ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"އިގުތިސޯދީ ހީނަރުކަން 10 އަހަރަށް ދެމިގެންދާނެ"

Jun 7, 2020

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް ކުރާ ނޭދެވޭ އަސަރު ކުރިއަށް އޮތް 10 އަހަރަށް ދިގު ދެމިގެން ދާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

އެ ބޭންކުގެ ރައީސް ޑޭވިޑް މެލްޕާސް ވިދާޅުވީ، ކޮވިޑް-19 އާއެކު މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު، އާމްދަނީ ލިބޭނެ މަގުތައް ބަންދުވެވެފައިވާ ބިލިއަނަށްވުރެ ގިނަ މީހުން މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިބި ކަމަށެވެ.

އަދި އިގުތިސޯދީ މި ހީނަރުކަން، ކުރިއަށް އޮތް 10 އަހަރަށް ދިގު ދެމިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިއަ މަހު ވޯލްޑް ބޭންކުން ބުނެފައިވާ ގޮތުގައި، ކޮވިޑް-19 އާ ގުޅިގެން 60 މިލިއަނެއްހާ މީހުން ފަގީރު ކަމަށް ވެއްޓިގެންދިއުމުގެ ބިރު ހީވެފައިވެ އެވެ.

ފަގީރު ކަމުގެ ނިސްބަތުގެ ގޮތުގައި، ވޯލްޑް ބޭންކުން އާއްމުކޮށް ބަލާ މިންގަނޑަކީ ދުވާލެއްގެ މައްޗަށް ބޮލަކަށް 1.90 އެމެރިކާ ޑޮލަރަށް ވުރެ އާމްދަނީ ލިބުމެވެ. ނަމަވެސް، މިދިއަ ހުކުރު ދުވަހު މެލްޕާސް ދެއްވި އިންޓިވިއުގެ ތެރެއިން ވިދާޅުވީ އެއަށްވުރެ ވެސް މަދުން ދުވާލެއްގެ މައްޗަށް ލިބޭ އާމްދަނީ ވެއްޓި ދާނެ ކަމުގެ ބިރު މިހާރު ބޮޑު ކަމަށެވެ.

ވޯލްޑް ބޭންކު ފަދަ ދުނިޔޭގެ މާލީ އިދާރާތަކުން ހާއްސަކޮށް ފަގީރު ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުން ދިއަ ނަމަވެސް، ގިނަ ގައުމުތަކެއްގެ އިގުތިސޯދު ވެއްޓިފައި ވަޅުގަނޑުން އަރައިގަތުމަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށް މެލްޕާސް ވިދާޅުވި އެވެ.

އަދި އިގުތިސޯދުތައް އަލުން ހިންގުމަށްޓަކައި، ޕްރައިވެޓް ސެކްޓާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވޯލްޑް ބޭންކުން ވަނީ ސަރުކާރުތަކަށް ގޮވާލައިފަ އެވެ.