ތެހެރާނު (ޖޫން 6) - އިރާނުގައި އަނެއްކާވެސް ކޮވިޑް-19 އިގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެގެން ދިއުމާއެކު، ބަލިމަޑުކަމުން އަރައިގަނެ އާއްމު ހާލަތަށް އެނބުރި ދިއުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއްޖެ އެވެ.
އެގޮތުން، މި މަސް ފެށުނު ފަހުން ދުވާލަކު އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ގާތްގަނޑަކަށް 3،000 ގައި ހުރުމަށްފަހު، މިދިއަ ބުރާސްފަތި ދުވަހު އެ އަދަދު ވަނީ 3،574 އަށް އަރައިފަ އެވެ.
ކޭސްތައް އަނެއްކާވެސް އިތުރުވެފައިވަނީ، ބަލި ފެތުރުން މަޑުޖެހި، ލޮކްޑައުނަށް ބައެއް ލުއިތައް ދިނުމަށް ފަހު އެވެ. އެގޮތުން، މިދިއަ މަހުގެ 12 ވަނަ ދުވަހުގެ ފެށިގެން، ލައިލަތުލްގަދުރި ވިލޭރޭ ފާހަގަކުރުމަށް ތިން ދުވަހަށް މިސްކިތްތައް ހުޅުވައިލި އެވެ. އެ ހަފްތާ ބަންދާ ދިމާކޮށް، ގިނަ ބައަކު ވަނީ އާއިލާ ކައިރިއަށް ދަތުރުކޮށްފައި އެވެ.
އެގޮތުން، މެއި 25 އިން ޖޫން 1 އާ ދެމެދު ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ވަނީ 338 އިން 652 އަށް އިތުރުވެފަ އެވެ. އަދި އެ މުއްދަތުގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ 34 އިން 54 އަށް އިތުރުވެފަ އެވެ.
އިރާނުގެ ރެޑް ކްރެސެންޓުން ގަބޫލުކުރާ ގޮތުގައި، ކޭސްތައް އަނެއްކާވެސް އިތުރުވުމުގެ ފަހަތުގައި މައިގަނޑު ދެ ސަބަބެއްވެ އެވެ. އެއް ސަބަބަކީ، ކުރިއާ އަޅާބަލާއިރު، ޓެސްޓު ކުރާ މިންވަރު އިތުރުވުމެވެ. އަދި އަނެއް ސަބަބަކީ، ލޮކްޑައުންގެ ފިޔަވަޅުތަކަށް އާއްމުން ތަބާވާ މިންވަރު މިހާރު މަދުވުމެވެ.
އެގޮތުން، އިރާނުގެ ހެލްތު މިނިސްޓްރީން ދާދި ފަހުން ހެދި ޕޯލެއްގައި ދައްކާ ގޮތުން، ގައިދުރުކުރުމާއި މާސްކު އެޅުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރައްޔިތުން ތަބާވާ މިންވަރު ވަނީ 90 ޕަސަންޓުން 40 ޕަސަންޓަށް ތިރިވެފަ އެވެ.
އެކަމާއެކު، ބަލިމަޑުކަން އަދިވެސް ކޮންޓްރޯލް ނުވާކަމަށް ބުނެ ހެލްތު މިނިސްޓްރީން ވަނީ އަނެއްކާވެސް އާއްމުންނަށްދޭ އިންޒާރުތަކާއި އިލްތިމާސްތައް ތަކުރާރު ކުރަން ފަށައިފަ އެވެ.
ނަމަވެސް، ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، ކޭސްތައް އަނެއްކާވެސް އިތުރުވެގެން ދިއުމުގައި ސަރުކާރުގެ އިހުމާލު ބޮޑު ކަމަށެވެ.
އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް އެކަށީގެންނުވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވާން ފަށައިފަ އެވެ.
އިރާނުގައި ކޮވިޑް-19 ޖެހުނު ޖުމްލަ އަދަދު 167،000 އަރާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 8،100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.