ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ނޭފަތު ބައްޓަން: ފަސޭހައިން ކޮވިޑްޖެހޭ ސަބަބެއް!

ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވާ ވަރަށް ގިނަ ސަބަބުތައް މިހާރު ގިނަ ބަޔަކަށް އެނގޭނެ އެވެ. މިސާލަކަށް ލޭ މައްޗަށް ދިއުން، ހިތުގެ މައްސަލަތައް މިއީ މި ވައިރަހުގެ ނުރައްކާ އިތުރުވާ ކަންކަމެވެ.

ދަ ނިއުޔޯކް ޓައިމްސްގައި ޝާއިއު ކޮށްފައިވާ މުޅިން އާ ރިޕޯޓެއް ބުނާ ގޮތުގައި ކޮރޯނާވައިރަސް އިންސާނުންގެ ހަށިގަނޑަށް ވަނުމުގައި ހަށިގަނޑުގެ މުހިއްމު ގުނަވަނެއްގެ ވަރަށް ބޮޑު ދައުރެއް އެބައޮތެވެ. މި ގުނަވަނަކީ ނޭފަތެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ވަރަށް ފަހުގެ ދިރާސާއަކުން ވަނީ މިކަން ސާބިތުވެފަ އެވެ. ކޮވިޑް-19 ކޮންޓޭޖަން އިންސާނުންގެ ހަށިގަނޑަށް ވާސިލުވުމުގައި ބަލިޖެހިފައިވާ މީހުން ކިނބިހިއަޅާ، ކެއްސަ، އަދި ވާހަކަ ދައްކާ ހަދާއިރު ބޭރުވާ ކުޅު ނުވަތަ ތިކިތަކުގެ ނުރައްކާ ވަރަށް ބޮޑެވެ. މި ދިރާސާގައި މިގޮތަށް ބޭރުވާ ތިކިތަކާއެކު ވައިގެ ތެރެއަށް ޖަމާވާ މި ވައިރަސްގެ އަސަރު އިންސާނުންނަށް ކުރަނީ ކިހާ ވަރަކަށް ކަން ވެސް ބަލާފައި ވެއެވެ. މިއީ ކޮރޯނާވައިރަހުގެ އަސަރު އިންސާނުންނަށް ކުރާ މިންވަރު ދެނެގަންނަން ވަރަށް މުހިއްމު ނުކުތާ އެކެވެ.

އެހެން ގޮތަކަށް ބުނާނަމަ އެމީހެއްގެ ހަށިގަނޑަށް ވަންނަ ޕެތޯޖަންސްގެ މިންވަރަކީ އެމީހެއްގެ ބަލި ހާލަތު ގޯސްވެގެން ދާނެ މިންވަރާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އަދި ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ވައިރަސް ވަނުމުގައި އެންމެ މުހިއްމު ދައުރެއް ކުޅެނީ އެ މީހެއްގެ ނޭފަތެވެ.

މި ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި ވައިރަހަށް މީހާ ހުށަހެޅި އެ ވައިރަސް ނޭވާލުމުގެ ނިޒާމުގެ ތެރެއިން އެމީހާގެ ހަށިގަނޑުގެ ތެރެއަށް ދަތުރު ކުރުމުގައި ނޭފަތުގެ ބައްޓަމާއި ސައިޒު އަދި ނޭފަތުގެ އެތެރެ އުފެދިފައި ހުރި ގޮތް ހީނުކުރާ ވަރުގެ ބޮޑު ރޯލެއް އަދާކުރެ އެވެ.

ނޭފަތުގެ އެތެރެ އުފެދިފައި އިންނަ ގޮތާއި ނޭފަތުގެ ތެރޭގައި އިސްތަށި ހުރި މިންވަރު އަދި ލޮނދި ހުރި މިންވަރަކީ ވެސް ވައިރަސް ނޭފަތަށް ވާސިލުވުމަށް ފަހު ހަށިގަނޑުގެ ތެރެއަށް ދަތުރުކުރުމާ ދެމެދު ހިނގާ މަރުހަލާއަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވާ ކަމެކެވެ. އަދި ކިހާ ވައިރަހެއްތޯ އިންފެކްޝަނަކަށް ވާން ބޭނުންވަނީ ކަނޑައެޅުމުގައި ވެސް ނޭފަތު ތެރޭގައި ވައިރަސް ހޭދަކުރާ ވަގުތު މުހިއްމު ދައުރެއް ކުޅެ އެވެ.

ކޮވިޑް-19ގެ ތިކިތައް ނޭވާލުމުގެ ތެރޭގައި ނޭފަތުން އެތެރެއަށް ދާ ދިއުމަކީ އެމީހަކަށް އެންމެ ބޮޑު ނުރައްކަލާ ކުރިމަތިވާ ވަގުތެވެ. އެކަކު އަނެކަކާ ވީހާވެސް ދުރުގައި އުޅުމަށް ކަމާ ބެހޭ އިދާރާތަކުން އިރުޝާދު ދެނީ މި ސަބަބާ ހެދި އެވެ. ތަނެއްގައި ހޭކިފައި ހުންނަ ވައިރަސް އިންސާނެއްގެ ހަށިގަނޑަށް ވާސިލުވުމާ މީހަކު ކެއްސާ ކިނބިހި އަޅާ އަދި ވާހަކަ ދައްކާ ހަދާއިރު ނުކުންނަ ތިކިތައް ނޭވާލުމުގެ ތެރޭގައި ހަށިގަނޑަށް ވާސިލުވުމާ ހުންނަ ތަފާތުގެ ބޮޑުކަމުންނެވެ.

ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ވައިރަސްތައް ބަލި ނުޖެހި ހުރި މީހެއްގެ ހަށިގަނޑަށް ނޭވާލުމުގެ ނިޒާމުގެ ތެރޭއިން ވަންނަ ވަނުމަކީ މި ބަލީގެ ނުރައްކާ އެންމެ ބޮޑުވާ ގޮތެވެ. ޚާއްސަކޮށް ނޭފަތުގެ އެތެރެ ބޮޑުވެފައި ނޭފަތުގެ ތެރޭގައި އިސްތަށި އެހާ ގިނައިން ނެތްނަމަ މިފަދަ ޖަރާސީމުތަކަށް ވަރަށް ފަސޭހައިން ހަށިގަނޑުގެ ތެރެއަށް ވާސިލު ވެވޭނެ އެވެ. މާސްކް އަޅައިގެން އުޅެން ޖެހެނީ އަދި ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހެނީ މިފަދަ ސަބަބު ތަކާ ހުރެ އެވެ.