ބޭރު ކުޅިވަރު

މޮރީނިއޯއާ ހެދި އެންމެފަހުން އީވާ ޗެލްސީން ވަކިވެއްޖެ

Sep 23, 2015

ކޯޗު ހޮސޭ މޮރީނިއޯއާ މައްސަލަ ޖެހިފައިވުމުން ޗެލްސީގެ ޑޮކްޓަރު އިވާ ކަރެނެއިރޯ އެންމެ ފަހުން ކުލަބުން ވަކިވެއްޖެ އެވެ.

އިވާ ޗެލްސީން ވަކިވީ އޭނާ އަލުން މަސައްކަތަށް ނުކުތުމަށް ޗެލްސީން އެދިފައިވަނިކޮށެވެ. ނަމަވެސް ކޯޗު މޮރީނިއޯއާ މައްސަލަޖެހި މީގެ ހަ ހަފުތާ ކުރިން އޭނާ އަށް ބެންޗަށް އަދި ޓީމާއެކު ޗެލްސީގެ ޓްރޭނިން ދަނޑު ނޫންތަކަށް ނުދެވޭ ގޮތަށް މަގާމު ދަށްކުރުމުން އޭނާ ވަނީ އަލުން މަސައްކަތު ނުނުކުތުމަށް ނިންމައިފަ އެވެ. އަދި މި މައްސަލާގައި އޭނާ ގާނޫނީ ޗެލްސީއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިނގިރޭސިނޫސްތަކުން ޔަގީންކުރެ އެވެ.

އީވާ އާއި މޮރީނިއޯއާ ދެމެދު މައްސަލަޖެހުނީ ކީޕަރު ތިބައޫޓް ކޯޓުއާ އަށް ރަތްކާޑު ދެއްކުމުން އެކަކު މަދުކޮށް ސްވަންސީ މެޗު ކުޅެނިކޮށް، އެޑެން ހަޒާޑަށް އަނިޔާ ނުވަނީސް އޭނާ އަށް ފަރުވާދިނުމަށް ދަނޑަށް އެރުމުންނެވެ. މި މައްސަލާގައި އީވާގެ އިތުރުން ޑޮކްޓަރ މައިކް ފެރަން ވެސް ވަނީ މަގާމު ދަށްކޮށްފަ އެވެ.

ނަމަވެސް އީވާ އަށް ޖިންސީގޮތުން މަލާމާތްރައްދުވާފަދަ ބަސްތަކެއް މޮރީނިއޯ ބުނިކަމަށް އިނގިރޭސި އެފްއޭއަށް ބަޔަކު މައްސަލަ ހުށަހެޅުމުން އެކަން މިހާރު ދަނީ ބަލަމުންނެވެ. އިނގިރޭސި އެފްއޭގެ ގަވާއިދުގައިވާ ގޮތުން އޮފިޝަލުން އެކަކު އަނެކާ ދިމާލަށް އެފަދަ ބަސްތައް ބޭނުންކޮށްގެންނުވާނެ އެވެ. އަދި މިކަން ސާބިތުވެއްޖެނަމަ މޮރީނިއޯ އަށް އަދަބުދޭނެ އެވެ.

އީވާ، 42، ގެ މައްސަލާގައި އިނގިރޭސި އެފްއޭ ހިންގާ ކޮމިޓީގައި ހިމެނޭ އަންހެން މެމްބަރު ވަނީ ކަންބޮޑުވުން ފާޅުކޮށް އީވާއާ އެއްކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދައްކާފަ އެވެ.