ވިޔަފާރި

އެސްޓީއޯ އަށް 2.8 ބިލިއަން ރުފިޔާ ލިބެން ޖެހޭ!

އެސްޓީއޯ އިން އެކި ފަރާތްތަކަށް ވިއްކާފައިވާ މުދަލާއި ހިދުމަތްތަކުން އެ ކުންފުންޏަށް 2.8 ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް މާލީ ރިޕޯޓުން ދައްކައިފި އެވެ.

ރާއްޖެއަށް އެންމެ ގިނަ އިން ތެޔޮ އެތެރެ ކުރާ އެއް ކުންފުނި ކަމަށްވާ އެސްޓީއޯގެ މިދިޔަ ކްއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު 2.8 ބިލިއަން ރުފިޔާ އަށް އަރަ އެވެ. ނަމަވެސް މިއީ މިދިޔަ ދެ ކްއާޓަރާ އަޅާ ބަލާއިރު ދަށްވުމެކެވެ.

އެސްޓީއޯގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ހަތަރު ވަނަ ކްއާޓަރާ ހަމައަށް ބަލާނަމަ އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު ތިން ބިލިއަން ރުފިޔާއަށް އަރަ އެވެ.

ސަރުކާރަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވެސް ރާއްޖެއަށް އެތެރެ ކުރާ ކުންފުނިން ކޮވިޑް ރޯގާއާ ގުޅިގެން ރާއްޖޭގައި ހިންގާ އޮޕަރޭޝަންގައި ވެސް އިސް ދައުރެއް އަދާކުރެ އެވެ. މިގޮތުން ކޮވިޑް-19 އާ ގުޅިގެން ހެލްތު ސެކްޓާ އަށް ބޭނުންވާ ބޭހާއި އެހެނިހެން ތަކެތީގެ 70 ޕަސެންޓް ގެންނަނީ އެސްޓީއޯ މެދުވެރިކޮށެވެ.

އެ ކުންފުނިން މިހާތަނަށް ހިންގި އެންމެ ބޮޑު އެއް މަޝްރޫއަކީ ހުޅުމާލޭގައި ކޮވިޑް-19 އާ ގުޅިގެން ހަދާފައިވާ މެޑިކަލް ފެސިލީޓީއެވެ. ޓްރީޓޮޕް ކުރިމަތިން އޮންނަ ހުސް ބިމުގައި ހެދި 300 އެނދުގެ މެޑިކަލް ފެސިލިޓީ އެކެވެ.

އެސްޓީއޯ އިން ވަނީ ރާއްޖެއަށް މި ހާލަތުގައި ބޭނުން ވާނެ މުދާ ހޯދުމަށް ބޭނުންވާނެ ބޭރު ފައިސާ ހޯދުމަށް ތައްޔާރު ވުމުގެ ގޮތުން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ލޯނު ފެސިލީޓީއެއް ވެސް ހޯދާފަ އެވެ.