ޣައްސާން މައުމޫން

"ކަންބަޅި ކެހެރީގައި އޮތަސް ހިޔަޅު ވާނީ ހިޔަޅަށް"

ކަންބަޅި ކެހެރީގައި އޮތް ނަމަވެސް ހިޔަޅު ވާނީ ހިޔަޅަށް ކަމަށް ވިދާޅުވެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން މައުމޫން، ރައީސް މައުމޫންގެ ޒަމާންވީ ވާދަވެރިންނަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ޣައްސާން މިފަހުން ގެންދަވަނީ ވަރަށް ބޮޑަށް ސަރުކާރުގެ ވެރިންނަށް ފާޑުވިދާޅުވަމުންނެވެ.

ޣައްސާނަށް އަމާޒުކޮށް ނޫހެއްގައި ލިޔެފައިވާ ލިޔުމަކާއި ގުޅިގެން އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންނެވި ބައެއް ހާދިސާތަކުގެ ހަނދާންތައް ވަނީ އާ ކުރައްވާފަ އެވެ. އަދި އެކަންކަން ރާވާ ހިންގީ ކޮން ބައެއްތޯ ވެސް ޣައްސާން ވަނީ ސުވާލު ކުރައްވާފަ އެވެ.

ޣައްސާން ފުރަތަމަ ހަނދާން ކޮށްދެއްވީ 1983 ވަނަ އަހަރެވެ. އަދި އޭގެ ފަހުން ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ ހަނދާން ވަނީ އާ ކުރައްވާފަ އެވެ. އޭގެ ފަހުން ޖަނަވަރީ 8، 2008 ގައި ހއ. ހޯރަފުށީގައި މައުމޫން އަވަހާރަ ކޮށްލަން ހަށިކޮޅަށް ވަޅިން ހަމަލާ ދޭން މަސައްކަތްކުރި ހާދިސާގެ ހަނދާންތައް އާ ކޮށްދެއްވި އެވެ.

"ބައްޕަ މަރާލަން ދިން ހަމަލައިގެ އަޑީގައި ތިބީ ކޮންބައެއްތޯ؟ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ކީހާ އެއްޗެހި ހަނދާން ނެތުނީތޯ؟" ޣައްސާނަށް އިޝާރާތް އިދިކޮޅުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ރައީސް މައުމޫން ފުލުހަށް ހާޒިރުކުރުމުގެ ނަމުގައި ހިނގި ކަންކަމުގެ ހަނދާންވެސް އާ ކޮށްދީފައިވެ އެވެ. އޭރު ރައީސް މައުމޫން ދިރިއުޅުއްވީ ކުރީގެ ވަޒީރު އިލްޔާސް އިބްރާހިމްގެ ގެކޮޅު "އަލިވާގެ" ގައެވެ. ޣައްސާން ވަނީ އެ ދުވަހު އެ ގެއަށް ގާއުކާ، އަލިފާންބޯޅަ އުކާ، ގޭގެ ދޮރުވައްޓާލީ ކޮންބައެއްތޯ ސުވާލު ކުރައްވާފަ އެވެ.

"ފެނާ ތެލާ އެކެއް ނުވާނެ، ލޭ އޮލަވާނެ، އޮޅިގެން އުޅެނީ ކޮންބަޔަކަށްބާ." އާއިލީ ގުޅުން ބަދަހިވާނެ ކަމަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލަށްލާފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށާ އެ ވާހަކަ ދާދި އަވަހަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވެސް ވިދާޅުވާ އަޑު އިވިވަޑައިގަންނަވާނެ ކަމަށްވެސް ދާދި ފަހުން ޣައްސާން ވިދާޅުވެފައި ވެއެވެ.