ބޭރު ކުޅިވަރު

ނުވަ މިނިޓް ތެރޭގައި ފަސް ގޯލު ޖަހައިގެން ލެވޮންޑޯސްކީ އަށް ރެކޯޑްތަކެއް

Sep 23, 2015

ނުވަ މިނިޓް ތެރޭގައި ފަސް ގޯލު ޖަހައިގެން ބަޔާން މިއުނިކްގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އަށް ރެކޯޑްތަކެއް ލިބިއްޖެ އެވެ.

އޭނާ ފަސް ގޯލު މިޖެހީ ޖަރުމަނު ލީގުގައި ވުލްފުސްބާގް އަތުން 6-0އިން މޮޅުވި މެޗުގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އޭނާ ފުރަތަމަ ގޯލު ޖެހީ 50 ވަނަ މިނިޓްގަ އެވެ. ދެ ވަނަ ލަނޑު ޖެހީ އޭގެ އެއް މިނިޓް ފަހުންނެވެ. އަދި 54 ވަނަ މިނިޓްގައި އޭނާ ޖެހި ބޯޅައެއް ދަނޑީގައި ޖެހުނުއިރު، ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހެދީ އޭގެ ސިކުންތުކޮޅެއް ފަހުންނެވެ. މެޗުގައި އޭނާގެ ހަތަރު ވަނަ ލަނޑު ޖެހީ 56 ވަނަ މިނިޓްގަ އެވެ. އަދި ފަސް ވަނަ ލަނޑު ޖެހީ 59 ވަނަ މިނިޓްގަ އެވެ.

މިއާއެކު އޭނާ ވެފައިވަނީ ލީގުގައި އެންމެ އަވަސް ހެޓްރިކެއް ހެދި ކުޅުންތެރިޔާ އަށެވެ. އަދި 1984 ވަނަ އަހަރުގެ ފަހުން ލީގުގައި ބަޔާން އަށް ފަސް ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މީގެ އިތުރުން ލީގުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ފަސް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

މި މޮޅާއެކު ޖަރުމަނު ލީގުގައި ބަޔާން މިއުނިކް ކުޅުނު ހުރިހާ މެޗަކުން ކުރީގައި އޮތްއިރު ލެވޮންޑޯސްކީ ބުނީ ފަސް ލަނޑު ޖެހޭނެ ކަމަށް އޭނާ އުއްމީދުވެސް ނުކުރާ ކަމަށާއި ނަމަވެސް ފުޓްބޯޅައަކީ ބައެއް ފަހަރު އަޖާއިބެއްފަދަ ކަމެއް ކަމަށެވެ.

ކޯޗު ޕެޕް ގާޑިއޯލާ ވެސް ބުނީ ނުވަ މިނިޓް ތެރޭގައި ފަސް ގޯލު ޖަހާތަން ދެން އޭނާ އަށް ހަޔާތުގައި ވެސް ނުފެނުން އެކަށީގެންވާ ކަމަށާއި މިފަދަ އަޖާއިބު ކަންތައްތައް ފެންނާނީ ވަރަށް މަދުން ކަމަށެވެ.