ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާގައި ބަލި ޖެހުނު މީހުންގެ އަދަދު އިޓަލީއަށް ވުރެ ގިނަވެއްޖެ

Jun 7, 2020

ނިއު ދިއްލީ (ޖޫން 7) - އިންޑިއާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހިފައިވާ މީހުން ފެންނަމުންދާ ނިސްބަތް ވަރަށް ބޮޑަށް އިތުރުވެ، އެ ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމުކަމަށްވާ އިޓަލީއަށް ވުރެ ބަލި ޖެހުނު މީހުންގެ އަދަދު ގިނަވެއްޖެ އެވެ.

މުޅި ދުނިޔެއިން ވެސް އެންމެ ގިނައިން ބަލި ޖެހިފައިވާ މީހުން ފެނުނު ގައުމުތަކުގެ ތެރެއިން، އިޓަލީ މީގެ ކުރިން އޮތީ ހަ ވަނައިގަ އެވެ. ނަމަވެސް، އިއްޔެ އިންޑިއާގައި އަލަށް ފެނުނު 9،887 ކޭހާއެކު، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 236،657 އަށް އަރާފަ އެވެ. އެގޮތުން، އިންޑިއާއަށް ވުރެ މިހާރު ކުރީގައި އުޅެނީ އެމެރިކާ، ބްރެޒިލް، ރަޝިއާ، ޔޫކޭ އަދި ސްޕެއިނެވެ.

އެ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު އެހެން ގައުމުތަކާ އަޅާބަލާއިރު ނިސްބަތުން މަދު ނަމަވެސް، ކުރިއަށް އޮތް ހުޅަނގު މޫސުމުގެ ވިއްސާރައާއެކު އެ ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އިންޑިއާގައި ވަނީ ބޮޑުވެފަ އެވެ. ކޮވިޑް-19 ޖެހިގެން އިންޑިއާގައި މިހާތަނަށް މަރުވެފައިވަނީ 6،642 މީހުނެވެ.

މަޑުޖެހުމެއްނެތި އަދިވެސް ބަލި ފެތުރެމުން ދިއަ ނަމަވެސް، އަންނަ ހޯމަ ދުވަހުން ފެށިގެން، 1.3 ބިލިއަން މީހުންގެ އާބާދީ އޮންނަ އިންޑިއާގައި އަޅާފައިވާ ލޮކްޑައުން ލުއިކުރަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.

ތިން ފިޔަވައްސަކައި ބަހަލައިގެން، ޖޫން އަށެއްގައި ފުރަތަމަ ދޭ ލުއިތަކުގެ ތެރޭގައި، ގިނަ ސަރަހައްދުތަކުގެ ހޮޓާތަކާއި، ރެސްޓޯރަންޓުތަކާއި، ޝޮޕިން ސެންޓަރުތަކުގެ އިތުރުން އަޅުކަން ކުރާ ތަންތަން ހުޅުވުމުގެ ހުއްދަ ދޭން ވަނީ ނިންމައިފަ އެވެ.

އަދި އޭގެ ފަހުން، ޖުލައި މަހުގެ ތެރޭގައި ސްކޫލްތަކާއި ކޮލެޖުތަކުގައި އަލުން ކިޔެވުން ފެށުމަށް ވެސް އަންނަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް، ބަލި ފެތުރޭ ސަރަހައްދުތަކުގައި އަދިވެސް ލޮކްޑައުން ދެމިއޮންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިންޑިއާގައި ކޮވިޑް-19 އިގެ ކޭސްތަކުގެ ދެބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދެއް ފެނިފައިވަނީ އާބާދީ އެންމެ ބޮޑު ހަތަރު ސިޓީ ކަމުގައި ނިއު ދިއްލީ، ޗެންނާއީ، އަހުމަދުއާބާދު އަދި މުމްބާއީންނެވެ. އަދި އެ ސިޓީތަކުގައި ހޮސްޕިޓަލު އެނދުތައް ފުރިގެން، މިހާރު ވެސް ގިނަ އަދަދެއްގެ ޕޭޝަންޓުން ބިންމަތީގައި ބައިތިއްބަންވަނީ ޖެހިފަ އެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން މުޅި އިންޑިއާ ލޮކްޑައުން ކުރުމުގެ ސަބަބުން، 37،000 އާއި 78،000 ދެމެދުގެ އަދަދެއްގެ މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށް ސަރުކާރުން އަންދާޒާކޮށްފައި ވެއެވެ.