ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކެންޔާގައި ކާފިއުއާ ހިލާފުވެގެން 15 މީހުން މަރާލި ކަމުގެ ތުހުމަތު

Jun 6, 2020

ނައިރޯބީ (ޖޫން 6) - ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިއަ މާޗް މަހުން ފެށިގެން ކެންޔާގައި އިއުލާނުކޮށްފައިވާ 12 ގަޑިއިރުގެ ކާފިއު ތަންފީޒުކުރުމުގެ ތެރެއިން، ފުލުހުން މިހާތަނަށް 15 މީހުން މަރާލާފައިވާކަމަށް ތުހުމަތުކޮށްފި އެވެ.

އެގޮތުން، ފުލުހުންގެ މަސައްކަތްތައް ބަލާ ކޮމިޝަނަށް މިހާތަނަށް 80 އަށް ވުރެ ގިނަ ޝަކުވާ ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި މީހުން މެރުމާއި، ބަޑިޖެހުމާއި، އަނިޔާކުރުމާއި، ވައްކަން ކުރުމާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ހިމެނޭކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"ފުރަތަމަ ކުރި ތަހުގީގުން، ފުލުހުން ނުކުމެ، ކާފިއު ތަންފީޒު ކުރުމާ ސީދާ ގުޅުން ހުރި 15 މަރާއި، 31 މީހުންނަށް އެކިވަރުގެ އަނިޔާ ދިން ކަމުގެ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފައި،" އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ހާއްސަކޮށް ފަގީރު އަވަށްތަކުގައި، އެކަށީގެންނުވާ މިންވަރަށް ބާރުގެ ބޭނުންކުރާ ކަމުގެ ތުހުމަތުތައް މީގެ ކުރިންވެސް ކެންޔާގެ ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ.

އަދި ކާފިއުގެ ވަގުތުތަކުގައި، ބޭރުގައި އުޅޭ މީހުން ވެއްދުމަށް، އަނިޔާކޮށް، ކަރުނަ ގޭސް ބޭނުންކުރުމުގެ ޝަކުވާތަކެއްވެސް ވަނީ ފެންމަތިވެފަ އެވެ.

ކެންޔާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 2،400 އަށް ވުރަ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން 79 މީހުން ވަނީ މަރުވެފަ އެވެ.