ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީއެމްއެލްގެ އޮންލައިން ނޫން ހިދުމަތްތައް އެޕޮއިންޓްމަންޓަށް

ބީއެމްއެލް އިން އޮންލައިންކޮށް ނުލިބޭ ހިދުމަތްތައް މާލޭ ސިޓީގައި އެޕޮއިންޓްމަންޓް ހައްދައިގެން ދޭން ފަށައިފި އެވެ.

ކޮވިޑް ލޮކްޑައުންގެ ލުޔާއެކު ބީއެމްއެލުން މީގެ ކުރިން އެޕޮއިންޓްމަންޓް ހައްދައިގެން ދެމުން އައީ ކޭޝް ކާޑު ނެގުމުގެ ހިދުމަތެވެ. ނަމަވެސް މިިދިއަ ހޯމަ ދުވަހުން ފެށިގެން އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ދިނުމަށްޓަކައި އެ ބޭންކްގެ ބްރާންޗްތަކާއި ކަސްޓަމާ ސެންޓަރުތައް ހުޅުވަން ވަނީ ނިންމާފަ އެވެ. އެ ތަންތަން ހުޅުވި ނަމަވެސް ހިދުމަތް ދޭނީ އެޕޮއިންޓްމަންޓް ހައްދައިގެނެވެ.

ބޭންކުގެ ހިދުމަތް ހޯދަން އެޕޮއިންޓްމަންޓް ހައްދަން ބޭނުންވާ މީހުންނަށް ބޭންކްގެ ޕޯޓަލް މެދުވެރިކޮށާއި އެސްއެމްއެސް އިން ވެސް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ. އެސްއެމްއެސް އިން އެޕޮއިންޓްމަންޓް ހައްދާ ނަމަ "ސީއެސްސީ" ޖެހުމަށް ފަހު އައިޑީ ކާޑު ނަމްބަރާއި ނަމާއި ގޭގެ ނަމާއެކު މެސެޖު ކުރާނީ "455" އަށެވެ. މި ގޮތަށް އެދުނު ނަމަވެސް ހުއްދަ ދޭނީ ފުލުހުން ބެލުމަށް ފަހު އެވެ.

- ސީއެސްސީ
- އައިޑީކާޑު ނަންބަރު / ޕާސްޕޯޓް ނަންބަރު (ބިދޭސީއެއްނަމަ)
- ނަން
- މިހާރު އުޅޭ އެޑްރެސް

އެޕޮއިންޓްމެންޓަށް ހިދުމަތް ދޭނީ ހޯމަ އާއި އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ.

އެޕޮއިންޓްމެންޓަށް އެދެވޭ ހިދުމަތްތައް

  • ކޭޝް ޓްރާންސެކްޝަން
  • 25،000 ރުފިޔާއިން މަތީގެ އަދަދުގެ ފައިސާ ނެގުން
  • ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާ ކުރުމާއި ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރުން
  • ކަސްޓަަމަރުން ގޮސް ވެރިފައި ކުރަންޖެހޭ އެޕްލިކޭޝަން ތަކުގެ ހިދުމަތް
  • ޕާސަނަލް އިންފޮމޭޝަން އަޕްޑޭޓް ކުރުން
  • އިންޓަނެޓް ބޭންކިންއަށް ހުށަހެޅުން
  • ޗެކް ފޮތަށް އެދި ހުށަހެޅުމާއި ހަވާލު ކުރުން
  • ރިޓާން ޗެކް ބަލައިގަތުން
  • ބޭންކް ގެރެންޓީ
  • ހުޅުމާލެ، ވިލިމާލެ ބްރާންޗް މެދުވެރިކޮށް ކާޑު ދޫކުރުމާއި އެކައުންޓް ހުޅުވުމުގެ ހިދުމަތް
  • ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ކާޑު ދޫކުރުމާއި އެކައުންޓް ހުޅުވުން، ޕާސަނަލް އަދި ބިޒްނަސް ފައިނޭންސިން އެޕްލިކޭޝަން

ބީއެމްއެލްގެ އެހެން ހިދުމަތްތައް ކަމަށްވާ އެކައުންޓް ހުޅުވުމުގެ ހިދުމަތާއި މާލޭގައި ހުންނަ ލޯން ސެންޓަރު މެދުވެރިކޮށް ލައިފްސްޓައިލް ލޯނާއި ކިޔަވާ ލޯން އަދި ހޯމް ލޯނުގެ އިތުރުން ހޯމް ކޮންސްޓްރަންކްޝަން ލޯންގެ ހިދުމަތްތައް ވެސް ލިބޭނެ އެވެ. އެ ބޭންކުން ވަނީ ލުއި އެކްސްޕްރެސް އަދި ލުއި މައިކްރޯ ލޯން އެޕްލިކޭޝަން އިންޓަނެޓް ބޭންކިން މެދުވެރިކޮށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ވެސް ހަމަޖައްސާފަ އެވެ.

އެޕޮއިންޓްމަންޓަށް ހިދުމަތް ހޯދަން ބޭންކަށް ދާ މީހުން މާސްކު އަޅަން ޖެހެ އެވެ. މީގެ އިތުރުން ބޭންކުގައި ފާހަގަ ކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބަހައްޓަން ޖެހެ އެވެ. ހިދުމަތް ހޯދަން ދާއިރު އަމިއްލަ ގަލަމެއް ގެންދިއުމަށާއި ސެނިޓައިޒާއިން އަތް ސާފުކުރަން ވެސް ބޭންކުން އެދެ އެވެ.