ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑުގެ އަދަދުތައް އާއްމުކުރުން ބްރެޒިލްއިން ހުއްޓާލައިފި

Jun 7, 2020

ރިއޯ ޑިޖެނޭރޯ (ޖޫން 7) - ކޮވިޑް-19 ޖެހޭ މީހުނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް އާއްމު ނުކުރަން ބްރެޒިލް ސަރުކާރުން ނިންމުމާއެކު، ބޮޑެތި ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.

އިއްޔެ އިން ފެށިގެން، ރަސްމީކޮށް ވަގުތުން ވަގުތަށް ކޮވިޑް-19 އިގެ ތަފާސް ހިސާބުތައް ހުއްޓާލަން ނިންމާފައިވަނީ، އެ އަދަދުތައް އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ސިއްހީ މާހިރުން ވިދާޅުވަމުން ގެންދަވާތާ އެތަކެއް މަހެއް ވެފައިވަނިކޮށެވެ.

އެންމެ ފަހުގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ކޮވިޑް-19 ޖެހިގެން ބްރެޒިލްގައި މަރުވި މީހުންގެ އަދަދު ހުރީ 34،000 ގަ އެވެ. އެއީ މުޅި ދުނިޔެއިންވެސް ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމަކީ ބްރެޒިލް އެވެ. އަދި ބަލި ޖެހުނު 615،000 މީހުނާއެކު، ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނަ މީހުނަށް ކޮވިޑް-19 ޖެހިފައިވަނީވެސް ބްރެޒިލް ގަ އެވެ.

ގާތްގަނޑަކަށް 210 މިލިއަން މީހުނާއެކު، ބްރެޒިލްއަކީ ދުނިޔޭގެ ހަތް ވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ.

ކޮވިޑް-19 އާ ގުޅޭ ތަފްސީލީ ތަފާސް ހިސާބުތައް އާއްމުކުރަމުންދިއަ ބްރެޒިލްގެ ހެލްތު މިނިސްޓްރީގެ ވެބް ސައިޓު ވަނީ މިދިއަ ހުކުރު ދުވަހު ނަގައިފަ އެވެ. އަދި ޖެހިގެން އައި ދުވަހު އަލުން އެ ސައިޓް ފަށާފައިވަނީ، ހަމައެކަނި ކުރީ ދުވަހުގެ އަދަދުތައް ފެންނަގޮތަށް އެކަންޏެވެ.

އެކަމާ ގުޅޭ ގޮތުން، ބްރެޒިލްގެ ރައީސް ޖާއިރު ބޮލްސެނާރޯ ވިދާޅުވީ، އެ ތަފާސް ހިސާބުތަކުން ގައުމުގައި ކޮވިޑް-19 އިގެ ހަގީގީ ހާލަތު ނުފެންނަ ކަމަށެވެ.

އެ ބަލި ބްރެޒިލްގައި ފެތުރެން ފެށުނު ފަހުން، ބޮލްސެނާރޯ ގެންދަވަނީ އެ ބަލީގެ ނުރައްކާތެރިކަން ކުޑަކަމަށް ވިދާޅުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފާޅުގައި ގޮންޖައްސަވައި، ހުރަސް އަޅުއްވަމުންކަމަށް ސިއްހީ މާހިރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.