މެސީ

މެސީ އަނިޔާގައި، ފުރަތަމަ މެޗަށް ފިޓްވޭތޯ ބަލަނީ

އެފްސީ ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަލަމަސްގަނޑަށް އަނިޔާ ވެފައި ވުމުން، ލަލީގާ އަލުން ފަށާއިރު ބާސާ ކުޅޭ ފުރަތަމަ މެޗަށް އޭނާ ފިޓް ވެދާނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

ބާސާއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، މެސީގެ ފަލަ މަސްގަނޑަށް އަނިޔާ ވެފައިވާ ކަމަށާއި، އިތުރަށް ރިސްކު ކުޑަ ކުރުމަށް ޓީމާ ވަކިން ހާއްސަ ކަސްރަތުތަކެއް ކުރަމުން ގެންދާ ކަމަށެވެ.

ލަލީގާގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް އަނިޔާވީ، ކޮރޯނާ ވައިރަސްއަށް ފަހު އަލުން ލީގަށް ތައްޔާރު ވުމަށް ޓީމު އެކުގައި ޕްރެކްޓިސް ކުރަމުން ދަނިކޮށެވެ. ބާސާއިން ބުނީ އަނިޔާ ސީރިއަސް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ފުރަތަމަ މެޗަށް އޭނާ ފިޓް ކުރެވޭތޯ ބަލަމުންދާ ކަމަށް ވެސް ބާސާއިން ބުނެ އެވެ.

އެ ކުލަބުގެ ޒުވާން ފޯވަޑް އަންސުމާން ފާޓީ (އަންސޫ ފާޓީ) އަށްވެސް އަނިޔާ ވެފައި ވުމުން އޭނާ ވެސް ފަރިތަ ކުރުންތައް ކުރިއަށް ގެންދަނީ ޓީމާ ވަކިންނެވެ.

ލަލީގާގެ ކުޅުން ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސެވިއްޔާ އާއި ރެއާލް ބެޓިސް ކުޅޭ ޑާބީ މެޗުންނެވެ. ބާސާ ކުޅޭ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ މަޔޯކާ އާ ދެކޮޅަށެވެ.

ބާސެލޯނާ އެއް ވަނައިގައި އޮތީ، ވާދަވެރި ރެއާލް މެޑްރިޑަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.