ރިޕޯޓް

ހެލްތު އެމަޖެންސީ އިއުލާނު ކުރުމުގައި ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުން

Jun 4, 2020
7

ލިޔުނީ: އުސްތާޒު އަބްދުﷲ ރަޝީދު

ދިވެހިރާއްޖޭގައި ކުއްލިނުރައްކަލުގެ ހާލަތު ފަހަކަށް އައިސް ދެފަހަރެއްގެ މަތިން އިޢުލާނުކޮށްފައިވާތީ ދިވެހިންނަށް ކުއްލި ނުރައްކަލުގެ ހާލަތަކީ އާކަމަކަށް މިހާރު ނުވާނެއެވެ. ނަމަވެސް ޤާނޫނީ ނަޒަރަކުން އެކަންކަން ބަލާ ދިރާސާކުރާ ފަރާތްތަކުން ކޮންމެ ފަހަރަކުވެސް އިޢުލާނުކުރެވޭ ކުއްލި ނުރައްކަލުގެ ހާލަތާގުޅިގެން ސުވާލު އުފައްދާ އެތައްކަމެއް ހުރެއެވެ. އަދި އެކަންކަމާގުޅިގެން އަމާޒުވާ ފާޑުކިއުންތަކާ ގުޅިގެން ކުއްލިނުރައްކަލުގެ ހާލަތު އިޢުލާނުކުރާ ޤަރާރުތަކަށް ބަދަލުގެނެސް ޤާނޫނީ އިމުގެ ތެރެއަށް އެ ޤަރާރުތައް ފެއްތުމަށް މަސައްކަތް ކުރެވެއެވެ. މިގޮތުން އެންމެބޮޑަށް ދިމާވާ މައްސަލައަކީ ކުއްލިނުރައްކަލުގެ ހާލަތުގައިވެސް ހިފެހެއްޓިގެންނުވާނެ ޙައްޤުތައް ހިފެހެއްޓުމެވެ. ނުވަތަ ޙައްޤުތައް ހިފެހެއްޓުމަށް ޤާނޫނުން މަގުދައްކައިދީފައިވާ ގޮތް ދޫކޮށްލާ ޤާނޫނުގައިވާ އުސޫލުގެ ބޭރަށް ދެވުމެވެ.

ޤާނޫނުއަސާސީގެ އެގާރަވަނަ ބާބުގެ ދަށުން ކުއްލިނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީ އެކަމާބެހޭ އުސޫލުތައް އެބާބުގައިވަނީ ބަޔާންކޮށްފައެވެ. ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގައިވަނީ "ޤުދުރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަކަމެއް ކުރިމަތިވެއްޖެނަމަ، ނުވަތަ ބޭރުގެ ހަމަލާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދު ތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލިނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ." މިފަދައިންނެވެ. އަދި ކުއްލިނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށްފަހު އެކަމާބެހޭ ތަފްސީލު ރައްޔިތުންގެ މަޖިލީހަށްދީ، ވަކި މުއްދަތެއްގެ ތެރޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ނެރުނު ޤަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުން ޤާނޫނުއަސާސީގެ 257 ވަނަ މާއްދާއިން ލާޒިމުކުރެއެވެ. އަދި އެޤަރާރާމެދު އުފެދޭ މައްސަލަތައް ސީދާ ހުށަހެޅެނީވެސް ސުޕްރީމް ކޯޓަށެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރާ ކުއްލިނުރައްކަލުގެ ހާލަތުގެ ދަށުން ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރެއިން ހިފެހެއްޓޭނެ ޙައްޤުތަކާއި ނުހިފެހެއްޓޭނެ ޙައްޤުތައްވެސް ޤާނޫނުއަސާސީގައިވަނީ ކަނޑައަޅާފައެވެ. ވުމާއެކު، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް އެކަން ދިގުދެންމުމަކީ ޤާނޫނީ ނަޒަރަކުންބަލާއިރު ކުޑަކަމެއް ނޫނެވެ. ކުއްލިނުރައްކަލުގެ ހާލަތު އިޢުލާނުކުރުމަށްފަހު އެކަމުގެ ޞައްޙަކަންބަލާ ޖަވާބުދާރީކުރުވާނެ ހަރުދަނާ އެތައް އުސޫލުތަކެއް ޤާނޫނުއަސާސީގައިވަނީ ކަނޑައަޅާފައެވެ.

"ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު" އިޢުލާނު ކުރުމުގެ ބާރު ޤާނޫނު ނަންބަރު 2012/07 (ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާއިން މިނިސްޓަރ އޮފް ހެލްތައް ލިބިދެއެވެ. އެމާއްދާގައިވަނީ "ވަކިތަނެއްގައި ވަކި ދުވަހަކު ޢާންމު ޞިއްހަތަށް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމަށް، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، ޑިރެކްޓަރ ޖެނެރަލްއަށް ފެނިއްޖެ ހިނދެއްގައި، އެކަން ރަނގަޅު ކުރުމުގެ ގޮތުން ނުވަތަ އެކަން ހިފެހެއްޓުމުގެ ގޮތުން ޚާއްޞަ ފިވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލްއަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލެއް ކުރިމަތިވެއްޖެކަމުގެ އިޢުލާނު ކުރުމާއި، އެއިޢުލާނު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިޢުލާނު ކުރުމަށް ވަޒީރަށް ލަފާދެވިދާނެއެވެ." މިފަދައިންނެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ "އެގޮތުގެމަތިން ވަޒީރަށް ޑިރެކްޓަރ ޖެނެރަލް ލަފާދީފިނަމަ، ވަކި ސަރަހައްދަކަށް، ވަކި ވަގުތަކަށް، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ހާލަތު ކުރިމަތި ވެއްޖެކަމުގެ އިޢުލާނު ވަޒީރު ކުރަންވާނެއެވެ." މިފަދައިންނެވެ.

ވުމާއެކު، މުޅިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު (އެސްއޯއީ) އިޢުލާނުކުރުމަށް ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން، ވަރަށް ބޮޑު ހިފެހެއްޓުންތަކާއެކު ރައީސުލް ޖުމްހޫރިއްޔާއަށް ބާރު ދީފައިވާ ފަދައިން، މުޅި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިމެއްނެތި އިޢުލާނު ކުރުމުގެ ބާރު ވަޒީރަށް ޤާނޫނުން ލިބިއެއް ނުދެއެވެ. އަދި ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާފަދައިން ވަޒީރަށް ކުއްލިނުރައްކަލުގެ ހާލަތު އިޢުލާނު ކުރެވޭނީ ވަކި ސަރަހައްދަކަށް ވަކި ވަގުތަކަށެވެ. މިސާލަކަށް މާލެ ސަރަޙައްދަށް ނުވަތަ ހެންވޭރަށް ކަނޑައެޅޭވަކި ވަގުތަކަށެވެ. އެ އިމަށްވުރެ ކުއްލިނުރައްކަލުގެ ހާލަތު ފުޅާކުރަންޖެހޭފަދަ ޟަރޫރަތެއް އޮތްނަމަ އެކަން ކުރަންޖެހޭނީ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ސީދާ ރައީސުލްޖުމްހޫރިއްޔާ ކުއްލިނުރައްކަލުގެ ހާލަތެއް އިޢުލާނު ކޮށްގެންނެވެ.

ކުއްލިނުރައްކަލުގެ ހާލަތު އޮތްކަން ހާމަކުރުމަށް މިނިސްޓަރ އޮފް ހެލްތު ނެރުއްވި، ޤަރާރު ނަންބަރު 1/2020 (12 މާޗް 2020) ގައި "މިހިނދުން ފެށިގެން 30 (ތިރީސް) ދުވަހުގެ މުއްދަތަށް، ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފީމެވެ." މިފަދައިން އޮތް ޢިބާރާތުގެ ސަބަބުން ޤާނޫނުން މިނިސްޓަރަށް ލިބިދޭ ބާރުގެ ބޭރަށް ދެވެއެވެ. އެހެނީ، ހުރިހާ ސަރަހައްދެކޭ ޤަރާރުގައި ބުނުމުން ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތުގެމަތިން "ވަކި ސަރަހައްދެއް" ކަނޑަ ނޭޅޭތީއެވެ. އަދި މިހާރު މިނިސްޓަރ އިޢުލާނު ކުރައްވާފައިވާ ކުއްލިނުރައްކަލުގެ ހާލަތުގެ ޞައްޙަކަމާމެދު ޤާނޫނީގޮތުން ސުވާލު އުފެދޭއިރު، ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އަންގާ އެންގުންތަކުގެ ޞައްޙަކަމާމެދު މާބޮޑަށް ސުވާލު އުފެދެއެވެ.

ޢާންމުވެގެންވާ ގޮތެއްގައި މުޅިރަށުގެ ހުރިހާ ފިހާރަތަކާއި ހޮޓާ ކެފޭ ރެސްޓޯރެންޓުތައް ބަންދުކުރުމާއި، ޢާންމުން ގެއިން ބޭރަށް ނުކުތުން މަނާކުރުމަކީ ޤާނޫނުގެ އެއްވެސް މާއްދާއަކުން ނުވަތަ މާއްދާއެއްގެ އަކުރަކުން ކަމަށްވިޔަސް ޑިރެކްޓަރ ޖެނެރަލްއަށް ލިބިދެވޭ ބާރެއްނޫނެވެ. އަދި އެކަން އިތުރަށް ސާބިތުވަނީ ފިހާރަ ކެފޭ ރެސްޓޯރެންޓުތައް ބަންދުކުރުމަށްޓަކައި ޑިރެކްޓަރ ޖެނެރަލް ނެރެއްވާފައިވާ އަމުރުގައި ހަވާލާދީގައިވަނީ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރަށް ހަވާލާދީފައި ވުމުންނެވެ. އެ ނަންބަރުގައިވަނީ "ވަކި ޢިމާރާތަކުން ނުވަތަ ތަނަކުން ދެމުންގެންދާ ޚިދުމަތެއް، ނުވަތަ އެފަދަ ތަނެއްގައި ކުރަމުންދާ މަސައްކަތެއް ހުއްޓާލުމަށް ނުވަތަ މެދުކަނޑާލުމަށް" އެންގުމެވެ. ވުމާއެކު މި ޢިބާރާތުން މި ހަވާލާދެނީ ވަކި ގެއެއް ނުވަތަ ވަކި ޢިމާރާތެއްގައި ހިނގާ ވަކި ކަމެއްކަން ސާފެވެ. އެއީ މުޅިރަށުގެ ހުރިހާތަނެއްކަމަށް ތަރުޖަމާއެއް ނުކުރެވޭނެއެވެ. އެއްގަމު އުޅަނދު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓާލުމަށް އަންގާ ޑިރެކްޓަރ ޖެނެރަލް ނެރެފައިވާ އަމުރުގައި ހަވާލާދީގައިވަނީ ޤާނޫނުގެ 34 ވަނަ މާއްދާގެ (ނ) އަދި (ރ) އަށެވެ. (ނ) ގައިވަނީ "ތަޢުލީމުދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކުރުމަށް އަމުރު ނެރުން" މިފަދައިންނެވެ. އަދި (ރ) ގައިވަނީ "ވަކި ހިސާބުތަކަކަށް ވަކި ވަގުތު ތަކުގައި މީހުން ނުދިއުމަށާއި، އެއްވެ ނޫޅުމަށް އެންގުން" މިފަދައިންނެވެ. ވުމާއެކު، އެމާއްދާތައް މާނަކުރެވޭނީ މާރުކޭޓު ނުވަތަ ބޯޅަދަނޑު ފަދަ މީހުން އެއްވާ ތަންތަނަށް ނުދިއުމާއި، މުޒާހަރާތަކާއި އެއްވުންތައް ބޭއްވުން ވަކި ސަރަހައްދުތަކެއްގައ މަނާކުރުމުގެ މާނާގައެވެ. ޤާނޫނުން އެބާރު ދޭނަމަ "ގެއިން ބޭރަށް ނުކުތުން މަނާކުރުން" މިފަދައިން ލިޔެފައި އޮންނާނެއެވެ. ވުމާއެކު، މުޅި ރަށުގެ އެންމެން ޢާންމުކޮށް ޝާމިލުވާގޮތެއްގައި މަގުމައްޗަށް ނުކުތުން މަނާކުރުމަކީ ޤާނޫނުން ޑިރެކްޓަރ ޖެނެރަލްއަށް ދީފައިވާ ބާރެއްނޫނެވެ. އަދި އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން މަނާކޮށް ނެރެފައިވާ އަމުރު ނެރެފައިވަނީވެސް ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާ ހަވާލާދީއެވެ. ނަމަވެސް އެމާއްދާގެ ޢިބާރާތުގައިވަނީ "ވަކި ހިސާބުތަކަކަށް ވަކި ވަގުތު ތަކުގައި މީހުން ނުދިއުމަށާއި އެއްވެ ނޫޅުމަށް އެންގުން" މިފަދައިންނެވެ. ވުމާއެކު އެއްރަށުން އަނެއްރަށަށް ދަތުރުފަތުރު ކުރުން ހުއްޓުވާފައި އޮތް އޮތުމުގެ ޤާނޫނީ ޞައްޙަކަމާމެދުވެސް ސުވާލު އުފެދެއެވެ.

ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތައް ހަނިކުރުމަކީ ޤާނޫނީ ވަކި ހަމައަކުން ނޫނީ ކުރެވޭނެ ކަމެއްނޫނެވެ. އަދި ޤާނޫނުގެ މާއްދާތައް ތަރުޖަމާކުރުމުގައި ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތައް ޤާނޫނެއްގެ މާއްދާއެއްގެ މާނަކުރުމުގެ ތެރެއިން ނުހިފެހެއްޓޭނެއެވެ. އެކަން ކުރެވޭނެ ޤާނޫނީ ހަމައަކީ ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރާ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނުއަސާސީގެ ވަކި މާއްދާތަކަކަށް ޢަމަލުކުރުން ވަގުތީގޮތުން ހިފެހެއްޓުމެވެ. ނަމަވެސް ވަޒީރު މިހާރު އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނުއަސާސީގެ އެ މާއްދާތައް ވަގުތީގޮތުން ހިފެހެއްޓުމެއްނެތި، ޢާންމުވެގެންވާ ގޮތެއްގައި ޑިރެކްޓަރ ޖެނެރަލްވަނީ ޤާނޫނުއަސާސީގެ 19 މާއްދާއިން ދީފައިވާ މަނާކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަމާއި، 37 ވަނަ މާއްދާއިން ލިބިދޭ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމުގެ ޙައްޤާއި، 40 ވަނަ މާއްދާއިން ލިބިދޭ މުދާ ހޯދުމާއި ވިޔަފާރީގެ މުޢާމަލާތްތައްކޮށް މުދާ މިލްކު ކުރުމުގެ ޙައްޤާއި، 41 ވަނަ މާއްދާއިން ލިބިދޭ ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމުގެ ޙައްޤުވަނީ ހިފަހައްޓާފައެވެ. އެޗްޕީއޭ އިން ނެރެފައިވާ އިދާރީ އަމުރަކުންނެވެ. މިކަންކަމަކީ ރަނގަޅަށްބަލާ ޤާނޫނީ އިމުގެ ތެރެއަށް ފެތޭގޮތަށް ނޫނީ ކުރެވޭނެ ކަންތަކެއް ނޫނެވެ.

މިހާރު އިޢުލާނު ކުރެވިފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ކާންބޯން މަސައްކަތެއް ނުކުރެވި ގޭގައިވަނީ ބަންދުވެފައެވެ. އެހެން ސަރަހައްދުތަކުގެ މީހުންވަނީ ރަށުގައި ބަންދުވެފައެވެ. ސަރުކާރުން މަހުންމަހަށް މުސާރަޖަމާވާ މީހުން ފިޔަވާ އެހެން ގިނަ މީހުންވަނީ ކާންބޯން ލިބޭނެ މަގެއްނެތި ހާލުގައި ޖެހިފައެވެ. ނުވަތަ ދަނީ ހާލުގައި ޖެހެމުންނެވެ. ކޮވިޑާއެކު ދިރިއުޅުމަކީ ހަމައެކަނި އޮތްގޮތް ކަމަށްދެކި ދުނިޔޭގެ ޤައުމުތަކުން ޕޮލިސީތައް ރާވަނީ މަސައްކަތު ނުކުމެ ޤައުމުތަކުގެ އިޤްތިޞާދުގެ އުޑި އެނބުރުމަށެވެ. ރާއްޖޭގައި އެތައްބަޔަކަށް ބަލިޖެހި މިހާރުވެސް ރަނގަޅުވަނީ ޓެސްޓްވެސް ނުކުރެވި ކަމަށް ޞިއްޙީ މާހިރުން އެބަ ވިދާޅުވެއެވެ. ދިފާއީ ބާރު އެކަމުގެ ސަބަބުން ވަރުގަދަވެފައިވާކަމަށްވެސް ވެއެވެ. މާލޭގައި 45 ދުވަހަށް ވުރެ އިތުރަށް ގެއިން ބޭރަށް ނުނުކުމެ ތިބިއިރު އަދިވެސް ޕޮލިސީތައް ބައްޓަންކުރާތަން ފެންނަނީ މީހުން ގޭގައި އޮބަހައްޓައިގެން ބަލި ކޮންޓްރޯލް ކުރުމަށެވެ. ކޮވިޑް ގެ ސަބަބުން މީހުން މަރުވާވަރު މަދުވިޔަސް، އެޑްމިޓް ކުރެވޭވަރު މަދުވިޔަސް، ކޮވިޑްގެ ސަބަބުން ގިނަބަޔަކު ތަހަންމަލުކުރާ ނަފްސާނީ އަދި ޖިސްމާނީ ބަލިމަޑުކަން ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. އަދި ފަރުވާނުލިބި މާބަނޑު އަންހެނުންނާއި ކުޑަކުދިން މަރުވަމުން ދިއުމަކީ އިތުރު ކަންބޮޑުވުމެކެވެ. މުޅި ޤައުމުގެ ފޯކަސްއަކީ ހަމައެކަނި ކޮވިޑަށް ވީމާ އެ ސިޔާސަތު ބަލައިގަންނަން ދަތިވެއެވެ. އަދި ޒިންމާދާރު މަޤާމުތަކުގައި ތިބި ފަރާތްތަކުގެ ޢަމަލުތައް ޤާނޫނީ އިމުގެ ތެރެއަށް ފުރިހަމައަށް ވަދެ މުޅި ޤައުމުގެ މަޞްލަޙަތުގައި ނިންމުންތައް ނިންމާކަމުގެ ކަށަވަރުކަން ރައްޔިތުންނަށް ލިބެންޖެހެއެވެ.

ދުނިޔޭގެ ޤައުމުތަކަށް ބަލާއިރުވެސް ކޮވިޑް-19 އާ ގުޅިގެން އިޢުލާނުކުރެވޭ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމުގައި ޢަމަލުކުރެވިފައިވަނީ އެތަންތަނުގެ ޤާނޫނުތަކާއެއްގޮތަށް އެ ޤައުމުތަކުގެ އެންމެމަތީ ފެންވަރުގައެވެ. މިގޮތުން އެމެރިކާގައި ސްޓޭޓް އޮފް އިމަރޖެންސީ އިޢުލާނުކޮށްފައިވަނީ 2020 މާޗު މަހުގެ 13 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެމެރިކާގައި ކުއްލިނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ފެޑެރަލް ފަންޑުގެ ތެރެއިން ފަންސާސް ބިލިއަން ޑޮލަރ ކޮރޯނާ ވައިރަހާދެކޮޅަށް ކުރެވޭ މަސައްކަތަށް ޚަރަދު ކުރުމުގެ ބާރު ކަމާބެހޭ ޤާނޫނުތައް ސަސްޕެންޑްކޮށް ރައީސަށްވަނީ ލިބިދީފައެވެ. ދިވެހިރާއްޖޭގައި ބިލިއަނަކާގާތަށް ރުފިޔާ، ކޮވިޑްގެ ކަންކަމަށް ޚަރަދު ކުރެވުނުއިރު ހަމައެކަނި ބޭނުންވީ މިނިސްޓްރީ އޮފް ފިނޭންސް ގެ "ޚާއްޞަ ހުއްދަ" އެކެވެ. ނަމަވެސް މިހާލަތުގައި ޤާނޫނީ އުސޫލަކީ ރައީސުލްޖުމްހޫރިއްޔާ ކުއްލިނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ދައުލަތުގެ ޚަރަދަށް ޒިންމާވުމާއި، މާލިއްޔަތުޤާނޫނާއި ގަވާއިދަށް ޢަމަލު ކުރުން ވަކި ހަމަތަކެއްގެ މަތިން މަޑު ޖައްސާލުމެވެ. އަދި ރައްޔިތުންގެ އަސާސީ ޙައްޤެއް ހިފަހައްޓަންޖެހޭނަމަ ޤާނޫނީ އިމުގެ ތެރެއިން އެ ޙައްޤެއް ހިފެހެއްޓުމެވެ.