އެމްޓީސީސީ އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި (ފުރަތަމަ ތިން މަހު) ބިން ހިއްކުމުން 13 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.
ސަރުކާރުގެ ގިނަ މަޝްރޫއު ތަކެއް ހިންގާ ކުންފުނި ކަމަށްވާ އެމްޓީސީސީ އަށް މި އަހަރު 13 މިލިއަން ރުފިޔާގެ ފައިދާއެއް ބިން ހިއްކުމުން ލިބުނުއިރު، މިދިޔަ އަހަރު 2.5 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވެ އެވެ. އަދި މި އަހަރު އެ ކުންފުންޏަށް 81 މިލިއަން ރުފިޔާގެ އާމްދަނީއެއް ބިން ހިއްކުމުން ލިބިފައިވެ އެވެ.
އެމްޓީސީސީ އިން ފުރަތަމަ ކުއާޓަރުގެ ނިޔަލަށް މައިގަނޑު ހަ ދާއިރާ އަކުން ވިޔަފާރި ކުރި އެވެ. އެއީ މުދާ ވިއްކުމާއި ކޮންޓްރެކްޓިންގެ މަސައްކަތްތަކާއި ބިން ހިއްކުމާއި ލޮޖިސްޓިކްސްގެ އިތުރުން ޓްރާންސްޕޯޓް ސެކްޓާ އާއި އިންޖިއަރިން އާއި ޑޮކިންގެ އިތުރުން އެހެނިހެން ބައެއް ވިޔަފާރި ތަކެވެ.
އެ ކުންފުންޏަށް ވިޔަފާރީގެ ދާއިރާތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ ކޮންޓްރެކްޓިންގެ ދާއިރާއިންނެވެ. މި ދާއިރާ އިން 49 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.
އެމްޓީސީސީ ދާއިރާތަކުގެ އާމްދަނީ
- ޓްރޭޑިން ހަ މިލިއަން ރުފިޔާ
- ކޮންޓްރެކްޓިން 49 މިލިއަން ރުފިޔާ
- ޑްރެޖިން 13 މިލިއަން ރުފިޔާ
- ލޮޖިސްޓިކްސް (525,793) ގެއްލުން
- ޓްރާންސްޕޯޓް (790,490) ގެއްލުން
- އިންޖިނިއަރިން އެންޑް ޑޮކިން ހަ މިލިއަން ރުފިޔާގެ ގެއްލުން
- އެހެނިހެން ދެ މިލިއަން ރުފިޔާ
ސަރުކާރުގެ އެންމެ ގިނަ މަޝްރޫއު ހިންގާ އެމްޓީސީސީ އިން މިދިޔަ ކުއާޓަރުގައި 353 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން، ސާފު ފައިދާގެ ގޮތުގައި 62 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. މި ފައިދާ އެ ކުންފުނިން ލިބިފައިވަނީ ހަރަދު ކުޑަ ކުރުމާއި ހިންގުން ހަރުދަނާ ކުރަން ގެނެވުނު ބަދަލުތަކުގެ ސަބަބުން ކަމަށް މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.