ލައިފްސްޓައިލް

އީދު ހެދުން ގަތުން: ފަނޑުވުމެއް ނެތް އާދައެއް

Sep 24, 2015

ޒަމާނުއްސުރެ ދިވެހިންނަށް އީދު ދުވަސް ހާއްސަ އެވެ. އެ ދުވަހާ ގުޅިފައިވާ އެތައް ސަގާފަތްތަކެއް ނުއުވި ދިވެހިންގެ ތެރޭގައި ހަމަ އެގޮތުގައި އެބަ އޮތެވެ. އީދު ދުވަހަށް މުޅިން އާ ހެދުމެއް ހޯދުމާއި އީދު ކުޅިވަރުތައް އަދި ވަޅު އީދު ދުވަހުގެ ފެންކުޅި އަކީ ދޫނުކޮށް ހުރި ކަންކަމެވެ. އެހެން ވީމާ އީދު ދުވަހަކަށް އިންތިޒާރު ނުކުރާނެ މީހެއް ނުހުންނާނެ އެވެ.

އީދު ދުވަހެއް ބޯމަތިވަމުން އަންނަ އިރު ލިސްޓްގެ އެންމެ ކުރީގައި އޮންނާނީ އީދު ނަމާދަށް ހާއްސަކޮށްގެން މުޅިން އާ ހެނދުމެއް ގަތުމުގެ މަސައްކަތެވެ. އެންމެ ކުރީ ޒަމާނުގައި އަތް ދިގު ހުދު ގަމީހާއި މުންޑު ހާއްސަވެފައި އޮންނާނީ އީދު ދުވަހުގެ އީދު ނަމާދަށެވެ. މުޅިން އާ އަތްދިގު ހުދު ގަމީހާއި މުންޑު ކޮންމެ ހަދައިގެން ވެސް އޭރު ހޯދާނެ އެވެ. ޒަމާނާ އެކު ހުދު ގަމީސް ދޫކޮށްލިޔަސް، އީދު ހެދުމެއް ކޮންމެ މީހަކު ކަހަލަ ގޮތަކަށް ހޯދާނެ އެވެ.

އެހެން ވީމާ، ވިޔަފާރިވެރިންނަށް ވެސް މި އަންނަނީ ފިސާރި އީދެކެވެ. ގާމެންޓްސްގެ ވިޔަފާރި ކުރާ މުހައްމަދު ފަޒީލް ބުނި ގޮތުގައި އީދާ ދިމާކޮށް ވިޔަފާރި ގާތްގަނޑަކަށް 50 ޕަސެންޓް ރަނގަޅުވެ އެވެ. ހާއްސަކޮށް އެންމެ ފަހުން ގެންނަ ފެޝަންތަކަށް އީދާ ދިމާކޮށް ޑިމާންޑް ވަރަށް ބާރު ބޮޑުވާކަން އޭނާ ފާހަގަ ކުރެ އެވެ. ފަޒީލް އަންދާޒާ ކުރާ ގޮތުގައި އީދާ ގާތްވުމުގެ ބައެއް ރޭރޭ ސޭލްސް ގާތްގަނޑަަށް 10،000ރ. އާއި 30،000ރ. އާ ދެމެދަށް އަރާނެ އެވެ. އީދަށް ހާއްސަކޮށް ގެންނަ ސްޓޮކް ހަމަ އެކީ ވިކި ހުސްވާނެ އެވެ.

"އީދު ދުވަސް ކައިރިވާ ވަރަކަށް ފިހާރަ މީހުންތަކުން ފުރާލާ. އާދައިގެ ދުވަސް ތަކައި އަޅައި ބަލާފަ އީދު ދުވަސް ތަކުގައި ވިޔަފާރި އެތަށް ގިނައެއް އިތުރުވޭ. މީގެ ކުރިން 6000ރ. ޖެހެންޔާ މިހާރު 30000 ދުވާލަކަށް ޖެހޭ ދުވަސްވެސް ދާނެ. ކޮންމެ އީދަކާ ދިމާކޮށްވެސް ހަމަ އެ ޓްރެންޑް އޮވޭ،" ފަޒީލް ބުންޏެވެ. "މީހުން ވަންނަން ފަށާފިއްޔާ ވާނުވާ ނޭންގެ! އެހާވެސް މީހުން ގިނަ. އަވަސް އަރުވާލާފަވެސް އާ ހެދުމެއް ގަނެވޭތޯ ގިނަ މީހުން ބަލަނީ،"

އީދު ޖެހުމާ އެކު ފިހާރަތައް އޮންނަނީ މުޅިން ތޮއްޖެހި ބާރުވެފަ އެވެ. ހެދުން ނޫނީ ފައިވާން ވިއްކާ ފިހާރައަކުން ފަސޭހަ ގޮތެއްގައި ވިޔަފާރި ކޮށްލައިގެން އައުން އެއީ ނުކުރެވޭނެ ކަމެކެވެ. ނަގާ އެއްޗިއްސަށް ލާރި ދައްކަން ވެސް ހުންނަން ޖެހޭނީ ހަމަ ބޮޑު ކިޔޫއެއްގަ އެވެ. މީގެ ކުރިން 15 މިނެޓަކުން ކޮށްލެވޭ ބާޒާރު ގަޑިއެއްހާއިރުން ނޫނީ ނުކޮށްލެވޭނެ އެވެ. މަޖީދީ މަގުގައި ހުންނަ ފިހާރައެއްގެ ސޭޓަކު ބުނި ގޮތުގައި، މީހުން އީދު ހެދުން ގަންނަން ފަށަނީ ގާތްގަނޑަކަށް އީދު ފެށެން ދެ ދުވަހެއް އޮއްވަ އެވެ. އީދު ހެދުން ގަންނަން އަންނާނީ، "އެންމެން އެއްފަހަރާ ކަހަލަ" ގޮތަކަށެވެ.

"ވަރަށް ބާރު ބޮޑުކޮށް ދާނީ. ބައެއް ފަހަރު މުވައްޒަފުން ވެސް އިތުރުކޮށްލަން ޖެހޭ. އަނެއްހެން ރޭގަނޑު ގަޑީގައި އެންމެ ބާރު ބޮޑުވާނީ. ސީދާ އީދު ދުވަހު ހެދުމެއް ގަންނަ މީހަކު ވަރަށް ނޫޅޭނެ،" ސޭޓް ބުންޏެވެ.

ދިވެހިން އީދު ހެދުން ގަންނަން މި އޮތީ ފޯރިއެއްތާ އެވެ. ކިތަންމެ ޒަމާނެއް ވިޔަސް އެ ފޯރިއަށް ހަމަ ބަދަލެއް ނާދެ އެވެ. ފިހާރަތަކުން ބުނާ ގޮތުގައި އެންމެ ގިނައިން މީހުން ގަންނަނީ ގަމީހާއި ޖިންސެވެ. ޓީޝާޓް ކަހަލަ އެއްޗިހި ވަރަށް މަދު ގަނެ އެވެ. އެކަމަކު ހަމަ ގިނައީ ގަމީސް ގަންނަ މީހުން ކަމަށް ފިހާރަތަކުން ބުނެ އެވެ. އެއިރެއްގައި އެންމެ ހިނގާ ފެޝަންގެ ގަމީސްތަކުގެ ޑިމާންޑަށް އޮންނަނީ ބާރު ހިފައިފަ އެވެ. އީދަށް ގެންނަ ސްޓޮކް ގާތްގަނޑަކަށް އެވްރެޖްކޮށް ދެތިން ދުވަހުގެ ތެރޭގައި ފިހާރަތަކުން އެކީ ހުސްކޮށްލަ އެވެ.

"ބައެއް ފަހަރު އެކީ ހުސްވެސްވޭ ހަމަ ދެ ރެއެއް ވަރުން. ދެން އޮންނާނީ ނުގެނެވިފައި. ޑިމާންޑާ އެއްވަރަށް އީދާ ދިމާކޮށް އަސްލު ގަމީސް އެއްޗިހި ހުންނަނީ ނުގަނެވިފައި،" ފިހާރައެއްގެ ވެރިއަކު ބުންޏެވެ.

އީދު ހެދުމުގެ ޑިމާންޑަކީ ދިވެހިންގެ މެދުގައި ފަޑުވުމެއް ނެތް އާދަ އެކެވެ. އީދު ހެދުމެއް ނުގަންނަ ނަމަ، އީދުގެ ފުރިހަމަ ކަމެއް ނާންނާނެ އެވެ. އީދުގެ ކުޅިމަޖަލުގެ ތެރެއަށް ފުރިހަމަކަން ގެންނަނީ އީދު ހެދުުމުގެ ތެރެއިންނެވެ. އީދު ހިނުތުންވަމުން މާމަލުގައި ކުލަޖައްސަމުން އަންނަނީ އީދު ހެދުމުގެ ތެރެއިންނެވެ. އެ އީދަށް ފަރިކަން ގެންނަނީ މި ފަޑުވުމެއް ނެތް އީދު ހެދުމުގެ ތެރެއިންނެވެ.