ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިރާނުގައި މަރުގެ އަދަދު އޮޅުވާލާފައިވާ ކަމުގެ ތުހުމަތު

Aug 3, 2020

ތެހެރާން (އޯގަސްޓް 3) - އިރާނުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ރަސްމީ އަދަދަށްވުރެ ތިން ގުނައަށް މީހުން މަރުވެފައިވާ ކަމަށާއި، މަރުގެ ހަގީގީ އަދަދު ސަރުކާރުން އޮޅުވާލާފައިވާކަމަށް ބީބީސީން ކުރި ތަހުގީގު ރިޕޯޓެއްގައި ބުނެފި އެވެ.

ސަރުކާރުން ފޮރުވާފައިވާކަމަށް ތުހުމަތުކުރާ ތަފާސް ހިސާބުތަކާ ހަވާލާދީ، ބީބީސީން ބުނީ މިދިއަ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ގާތްގަނޑަކަށް 42،000 މީހުން މަރުވެފައިވީ ނަމަވެސް، އިރާނުގެ ހެލްތު މިނިސްޓްރީން ރަސްމީކޮށް ރިޕޯޓުކޮށްފައިވަނީ އެންމެ 14،405 މަރު ކަމަށެވެ.

މަރުގެ އަދަދުގެ އިތުރުން، އިރާނުގައި ބަލި ޖެހުނުކަމަށް އެ މުއްދަތުގެ ތެރޭގައި ރަސްމީކޮށް ރިޕޯޓުކުރި އަދަދަށްވުރެ، ހަގީގީ އަދަދު ދެ ގުނަ އިތުރުކަމަށްވެސް ވަނީ ބުނެފަ އެވެ. އެގޮތުން، ބަލި ޖެހުނުކަމަށް 278،827 ރިޕޯޓުކޮށްފައިވީ ނަމަވެސް، ހަގީގީ އަދަދަކީ 451،024 ކަމަށް ބީބީސީން އިތުރަށް ބުނެފައިވެ އެވެ.

މީގެ އިތުރުން، ކޮވިޑުގައި އެންމެ ފުރަތަމަ އީރާނުން މީހަކު މަރުވެފައި ވަނީ 22 ޖެނުއަރީގައި ކަމަށް ސަރުކާރުގެ ރެކޯޑުތަކުގައި އޮތް ނަމަވެސް އެގައުމުން ވައިރަސް ފެނުނުކަން އިއުލާން ކުރީ އޭގެ އެއް މަސް ފަހުންކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އިރާނުގެ އަދަދުތަކާ ގުޅޭގޮތުން ސިއްހީ މާހިރުން ސުވާލު އުފައްދަމުން ދަނިކޮށް، އެ މައުލޫމާތު ހިއްސާކޮށްފައިވަނީ ނަން ހާމަކުރަންނޭދޭ އޮފިޝަލެއްކަމަށް ބީބީސީން ބުންޏެވެ.