ހަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލަށް ކާމިޔާބެއް: ބޮޑު އޮޕަރޭޝަނެއްކޮށްފި

Jun 7, 2020
2

އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކާމިޔާބުކަމާއެކު ބޮޑު އޮޕަރޭޝަނެއް ކޮށްފި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި އެ ހޮސްޕިޓަލްގައި އަންހެނެއްގެ އޯވަރީގައި އުފެދިފައި ހުރި ބޮޑު ސިސްޓެއް ނަގައި އެމީހާއަށް ވަނީ ފަރުވާދީފަ އެވެ.

މިފަދަ ސިސްޓްތައް އޯވަރީގައި އުފެދުމަކީ އަންހެނުނަށް ގިނައިން ދިމާވާ ކަމެކެވެ. އެ ހޮސްޕިޓަލަށް ވެސް މިކަމުގައި ގިނަ ބަޔަކު ދައްކަ އެވެ. މީގެކުރިން އެކަމަށް މީހުން އަންނަން ޖެހިފައި އޮންނަނީ މާލެއަށެވެ. މި އޮޕަރޭޝަން އެ ހޮސްޕިޓަލްގައި ކުރީ ލޮކްޑައުންއާ ގުޅިގެން ބަލިމީހާ މާލެ ފޮނުވެން ނެތުމުންނެވެ.

މި އޮޕަރޭޝަނަކީ މިހާތަނަށް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކުރި އެންމެ ބޮޑު އޮޕަރޭޝަނެވެ. އަށް މީހުންގެ ޓީމަކުން ދެ ގަޑިއިރު ވަންދެން ކުރި އޮޕަރޭޝަނަށްފަހު ސިސްޓް ކާމިޔާބުކަމާއެކު ނެގި އެވެ. ޒުވާން އެ އަންހެނާއަށް ފަރުވާދީ މިހާރު ވަނީ ހޮސްޕިޓަލް ދޫވެސްކޮށްލާފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކުޅުދުއްފުށީ ހޮސްޕިޓަލްގައި ދުވަސްނުފުރާ ވިހެއި 28 ހަފުތާގެ ކުއްޖަކަށް ވެސް ފަރުވާދީ ސަލާމަތްކޮށްފައިވެ އެވެ. މީގެކުރިން އެފަދަ ހާލަތްތަކުގައި ވެސް ފަރުވާއަށް ފޮނުވަމުންދިޔައީ މާލެއަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީ ކުރުމަކީ ވަރަށް އިސްކަމެއް ދީފައިވާ ކަމެކެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ކެޕޭސިޓީ އިތުރުކޮށް ވަސީލަތްތައް ރަނގަޅު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.