މާލޭ ސިޓީގައި ވެހިކަލް ކޮންޓްރޯލް ކުރަން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ މާލޭގައި ދުއްވޭނެ ވެހިކަލްގެ އަދަދެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މި ރޭ އޮތް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މާލޭ ސިޓީގައި ވެހިކަލް ގިނަ ވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ އެކަން ހައްލު ކުރަން ވެހިކަލް ކޮންޓްރޯލް ކުރަން އަމާޒުކޮށް ހާއްސަ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ. އަދ ބާ ވެހިކަލްތައް އަދި ވަކި މުއްދަތަކަށް ބޭނުން ކޮށްފައިވާ ވެހިކަލް ބޭނުން ނުކުރެވޭނެ ގޮތްތަކެއް ހަދަން ހުށައަޅާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިވަގުތު މާލެ ސިޓީގައި ބޭނުންކުރަމުންދާ ވެހިކަލްތަކުގެ ތެރޭގައި ވަރަށް ބާވެފައިވާ ޓެކްސީތައް ހިމެނޭ ކަމަށާ ނަމަވެސް ވެހިކަލް ކޮންޓްރޯލް ކުރުމަށް ކުއްލިއަކަށް ވެހިކަލްތައް ބޭނުން ނުކުރެވޭނެ ކަމަށް އެންގުން އެއީ ހައްލެއް ނޫން ކަމަށެވެ. ޓެކްސީ ކުރާ މީހުންނަކީ ބޮޑު އާބާދީއެއް ކަމަށާ އެެހެން ކަމުން ބާ ވެހިކަލްތައް ބޭނުންކުރުން މަނާ ކުރެވޭނީ އެ މަސައްކަތް ކުރާ މީހުންނަށް އަލުން ޓެކްސީއެއް ގަނެވޭނެ އިންތިޒާމެއްގެ ތެރެއިން ލޯން ލިބޭނެ އުސޫލެއް ހަމަޖެއްސުމަށްފަހު ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ ލޯން ސްކީމެއް ނަމަވެސް އެ ބޭފުޅުންނަށް އޮންނަން ޖެހޭ ކަމަށް. އެގޮތަށް އަމަލު ކޮށްގެން ނަމަވެސް ވެހިކަލް މަދު ކުރުމަށް މަސައްކަތް ކުރަންޖެހޭ،" ނަހުލާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ މާލެ ސިޓީގައި ދުވޭނެ ވެހިކަލްތަކުގެ ވަކި އަދަދެއް މިހާތަނަށް ވެސް ކަނޑައެޅިފައި ނެތް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތާ މާލެ ސިޓީގައި ދުއްވޭނެ ސައިކަލާއި، ކާރު އަދި ޕިކަޕް ފަދަ ވެހިކަލްތަކުގެ އަދަދެއް ކަނޑައެޅުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
މާލެ ސިޓީގައި ވެހިކަލް ގިނަވެ އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު އެ މައްސަލަތަކަށް ހައްލު ހޯދަން ކޮންމެ ސަރުކާރަކުން ވެސް ވާހަކަތައް ދައްކަ އެވެ. ނަމަވެެސް އަމަލީ ގޮތުން މިހާތަނަށް އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.