ކޮވިޑް-19 އަށް ފަހު ސްކޫލްތައް ހުޅުވަން 500 ތާމޯމީޓަރު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފި އެވެ.
އެޑިއުކޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނަނީ މި ކަމަށް ބީލަން ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށެވެ. އަދި ސްކޫލްތަކަށް ބޭނުން ވަނީ ޑިޖިޓަލް އައިއާރް ތާމޯމީޓަރު ކަމަށެވެ.
ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ސެކިއުރިޓީގެ ގޮތުގައި 10،000ރ. ހުށަހަޅަން ޖެހެ އެވެ. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ ޖޫން 15 ގަ އެވެ.
ސަރުކާރުން ލޮކްޑައުންއަށް ލުއިތަކެއް ދީފައިވާއިރުވ ފުރަތަމަ 14 ދުވަހު ސްކޫލްތައް ނުހުޅުވަ އެވެ. ދެ މަހަށް ވުރެ ގިނަ ދުވަސް ވަންދެން ސްކޫލްތައް ބަންދުކޮށްފައި ވާއިރު ހުޅުވާ ތާރީހެއް އަދި ހާމަ އެއްވެސް ނުކުރެ އެވެ. ނަމަވެސް އެޑިއުކޭޝަނުން ދަނީ ހުޅުވަން ތައްޔާރީތައް ވަމުންނެވެ.
އެގޮތުން، ސްކޫލްތަކަށް ބޭނުންވާ 12500 ސައިބޯނި ފުޅި ހޯދަން ވެސް މިދިޔަ ހަފުތާގައި އިއުލާން ކުރި އެވެ.