޮންމެ މީހަކުވެސް އެމީހާގެ ހަޔާތުގެ ބޮޑު ބައެއް ބުރަކޮށް މަސައްކަތް ކުރުމަށް ފަހު އުމުރުގެ ފަހުބައި އާއިލާއާއެކު އުފަލާއި އަރާމުގައި އުޅުމަށް ދެކެމުން އަންނަ ފޮނި ހުވަފެން ހަގީގަތަކަށް ހެދުމަށް އެޅޭ ހުރަހަކަށް ޕެންޝަން ފަންޑު ވެފައިވެ އެވެ.

ޑިމޮކުރަސީގެ ނަމުގައި ގަބޫލުކުރަމުން އައި ގޮތަށް، ގާނޫނަށް ގެނެވުނު ބަދަލަކުން ޕާޓީ ސިސްޓަމް ތައާރަފްވުމާއިއެކު، އެ ފަލްސަފާގެ ދަށުން ވެރިކަމަށް އަންނަ ބަޔަކަށް ތާއީދު ނުކުރާ އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދެ އެވެ. ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި ވެސް މި ބިރުވެރިކަން އޮވެ އެވެ. އެހެންކަމުން އެހިސާބުން އަމިއްލަ މަސައްކަތަކުން ދިރިއުޅުމަށް ވިސްނާ މީހަކަށް އެ ފުރުސަތު ނުލިބި، ދަތި އުނދަގުލުގައި އުޅެންޖެހިފައިވާ އިރުވެސް، މުސްކުޅިވެ ލޯބޯކޮށިވުމުގެ ކުރިން ޕެންޝަން ފަންޑުގައި އަމިއްލަ ބުރަ މަސައްކަތުން އެއްކުރެވިފައިވާ ފައިސާކޮޅުގެ ބޭނުމެއް ނުކުރެވެ އެވެ.

5 - ޕެންޝަން ފަންޑު އެކުލަވާލިއިރު ރައްޔިތުންނަށް "ވިއްކި" ފައިދާތައް އެހެން ގާނޫނުތަކުން މިހާރު ރައްޔިތުންނަށް ލިބިދެވޭތީ، ޕެންޝަން ފަންޑުގެ ބޭނުން އެއްވެސް ރައްޔިތަކަށް، މިހާރު ބަލައި ނުގަނެވޭ ހިސާބަށް ގޮސްފައިވެ އެވެ. ކޮންމެ ދިވެއްސަކަށް ބޭސް ފަރުވާ ކުރާނެ ސްކީމެއް "އާސަންދަ" އިގެ ނަމުގައި ހެދިފައިވެ އެވެ. އަދި އުމުރުން 65 އަހަރު ފުރޭ ކޮންމެ ދިވެހި ރައްޔިތަކަށް މަހަކު 5000 ރުފިޔާގެ އިނާޔަތެއް ދޭ ގޮތަށް ދައުލަތުން ކަނޑައެޅި ހިސާބުން ޕެންޝަން ފަންޑުގެ އެއްވެސް މާނައެއް ނެތެވެ. އަދި މި އިނާޔަތް، ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އިތުރުވުމުގެ ފުރުސަތު، ސިޔާސީ ވައުދުތަކުގެ ގޮތުގައި އޮވެ އެވެ.

ޕެންޝަން ފަންޑުން ފައިސާ ލިބެނީ ވަޒީފާ އަދާކުރި ފަރާތުގެ ނަމުގައި ޖަމާވެފައިވާ މަދު ފައިސާކޮޅު ހުސްވަން ދެން ކަމަށް ވިޔަސް، އަލަށް ފާސްކުރި އިސް ރަށްވެހިންނަށް އިނާޔަތް ދޭ ގާނޫނުން މާ ފުޅާ ދާއިރާއެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދެއެވެ. މިގޮތުން ކުރިން ވަޒީފާ އަދާކުރި މީހަކާއި ނުކުރާ މީހަކު ތަފާތުކުރުމެއް ނެތި، އުމުރު ދުވަހަށް މި ގާނޫނުން މާލީ އެހީތެރިކަން ފޯރު ކޮށްދެމުން ދެއެވެ. އެހެން ކަމުން މި ގާނޫނުން މާ ފުޅާ ދާއިރާއެއްގައި ޕެންޝަނާބެހޭ ގާނޫނުން ހާސިލް ކުރަން ބޭނުންވާ މަގުސަދުތައް ހާސިލް ވަމުން ދެ އެވެ.

6 - ޕެންޝަން ފަންޑު މެނޭޖް ކުރުމުގެ ނަމުގައި ބޮޑެތި އިސްރާފުތަކެއް ކުރަމުން ދެ އެވެ. ދައުލަތުގެ ބޮޑެތި ހުރިހާ އެކައުންޓް ތަކެއް ފިނޭންސް މިނިސްޓްރީއަށް މެނޭޖްކުރެވިފައި، ޕެންޝަން ފަންޑް މެނޭޖް ކުރުމަށް އޮފީހެއް ހަދާ އެ އޮފީސް ހިންގަން ޕެންޝަނާބެހޭ ގާނޫނުން ލާޒިމު ކުރާތީ، މިހާރު މާލޭގެ އެންމެ އަގު ބޮޑު އޮފީސް އިމާރާތުން ދެ ފްލޯ ކުއްޔަށް ހިފައި އޮފީސް ހިންގުމުގެ ހަރަދުގެ އިތުރުން، އެ އޮފީހުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ސަރުކާރުގެ ކުންފުނިތަކުގެ މުސާރައަށްވުރެ ބޮޑު ކޮށްގެން ހިންގުމުގެ މަގުސަދާމެދު ސުވާލު އުފެދެ އެވެ.

7 - ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަން ކުރަނީ ސީދާ ރައީސުލް ޖުމްހޫރިއްޔާ އެވެ. ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަން ކުރާ މީހެއްގެ ގައިގައި ހުރުމަށް ކަނޑައެޅިފައިވާ ޝަރުތުތަކަކަށް ނުވަތަ ގާބިލު ކަމަކަށް ބެލުމެއް ނެތި އެވެ. އަދި މެޖޯރިޓީ ހިއްސާދާރުން ކަމަށްވާ ޕެންޝަނަރުން ތަމްސީލު ކުރުމަށް، މިނިވަން އެއްވެސް މީހަކު ބޯޑުގައި ނުހިމެނޭ ގޮތަށެވެ. މިކަން މިގޮތަށް މި ކުރަނީ މަތީގައި އެވާ ޕެންޝަން އޮފީހުގެ މިޝަނާއި ވިޝަން ގައިވާ ކަންކަން ހާސިލް ކުރަން ކަމަށްވާނަމަ، އެ ވިސްނަނީ ގައިމު ވެސް މި ފަންޑުގެ ހިއްސާދާރުންގެ ވިސްނުމާ، ލާބަޔާއި މަންފާއަށް ކަމުގައި ބެލެވޭނެތޯ އެވެ؟ އަދި ޕެންޝަން އޮފީހުގެ ބޯޑަށް، ކަމުގެ އިލްމާއި، ފަންނީ އަދި އަމަލީ ތަޖުރިބާމަދު، އުމުރުން ހަގު ބަޔަކު، ސިޔާސީ ވިސްނުމަށް ބަލައި އައްޔަން ކޮށްފައި ވާކަމީ އެތަނުގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. އެ އޮފީހުގެ އެންމެ އިސް ވެރިޔާގެ މަގާމު ހުސްކޮށް އޮވެ ހިންގާތާ ވެސް އެތައް ދުވަހެއް ވެއްޖެ އެވެ.

8 - ޕެންޝަން ފަންޑްގެ ކޮންސެޕްޓް މިހާރު އެކުލެވިފައި އޮތް ގޮތުން މަސައްކަތްތެރިޔާއަށް ޕެންޝަން ފަންޑު، މާލީ އަދި ނަފްސާނީ އަނިޔާ އަކަށްވެ އެވެ. މި ލިޔުމުގެ ދެވަނަ ނަމްބަރުގައި ފާހަގަކުރި ފައިސާ އޭނާ އަމިއްލަ ގޮތުން އެހެން އިންވެސްޓެއް ކުރުމަށް ފަހު 25 އަހަރު ފަހުން އޭގެ ފައިދާ ރަނގަޅު މިންވަރަކަށް ލިބޭނެ ކަމުގެ ޔަގީންކަން އޮތަސް ގާނޫނަކުން އެކަން ނިގުޅައިގެންފައި ވާކަމުގެ ނުތަނަވަސްކަމާއި އޭގެ ހިތި އިހުސާސް އުމުރުގެ ބާކީ ބޮޑު ބައެއްގައި ތަހައްމަލު ކުރަންޖެހެ އެވެ.

9 - މިހާރަކަށް އައިސް ސަރުކާރުން ތަފާތު އެތައް ނަންނަމުގައި ނަގާ ޓެކުހުގެ އަދަދުވެސް، ކުރިޔާ އަޅާބަލާއިރު ގިނަވަމުން ދެ އެވެ. އަމިއްލަ މީހާ އަތުންނާއި ވިޔަފާރިވެރިންގެ އަތުން ނަގާ ޓެކުހުގެ މިންވަރު އިތުރުވެފައިވެ އެވެ. އިންކަމް ޓެކްހާއި ގްރީން ޓެކްހާއި ޖީއެސްޓީ އާއި ބީޕީޓީ ފަދަ ތަފާތު އެތައް ޓެކުހެކެވެ.

މި ޓެކްސްތަކަކީ ޕެންޝަން ފަންޑުގެ ކޮންސެޕްޓް ވުޖޫދު ކުރެވުނުއިރު ދައުލަތުން ނަގަމުންދިޔަ ޓެކްސްތަކެއް ނޫނެވެ. އޭރު ނަގަނީ އިމްޕޯޓް އެކްސްޕޯޓް ފަދަ މަދު ޓެކްސްތަކެކެވެ. އެކަމަކު މިހާރު ރައްޔިތުމީހާގެ އަތުން ދައުލަތަށް ނަގާ ޓެކުހުގެ މިންވަރު އިތުރުވުމުން ރައްޔިތުމީހާއަށް ރައްކާކުރެވޭނެ ފައިސާ މަދުވެ އެވެ.

މި ކަންކަމާހުރެ، ޕެންޝަން ފަންޑު މިހާރު އެކުލެވިފައިވާ ގޮތުން، އެ ފަންޑްގައި ބައިވެރިވުމަށް، މަސައްކަތްކުރާ ފަރާތާއި މަސައްކަތް ދޭފަރާތަށް ދައުލަތުން މަޖުބޫރު ކުރުވުމަކީ، ދައުލަތަށް މި ފަންޑުގެ ފައިދާ ކުރާވަރު ދައްކުވައިދޭ ކަމެކެވެ. ގާނޫނެއް އޮތަސް، ރައްޔިތުމީހާއަށް މާބޮޑު ފައިދާއެއް ނުހިމެނޭ ގޮތަށް ކުރެވޭތީ އެވެ. އަދިމިކަމުން ޕެންޝަން އޮފީހުގެ އެއްވެސް މަގްސަދެއް ހާސިލްވާ ކަމަށް ގަބޫލު ނުކުރެވޭތީ އެވެ.

މިފަދަ ކޮންސެޕްޓެއް އެކުލަވާލާއިރު، ބަލާ ކިތަންމެ މިންގަޑުތަކެއް ހުރެއެވެ. ބައެއް މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި، ދުޅަހެޔޮ ސިއްހަތަކާއެކު ދިރިއުޅުމަށްޓަކައި، ދުވާލަކު އިންސާނަކަށް އެވްރެޖްކޮށް މަސައްކަތް ކުރެވެނީ އަށް ގަޑިއިރު ކަމުގައިބަލައި، އޭނާޔަށް އަށް ގަޑިއިރުގެ ނިދި ބޭނުންވާނެ ކަމަށް ބަލައި އަދި އަށް ގަޑިއިރުގެ ވަގުތުކޮޅެއް އާއިލާޔާއެކު ހޭދަކުރުމަށާއި، ކަސްރަތު ކުރުމަށާއި، ރައްޓެހިންނާއި ބައްދަލުވެ އުޅެލުމަށް ބޭނުންވާނެ އެވެ.

މި މިންގަޑުން ވިސްނާލާއިރު، އިންސާނަކު ދިރި ދުނިޔޭގައި އުޅެނީ، އެވްރެޖް ފަސްދޮޅަހަކަށް އަހަރު ކަމަށް ބެލިއަސް، މުޅި އުމުރުގައި އޭނާއަށް، އެ ކުޖުމްލަ މަސައްކަތުގައި އުޅެވޭނީ ވިއްސަކަށް އަހަރު ނޫންހެއްޔެވެ؟ އަނެއް ވިއްސަކަށް އަހަރު ނިދަން ހޭދަކުރަން ޖެހޭނެތާ އެވެ. ބާކީ ވިއްސަކަށް އަހަރު އާއިލާގެ ކަންކަމުގަ އާއި އާއިލާއާއެކު ވަގުތު ހޭދަކުރުމާއި، ފުރިހަމަ ސިއްހަތެއްގައި ހުރުމަށްޓައި ބޭނުންވާނެ ކަސްރަތާއި، ސޯޝަލައިޒްވެ އުޅުން ފަދަ ކަންކަމަށް ބޭނުންވާނެ ނޫންތޯއެވެ؟ މި ނަޒަރުން ވިސްނާލާއިރު 20 އަހަރަށް ފަހު ރިޓަޔާކުރާ މިހާއަށް އޭނާގެ ޕެންޝަން ފަންޑުގެ ފައިސާ ނެގޭގޮތަށް އޮތުން ރަނގަޅު ނޫން ހެއްޔެވެ؟

ކަންމިހެން ހުރުމާއެކު، ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ވައުދުވެ، ރައްޔިތުންނަށް ހައްގުވާމިންވަރު ކަށަވަރު ކޮށްދިނުމަށް އައި ސަރުކާރެއް އޮވެމެ، އެ ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހެއް އޮވެ، ބޭނުންވާ ކަންކަމުގައި ގާނޫނު އަސާސީއަށް އިސްލާހުކޮށް ބަދަލުތައް ގެންނަމުންދާ މިފަދަ ދަނޑިވަޅެއްގައި އަދި މުޅި ދުނިޔެއަށާއި ދިވެހި ގައުމަށް ދިމާވެފައިވާ ބަލިމަޑުކަމުގެ މި ހިތާމަވެރި ހާލަތުގައި، ޕެންޝަން ފަންޑުގެ ގާނޫނަށް ބަދަލުގެނައުމަށް ދެކޮޅު ހަދައި ފަސް ޖެހެނީ އެއީ ހަމަ ރައްޔިތުންނަށް ހައްގު މިންވަރަށް ވީމާ ހެއްުޔެވެ؟

އެޑިޓަރުގެ ނޯޓް: އެމްއެމްޕީއާރުސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ލިޔުއްވާފައިވާ މި ލިޔުމަކީ ޕެންޝަން ފަންޑާއި އެ ފަންޑުގައިވާ ފައިސާ އާއި ފަންޑު މެނޭޖު ކުރުމުގެ ކޮންސެޕްޓަށް ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅުވައި ގެންނަން ޖެހޭ ބޮޑެތި ބަދަލުތައް ފާހަގަ ކުރައްވާ ލިޔުއްވާފައިވާ ލިޔުމެކެވެ. މި ލިޔުން ޝާއިއުކޮށްފައި ވަނީ އަވަސް އޮންލައިނުން ގަބުލޫކުރާ ހަމަތަކަށް ފައްތާލުމަށް ގެނައި ކުދި ކުދި ބައެއް ބަދަލުތަކާއެކު އެވެ