ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ސްޕޭން އަށް ފުޓުބޯޅަ، ރާއްޖެ އަށް ޓޫރިޒަމް

ދުނިޔޭގެ އެކި ގައުމުތަކުގެ އިގްތިސޯދީ ހަރަކާތް ބަރޯސާ ވެފައި އޮންނަނީ އެކި ކަންކަމަށެވެ. ފުޓުބޯޅަށް މަރުދޭ ސްޕޭންގެ އިގްތިސޯދުގައި ޕްރޮފެޝަނަލް ފުޓުބޯޅައިގެ ހިއްސާ ވަރަށް ބޮޑެވެ.

އަހަރެއްގެ މައްޗަށް 2.6 ބިލިއަން ޔޫރޯގެ ސްޕޭންގެ އިގްތިސޯދަށް ފުޅުބޯޅަ އިން ސީދާކޮށް ލިބެ އެވެ. އެކަމަކު، ކޮވިޑް-19 ފެތުރި ސްޕޭންގެ ފުޅުބޯޅަ ދަނޑުތައް ބަންދުވެ، ބަލީގެ ބިރަށް އެންމެން ގެއަށް ވަންނަން މަޖުބޫރުވުމުގެ ނަތީޖާއަކީ ސްޕޭން އާބާދީގެ ބޮޑު ބަޔަކަށް މީގެ ގެއްލުމާއި ވޭން ފޯރުމެވެ. އެ ގައުމުން އެންމެ އަވަހަށް ފުޓުބޯޅަ ފަށަން ބޭނުންވީ އެހެންވެ އެވެ.

ސްޕޭން އެކޭ އެއްގޮތަށް، ދިވެހިންގެ ދިރިއުޅުން އޮތީ ޓޫރިޒަމްގެ މައްޗަށް ލެނބިފަ އެވެ. ރާއްޖޭގެ ޖީޑީޕީގައި ނުސީދާ ގޮތަށް ޓޫރިޒަމްގެ ހިއްސާ 70 ޕަސެންޓަށް ވުރެ މައްޗެވެ. ޓޫރިޒަމްގެ ގުޅުން އެންމެ ކުޑަ އާއިލާއިން ފެށިގެން މަހުޖަނު މީހާގެ އާއިލާ ވެސް އޮތީ ލާމެހިފަ އެވެ. ސްޕޭންގެ ރައްޔިތުންނަށް ފުޓުބޯޅައާ ނުލައި ދިރިއުޅެން ދަތިވާ ގޮތަށް، ދިވެހިންނަށް ޓޫރިޒަމްއާ ނުލައި އުޅުމަކީ ވޭނެކޭ ބުނެވި ދާނެ އެވެ. ސްޕޭން ރައްޔިތުންނަށް ފުޓުބޯޅަ ވަރަށް މުހިންމުވާ ގޮތަށް، ދިވެހިނަށް ޓޫރިޒަމް ވަރަށް މުހިންމުވެ އެވެ.

ރާއްޖޭން ޓޫރިޒަމް ހުޅުވާލަން އެ ވަރަށް މަސައްކަތް ކުރަނީ މިހެންވެ އެވެ. ޓޫރިޒަމް ހުޅުވާލަން ޖުލައި މަހަށް ތާރީހު ޖަހާފައިވާއިރު، ރާއްޖެ މައި ދޮރު ނުހުޅުވަ މަޑުކުރާ ކޮންމެ ދުވަހަކީ ދިވެހިންގެ ދިރިއުޅުން އަނަރޫފަވަމުން ދާނެ ދުވަހަށް ވާނެ އެވެ. ޓޫރިޒަމް ނެތްނަމަ ދައުލަތުގެ އާމްދަނީ ދާނީ ދަށަށެވެ. ރިސޯޓުތައް ބަންދުކޮށްފައި އޮންނަ ނަމަ އަތޮޅުތަކަށް ފަގީރުކަން އާއްމުވާނެ އެވެ. ވަޒީފާ ނެތް އާބާދީ ގިނަވެ، އިޖުތިމާއީ މައްސަލަތައް ކުދިކުދި ރައްތައް މިހާރަށްވުރެ ހާސްބައި ބޮޑަށް ވަށާލާނެ އެވެ.

ސްޕޭންގެ ފުޓުބޯޅަ ދަނޑުތައް ހުޅުވުމުން ފިހާރަތަކަށް ވަންނަ އާމްދަނީ މަތިވެގެންދެ އެވެ. އާއްމުންގެ އަތްމަތި ތިޔާގިވެ އުފާވެރިކަން ލިބެ އެވެ. މިގޮތަށް ރާއްޖޭގެ ޓޫރިޒަމް ފެށުމުން ދިވެހިންގެ ދިރިއުޅުމުން ވެސް މި ބަދަލު ފެންނަން ފަށާނެކަން 17، އެޕްރީލް 2020 ވަނަ ދުވަހާ ހަމައަށް ބަލާލުމުން އެނގޭނެ އެވެ.

ސްޕޭން، އެންމެ ބޮޑު އެއް ކްލަބް ކަމަށްވާ ބާސެލޯނާގެ ބޮޑު ބާޒާރުގައި ދެކޮޅަށް ހިނގާލާއިރު ފިހާރަ ތަކުން މުޅިން ފެންނާނީ "ބާސާ" އެވެ. ފަންސޫރެއް ފެނުނަސް އެއީ ބާސާ އެވެ. ޓެޑީ ބެއާއެއް ނޫނީ ތުވާޔެއް ފެނުނަސް އޭގައި ވެސް ބާސާ ޖަހައިގެން ނޫނީ ނުވިކެ އެވެ. އެގޮތަށް ރާއްޖޭގެ ޓޫރިޒަމް ވެސް ފެށިގެން ނޫނީ މޯލްޑިވްސް ވިއްކޭނެ ގޮތެއް ވިއްކޭކަށް ނެތެވެ. ފިހާރަ ތަކަށް ދިއުން ގެނެވޭކަން ނެތެ އެވެ. އެ ގޮތަށް މެޑްރިޑުގެ މަގުމަތިނަމަ ފެންނާނީ ރެއާލް އެވެ.

ސްޕޭންގެ ރައްޔިތުންނެކޭ އެއްގޮތަށް ދިވެހިން ވެސް ބްރޭންޑް ވިއްކަ އެވެ. ދިވެހި މަސައްކަތްތެރިންގެ އެތަށް ބުރަ މަސައްތަކުން "ދިވެހިރާއްޖެ" ޖަހައިގެން ތައްޔާރު ކުރި އެތަށް އެއްޗެއް ނުވިކި އެބަހުއްޓެވެ. މަދު ވަސީލަތްތަތަކާއެކު އެކްސްރޭގަނޑު ކަފައި ބެޓިކް ކުލައިގެން "އައިލަވް މޯލްޑިވްސް" ޖެހި އެތަށް ޓީޝާޓެއް ނުވިކި ހުރުމުން ބޮޑު ގެއްލުމެއް އެބަވެ އެވެ. އަމިއްލަ އަށް ބުރަ މަސައްކަތުން "ސަލާން ޖަހައިގެން" ލޯނު ނަގައިގެން ފެށި މަސައްކަތުން އުފެއްދި ތަކެތި ވިކެން ފެށުން އޮތީ ޓޫރިޒަމް ހުޅުވުމާ ގުޅިފަ އެވެ.

ސްޕޭންގެ ރައްޔިތުން ފުޓުބޯޅަަށް ފޯރި ނަގާ ގޮތަށް ރާއްޖޭގެ ރަށްރަށުގައި ވެސް މިހާރު ޓޫރިޒަމްގެ ފޯރި ކުޑައެއް ނޫނެވެ. މީގެ އެގާރަ ވަރަކަށް އަހަރު ކުރިން ޓޫރިޒަމަށް އަލަށް އުފަންވި ރަށު ޓޫރިޒަމް ނުވަތަ ގެސްޓްހައުސް ވިޔަފާރީގެ ގިނަ ރަށްރަށުގައި މިހާރު ކުރެ އެވެ. އެ ފޯރީގައި އާއިލާތައް އެއްކޮށް ބައިވެރިވެ އެވެ. ގޭގައި އާއިލާ އުޅެން ދެ ކޮޓަރި ބަހައްޓާފަ، ގޭގެ ފުރަގަހުގައި އިތުރު ދެ ކޮޓަރި ހަދައިގެން ޓޫރިސްޓުން ގެނެސްގެން ދިރިއުޅުން ހަމަޖެއްސި އާއިލާތައް ވެސް މަދެއް ނޫނެވެ.

މި އާއިލާ ތަކުން މީގެ ދެ މަސް ކުރިއާ ހަމައަށް ދުނިޔެ އަށް ދައްކަމުން ދިޔައީ، ދިވެހިން ކާބަފައިންގެ މެހުމާންދާރީ އަދާކުރުމުގެ މޮޅު ހުނަރު ތަކެވެ. ޓޫރިސްޓުން އައުމުން މަންމަ ކައްކާފަ ކާންދެ އެވެ. ބައްޕަ އާއި ދަރިފުޅު ދަނީ އެ މީހުން ގޮވައިގެން ފީނާލަން ނޫނީ މަހަށެވެ. މި އަށް ވުރެ މި ވިޔަފާރި ފުޅާކުރި މީހުން 100 ކޮޓަރިން ފެށިގެން 200 ކޮޓަރި ފަހަނައަޅައި ސިޓީ ހޮޓާ ދަރަޖަ އަށް މި މަސައްކަތް ފުޅާކޮށްފި އެވެ. މި މަސައްކަތްތެރިން ވެސް މިހާރު ތިބީ ޓޫރިޒަމް ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި ކަލަންޑަރުގެ ގަނޑުތައް އުކާލަ އުކާލަ އެވެ.

ސްޕޭންގެ ރައްޔިތުންނަށް ފޯރީގައި ފުޓުބޯޅަ ބަލަންދާ ގޮތަށް، ދިވެހިން މަސައްކަތްތެރިން ކޮންމެ ދުވަހެއްގެ އިރު ފެނުން ތޮޅެލާ ތަނުން ޓޫރިޒަމްގެ މަސައްކަތް ފަށަ އެވެ. އެހެންވެ، ސްޕޭން ރައްޔިތުންނަށް ޓޫރިޒަމް މުހިންމުވާ ގޮތަށް ދިވެހިންނަށް ޓޫރިޒަމްގެ މުހިންމުކަން ބޮޑުވެ އެވެ. ސްޕޭން ރައްޔިތުންގެ ލެއަކީ ފުޓުބޯޅައޭ ބުނާ ގޮތަށް ދިވެހިންގެ ލޭ ވެސް ގުޅިފައިވަނީ ޓޫރިޒަމްއާ އެވެ. ސްޕޭން ރައްޔިތުންނަށް ފުޓުބޯޅަ އޮންނަ ގޮތަށް ދިވެހިންނަށް އޮތީ ޓޫރިޒަމެވެ.