ބޭރު ކުޅިވަރު

ޑިއެގޯ ކޯސްޓާ ތިން މެޗަށް ސަސްޕެންޑްކޮށްފި

Sep 23, 2015

އިނގިރޭސި ޕްރެމިއާ ލީގުގައި ޗެލްސީ އަތުން އާސެނަލްމިދިޔަ ހޮނިހިރު ދުވަހު 2-0 އިން ބަލިވި މެޗުގައި އާސެނަލްގެ ލޯރަންޓް ކޮޝިއެލްނީގެ މޫނުމަތީގައި ޖެހި މައްސަލާގައި ޗެލްސީގެ ފޯވަޑް ޑިއެގޯ ކޯސްޓާ ތިން މެޗަށް ސަސްޕެންޑްކޮށްފި އެވެ.

އިނގިރޭސި އެފްއޭއިން ކޯސްޓާ ސަސްޕެންޑްމި ކުރީ އޭނާ ކުރި ފައުލް ރެފްރީންނަށް ނުފެނި މެޗުގައި އެއްވެސް އަދަބެއްނުލިބި ސަލާމަތްވެފައިވަނިކޮށެވެ. ނަމަވެސް އިނގިރޭސި އެފްއޭއިން އޭނާގެ ވީޑިއޯ އެއްކޮށް މި މައްސަލަ ޑިސިޕްލިނަރީ ކޮމިޓީ އަށް ފޮނުވީ އާސެނަލްގެ ކޯޗު އާސެން ވެންގާ މި މައްސަލާގައި ފާޑުކިއުމުންނެވެ.

ވެންގާ ބުނީ މެޗުގައި އާސެނަލްގެ ދެ ކުޅުންތެރިއަކަށް ރަތްކާޑު ދައްކަން ޖެހުނީ ވެސް ކޯސްޓާއާ ހެދި ކަމަށާއި ނަމަވެސް ގޯސްހެދި ކުޅުންތެރިޔާ އަށް ރެފްރީގެ އަދަބެއްނުލިބުނު ކަމަށެވެ. އަދި މިފަދަ ކުށްތައް ކުރުމަށް މީގެ ކުރިން ކޯސްޓާ ސަލާމަތްވެފައިވާ ކަމަށާއި އެއީ ރެފްރީގެ ފެންވަރު ދަށްވުމުން މެދުވެރިވާ ކަމެއް ކަމަށެވެ.

ކޯސްޓާގެ ސަސްޕެންޝަނުގެ ސަބަބުން ލީގު ކަޕް މެޗަކާއި ޕްރެމިއާ ލީގުގައި ސަންޑަލޭންޑާއި ނިއުކާސަލްއާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗު އޭނާ އަށް ގެއްލޭނެ އެވެ. އަނެއްކޮޅުން މެޗުގައި ރަތްކާޑު ދެއްކި އާސެނަލްގެ ގެބްރިއަލް އަށް ދެއްކި ރަތްކާޑުގެ މައްސަލަ އިސްތިއުނާފުކޮށް އެކަމުގައި އާސެނަލް ކާމިޔާބު ހޯދައިފި އެވެ.

ޗެލްސީގެ ފޯވަޑް ޑިއެގޯ ކޯސްޓާ އަށް ފައުލްކޮށްގެން ގެބްރިއަލް އަށް ރެފްރީ މައިކް ޑީން ރަތްކާޑު ދެއްކުމާއެކު އޭނާ އަށް ތިން މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވި އެވެ. ނަމަވެސް އާސެނަލްއިން މައްސަލަ އިސްތިއުނާފުކޮށް ކާމިޔާބު ހޯދުމުން އެ ތިން މެޗުގެ ސަސްޕެންޝަން ވަނީ ފިލާފަ އެވެ.