ޣައްސާން މައުމޫން

ޣައްސާންގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

ބުނަން ބޭނުން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، ރައީސް މައުމޫންގެ ދަރިކަލުން އަދި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވަރުގަދައަށް ރައްދު ދެއްްވައިފި އެވެ.

ރައީސް ނަޝީދުގެ ދަރިކަނބަލުން މީރާ ގެންދަވަނީ ސޯޝަލް މީޑިއާގައި ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއަށް ނިސްބަތްކޮށް ވަރަށް ބޭއަދަބީކޮށް ވާހަކަތައް ދައްކަވަމުންނެވެ. އިއްޔެއާއި ރޭވެސް އޭނާ ވަނީ ރައީސް މައުމޫނަށް ނިސްބަތްވާ ޓްވީޓްތަކެއް ކުރައްވާފައެވެ.

މީރާގެ އެ ވާހަކަތަކަށް ނުސީދާކޮށް ރައްދު ދެއްވަމުން ޣައްސާން މައުމޫން ވިދާޅުވީ ބުނަން ބޭނުން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތް ކަމަށެވެ.

އަދި ރައީސް މައުމޫން ގައުމަށް ކުރައްވާފައިވާ ހިދުމަތްތަކާއި އެއްވަރަށް ދުވަހަކުވެސް ވަޑައިނުގެންނެވޭނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ. ޣައްސާން ވަނީ އާއިލާއިން ބޭރުންދޭ ކޮންމެ ހަމަލައެއް ދިފާއު ކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ބުނަން ބޭނުން އެއްޗެއް އަމިއްލައަށް ބުނުމުގެ ބަދަލުގައި ތުއްތު ޅަދަރީން ބޭނުންކޮށްގެން ބުނުވުމަކީ ކަންކަމުން ފިލާ މީހުންގެ ގޮތް. ކުރިމައްޗަށް އަންނަން ކީއްކުރަން؟ ހިދުމަތުގެ ގޮތުން ހިނގި މަގަކުންވެސް ނުހިނގޭނެ. އާއިލާއިން ބޭރުން ދެވޭ ކޮންމެ ހަމަލައެއް ދިފާއު ކުރާނަން.
ޣައްސާން މައުމޫން | ގުރައިދޫ ދާއިރާގެ މެންބަރު

ޣައްސާން ގެންދަވަނީ މިފަހުން ރައީސް މައުމޫންގެ ޒަމާންވީ ވާދަވެރިންނަށް ވަރުގަދައަށް ބަހުގެ ހަމަލާ ދެއްވަމުންނެވެ.

އަދި އިދިކޮޅުން ގެންދަނީ ރައީސް މައުމޫނާއެކު ނުހުންނަވާ ޣައްސާން، ރައީސް ޔާމީނާއެކު މަސައްކަތް ކުރައްވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.