ކުޅިވަރު

މެރަޑޯނާގެ ކުލަބުން އޭނާގެ ކޮންޓްރެކްޓް އާ ކޮށްފި

އާޖަންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މެރަޑޯނާ މިހާރު ކޯޗް ކޮށްދޭ ކުލަބު ހިމްނާސިއާއިން އޭނާގެ ކޮންޓްރެކްޓް އާ ކޮށްފި އެވެ.

އާޖެންޓީނާގެ އެއް ވަނަ ލީގް، ޕްރައިމޭރާ ލީގްގައި ވާދަ ކުރަމުން އަންނަ ހިމްނާސިއާގެ ކޯޗް ކަމަށް މެރަޑޯނާ ހަމަޖެއްސީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އެ ޓީމުގެ ކޯޗް ކަމުން އޭނާ ވަނީ ނޮވެމްބަރު މަހު ވަކި ވެފަ އެވެ. އެހެން ނަމަވެސް އޭގެ ދެ ދުވަސް ފަހުން އަނެއްކާވެސް ހަމަ އެ ކުލަބުގެ ކޯޗް ކަމާ ހަވާލުވި އެވެ. އެނބުރި ޓީމާ ހަވާލު ވުމަށް ފަހު އޭނާ ބުނީ ކުލަބުގެ އެތެރޭގައި އޮތް ސިޔާސީ ބައިބައިވުން ނިމިއްޖެ ކަމަށެވެ.

ސެޕްޓެމްބަރު މަހު އޭނާ އެ ޓީމާއެކު ސޮއި ކުރީ ސިޒަން ނިމެން ދެނެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ކުޅުނު 20 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި އެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން މާޗް މަހު ސީޒަން މެދުކަނޑާލުމަށް ފަހު، ސީޒަންގެ ބާކީ ބައި ކުރިއަށް ކުރިއަށް ނުގެންދެވޭނެތީ ސީޒަން ވަނީ ނިންމާލާފަ އެވެ.

އިއްޔެ 133 ވަނަ އަހަރީ ދުވަސް ފާހަގަ ކުރި އެ ކުލަބުން ބުނީ އަންނަ އަހަރުގެ ނިޔަލަށް އެ ކުލަބުގައި މަޑުކުރުމަށް މެރަޑޯނާ އާއެކު އެއްބަސް ވެފައިވާ ކަމަށެވެ.

މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިން ކެޕްޓަނަކީ ކޯޗެއްގެ ގޮތުގައި އެހާ ކާމިޔާބު މީހެއް ނޫނެވެ. އޭނާ ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އާޖެންޓީނާއަށް ކޯޗް ކޮށްދީފަ އެވެ.