އެތުލެޓިކޯ މެޑްރިޑް

މޮޅު ކީޕަރުގެ އެވޯޑަކަށް ނުވިސްނަން: އޮބްލެކް

ލަލީގާގެ މޮޅު ކީޕަރުގެ އެވޯޑް ނުވަތަ "ޒަމާރޯ އެވޯޑާ" މެދު ނުވިސްނާ ކަމަށާއި ހުރިހާ ސަމާލު ކަމެއް ހުރީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރަން ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ގޯލް ކީޕަރު ޔޭން އޮބްލެކް ބުނެފި އެވެ.

ޗެމްޕިއަންސް ލީގްގައި އޮބްލެކް ދަނީ، މޮޅު ކުޅުމެއް ދައްކަމުންނެވެ. އެތުލެޓިކޯ ކްއާޓާ ފައިނަލަށް ދަތުރު ކުރީ އޮބްލެކްގެ މޮޅު ކުޅުމާއެކު އެވެ. ސްލޮވޭނިއާގެ ކީޕަރު ބުނީ، އެއީ އޭނާއަށް އެންމެ މުހިންމު މެޗު ކަމުގައި ވެދާނެ ކަމަށެވެ.

"ފަހަރެއްގައި ވެދާނެ އެ މެޗަކީ އަހަންނަށް އެންމެ މުހިންމު މެޗުކަމަށް ވެސް،" އެތުލެޓިކޯގެ ވައިސް ކެޕްޓަންކަން ވެސް ކުރަމުން އަންނަ ކީޕަރު ބުންޏެވެ. "އަހަންނަށް ހީ ވަނީ އެ މެޗުގައި އަހަންނަށް ވަރަށް ރަނގަޅަށް ކުޅެވުނު ހެން."

ޗެމްޕިއަންސް ލީގްގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން ދިޔަ ނަމަވެސް ލަލީގާގައި އެތުލެޓިކޯއަށް ވަނީ އުނދަގޫ ކަުރިމަތި ވެފަ އެވެ. މި ވަގުތު އެ ޓީމު އޮތީ ތާވަލުގެ ހަ ވަނައިގަ އެވެ. އޮބްލެކް ބުނީ، މިއީ އުނދަގޫ ސީޒަނެއް ކަމަށާއި ކޮރޯނާ ވައިރަސް އަށް ފަހު ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުމުން އިތުރަށް އުނދަގޫ ކުރިމަތިވާނެ ކަމަށެވެ.

އޭނާ ބުނީ އެވޯޑަށް ނުވިސްނާ ކަމަށެވެ. މި ސީިޒަންގައި މޮޅު ކީޕަރުގެ އެވޯޑަށް ވާދަވެރި ރެއާލް މެޑްރިޑްގެ ކީޕަރު ޓިބޯ ކޯޓްއާ އެކު އިތުރު ތިން ކީޕަރުން ވާދަ ކުރާ ކަމަށެވެ.

"އެވޯޑަކާ މެދު ނުވިސްނަން،" ލަލީގާގެ މޮޅު ކީޕަރުގެ އެވޯޑް 2015 ވަނަ އަހަރު ހޯދި ކީޕަރު ބުންޏެވެ. "އަހަރެން ވިސްނުން މިހުރީ ޗެމްޕިއަންސް ލީގް ކާމިޔާބު ކުރަން."