ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މާސްކު އެޅުން: ޑަބްލިޔުއެޗްއޯގެ އިރުޝާދު ބަދަލުކޮށްފި

Jun 6, 2020

ކޮވިޑް-19 އާ ގުޅިގެން މާސްކު އެޅުމާ ގުޅޭ ގޮތުން، މީގެ ކުރިން ދިން އިރުޝާދު ބަދަލުކޮށް، ބަލި ފެތުރުން ހުއްޓުވުމަށް، އާއްމު ތަންތަނުގައި މާސްކު އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން އިލްތިމާސް ކޮށްފި އެވެ.

އަލަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި، އެ ޖަމިއްޔާ ބުނީ، މާސްކު ބޭނުން ކުރުމުގެ ސަބަބުން، ބަލި ޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔައިގެ ހުރަހަކަށް މާސްކްވާ ކަމަށެވެ.

މީގެ ކުރިން ޑަބްލިޔުއެޗްއޯ އިން ތަކުރާރުކޮށް ބުނަމުން ދިއައީ، ބަލި ޖެހިފައި ނެތް މީހުން މާސްކު އަޅަން ނުޖެހޭ ކަމަށެވެ. އަދި މާސްކު އެޅުމުން، ގައިދުރު ކުރުން ފަދަ އެހެން ފިޔަވަޅުތަކަށް ފަރުވާކުޑަކުރާ ކަމަށާއި، އަދި ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިނުގައި މަސައްކަތް ކުރާ ފަރާތްތަކަށް މާސްކު ލިބުން ދަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ޑަބްލިޔުއެޗްއޯ އިން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް، ގިނަ ގައުމުތަކުން ވަނީ އެ އިރުޝާދު ގަބޫލު ނުކޮށް، އާއްމު ތަންތަނުގައި ހުރިހާ އެންމެން މާސްކު އަޅަން ޖެހޭ ގޮތަށް ރައްޔިތުންނަށް އަންގައިފަ އެވެ.

ޑަބްލިޔުއެޗްއޯގެ ކޮވިޑް-19 އާގުޅޭ ޓެކްނިކަލް އެކްސްޕާޓް ދާދި ފަހުން ވިދާޅުވެފައި ވަނީ، ހާއްސަކޮށް ބަލި ފެތުރޭ ސަރަހައްދުތަކުގައި އާއްމުން ބޭރަށް ނުކުންނަ އިރު، އެންމެ ކުޑަމިނުން ފޮތި މާސްކެއް އެޅުން މުހިއްމު ކަމަށާއި، އެކަމުގެ ސަބަބުން ބަލި ޖެހުމުގެ ފުރުސަތު ހަނިވާ ކަމަށެވެ.

މުޅި ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 6.7 މިލިއަނަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 400،000 މީހުން ވަނީ މަރުވެފަ އެވެ.