ލިވަޕޫލް

މާސީސައިޑް މެޗު އޮންނަން ޖޭހޭނީ އެވަޓަންގައި

މާސީ ސައިޑް ޑާބީ، ލިވަޕޫލާއި އެވަޓަން ގެ މެޗު އެހެން ސްޓޭޑިއަމެއްގައި ކުޅެން ތާއީދު ނުކުރާ ކަމަށް ލިވަޕޫލްގެ މޭޔަރު ޖޯއޭ އެންޑަސަން ވިދާޅުވެއްޖެ އެވެ

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި ޕްރިމިއާ ލީގް ފަށަނީ މި މަހު 17 އިގަ އެވެ. އެ ދުވަހު އާސެނަލް އާއި މެންޗެސްޓާ ސިޓީ ކުޅޭ މެޗުން ސިޓީ ބަލިވެ، އެވަޓަން އާ ދެކޮޅަށް ކުޅޭ މެޗުން ލިވަޕޫލް މޮޅު ވެއްޖެނަމަ ލިވަޕޫލަށް އިނގިރޭސި ޕްރިމިއާ ލީގް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރެވޭނެ އެވެ.

އެ މެޗަކީ ލީގް ލިބުމުގެ ފުރުސަތު ލިވަޕޫލަށް ލިބެން އޮތް މެޗަކަށް ވުމުން މެޗު ކުޅެން ހަމަޖެހިފައިވާ އެވަޓަންގެ ގޫޑިސަން ޕާކު ކައިރިއަށް ސަޕޯޓަރުން އެއްވާނެތީ، ބައެއް ފަރާތްތަކުން ވަނީ އެކަން ހައްލު ކުރަން އެ މެޗު ނިއުޓްރަލް ވެނޫއެއްގައި ކުޅުމަށް ހިޔާލު ހުށަހަޅާފަ އެވެ.

ދަ އެތުލެޓިކް އަށް ދިން އިންޓަވިއުގައި އެންޑަސަން ވިދާޅުވީ، މާސީ ސައިޑް ޑާބީގެ މެޗު އެވަޓަންގައި ނުކުޅެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ހަތަރު ހަފުތާގެ ކުރިން އޮތް ހާލަތަށް ވުރެ އެ ސިޓީގެ ހާލަތު ހަމަޔަކަށް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސްޓޭޑިއަމް ކައިރިއަށް މީހުން އެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް މިދިޔަ މަހު ބީއިން ސްޕޯޓްސް އާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ކޮންމެ ދަނޑެއްގައި ކުޅެން ޖެހުނަސް އޭނާ އަށް މައްސަލައެއް ނެތް ކަމަށެވެ. އެންޑަސަން ވިދާޅުވީ އެވަޓަންގެ ސްޓޭޑިއަމްގައި މެޗު ކުރިއަށް ގެންދަން ކްލޮޕްވެސް އެއްބަސް ވެފައިވާ ކަމަށެވެ.

މާސީސައިޑްގެ ފުލުހުން ވެސް ވަނީ، ގޫޑިސަން ޕާކުގައި މެޗު ކުޅުމުގައި ފޯރުކޮށް ދޭން ޖެހޭ ސަލާމަތީ ކަންކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.