ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސައުދީ އަަރަބިއްޔާ

ކޮވިޑް-19: ސައޫދީގައި ވަރީގެ ނިސްބަތް މައްޗަށް

ކޮވިޑް-19 އާ ގުޅިގެން ސައުދީ އަރަބިޔާގައި ވަރި އާއި ކުލާ ކޭސްތަކުގެ ނިސްބަތް 30 ޕަސެންޓް އިތުރު ވެއްޖެ އެވެ. ކުލާއަކީ ފިރިމީހާ ކައިރިން އަންހެން މީހާ ވަރިވާން އެދި ހުށަހަޅާ މައްސަލަ ތަކެވެ. މިފަދަ ހާލަތުގައި ފިރިހެން މީހާ ދީފައިވާ ކައިވެނީ ރަނާއި އެނޫން ވެސް އަގު ބޮޑު އެއްޗެއް ހުރި ނަމަ އެ އެއްޗެއް، ކޯޓުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން އަންހެންމީހާ އަނބުރާ ދޭން ޖެހޭނެ އެވެ.

އޮބްޒާވަރުން ބުނާ ގޮތުގައި ވަރިއަށް އެދިފައިވާ 30 ޕަސެންޓުގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަދި މީގެ ތެރޭގައި ޑޮކްޓަރުންނާއި އިޖްތިމާއީ މަސައްކަތްތަކުގައި އުޅޭ އަންހެނުން އަދި ވަޒީފާތަކަށްދާ އަންހެނުން ގިނަ އެވެ. މިފަދަ މީހުން ނިސްބަތުން ގިނަ ވެފައި ވަނީ ކޮވިޑް-19 އިގެ ވަބާ އާ ގުޅިގެން އެމީހުންނަށް ގިނަ ވަގުތު ހޮސްޕިޓަލުތަކުގައާއި ގެއިން ބޭރުގައި މަސައްކަތް ކުރަން ޖެހުމުން އެމީހުންގެ ފިރިހެން އެމީހުންނަށް ސިއްރުން އެހެން މީހުންންނާ ކައިވެނި ކޮށްފައިވާކަން ފަޅާ އަރައިގެން ކަމަށް ސައޫދީގެ ނޫހަކުން ބުނެފައި ވެއެވެ.

ވަބާގެ ސަބަބުން ގޭގައި ކަރަންޓީނު ވެގެން ތިބެން ޖެހުމާއި، ކާފިއުގެ ސަބަބުން އެއްގޮތަކަށް ވެސް ބޭރަށް ނުކުމެ ނޫޅެވުމަކީ އާއިލީ ބައެއް ސިއްރުތައް ފަޅާ އަރައި ދެމަފިރިންގެ މެދުގައި ޒުވާބު ގަދަވެ ވަރިއާ ހަމައަށް ދާ ސަބަބެކެވެ. ކައިވެނީގެ މައްސަލަތަކުގައި ލަފާ ދޭ ކައުންސިލަރުން ދެމަފިރިންގެ މެދުގައިވާ ޚިޔާލު ތަފާތުވުންތައް ނައްތާލައި ދެވޭތޯ ވަރަށް މަސައްކަތް ކޮށްދިނަސް ގިނަ ފަހަރަށް މި މީހުންގެ މަސައްކަތް ވެސް ވަނީ ނާކާމިޔާބެވެ. ވަރި ނޫން ގޮތެއް ވަރިއަށް އެދޭ މީހާ ބޭނުން ނުވާތީ އެވެ.

ސައޫދީ އަރަބިޔާގައި މިދިޔަ ފެބްރުއަރީ މަހު ކޮށްފައިވަނީ 13،000 ކައިވެންޏެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ފަސް ޕަސެންޓް މަތީ އަދަދެކެވެ. އަދި އެ މުއްދަތުގެ ތެރޭގައި 7،482 މީހުން ވަރިކޮށްފައިވާ ކަމަށް ވެސް އެ ގައުމުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ވަރި ގިނަވި ނަމަވެސް ސައޫދީ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ގޭގައި ގިނަ ވަގުތު އާއިލާއާއެކު ހޭދަކުރަން ޖެހުމުން ދެމަފިރިންގެ ގުޅުން މާ ބޮޑަށް ބަދަހިވެގެން ދާނެ އެވެ. ސަބަބަކީ ދެ މީހުން އެކުގައި ހޭދަކުރަން ލިބޭ ވަގުތު ގިނަ ވުމެވެ. ނަމަވެސް މިކަން ކުރެވޭނީ ގޭގައި ހުންނަ މަސައްކަތްތަކުގައި ވެސް ދެމަފިރިންގެ ބައިވެރިވުން އެއްވަރަކަށް އޮވެގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.