އިމްރާން އަބްދުﷲ

އިމްރާން ގިނަ ދުވަސް ހޭދަ ކުރެއްވީ ގޭގަ: ޝަހީމް

ހޯމް މިނިސްޓަރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އެމަނިކުފާނު ޖަލަށްލާން ހުކުމް ކުރިނަމަވެސް ޖަލުގައި ހޭދަ ކުރެއްވި ދުވަހަށްވުރެ ގިނައީ ގޭގައި ހުންނެވި ދުވަސްތައް ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްްމަދު ޝަހީމް އަލީ ސައީދު، އިމްރާނަށް ރައްދު ދެއްވައިފި އެވެ.

ޝަހީމް، އިމްރާނަށް ރައްދު ދެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ޖަލުގައި ހޭދަ ކުރެއްވި ދުވަސްތަކުގައި ކަންކަން ހަމަޖެހިފައިވާ ގޮތާއި މިހާރު ރައީސް ޔާމީނަށް ކަންކަން އިންތިޒާމް ކުރެވިފައިވާ ގޮތް އެތައް ގުނައެއް ރަނގަޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވުމާއި ގުޅިގެންނެވެ.

އިމްރާން ވިދާޅުވީ ޖަލުގައި ރައީސް ޔާމީނަށް ގިނަ އިންތިޒާމްތަކެއް ހަމަޖައްސައިދީ ފަސޭހަ ކޮށްދީފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ބޭފުޅުން ޖަލުގައި ތިއްބެވިއިރު ކަންކަން އިންތިޒާމްވެފައިވާ ގޮތާއި މިހާރާ އެތައް ގުނައެއް ރަނގަޅުވާނެ ކަމަށެވެ.

އަދި އިތުރަށްވެސް ރަނގަޅުކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށާ ކޮންމެ ދުވަހަކު ސީޕީ މެދުވެރިކޮށް އެ މައުލޫމާތު ހޯއްދަަވަމުން ގެންދަވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވެރިކަން ނިމުނުއިރުވެސް ޝައިހް އިމްރާން ހުންނެވީ ގޭގައި ކަމަށެވެ. އަދި ރޯދަ މަހުވެސް އިމްރާން ހުންނަވަނީ ގޭގައި ކަމަށާ ބޭފުޅަކު ލިބިވަޑައިގެންނެވުމުންވެސް ގެއަށް ބަދަލު ކުރެއްވި ކަމަށެވެ.

"ޖަލަށްވުރެ ގިނަ ދުވަސް ހޭދަ ކުރެއްވީ ގޭގައި. ރައީސް ޔާމީން ޖަލަށް ލެއްވި ގޮތަށް އެ ހުންނެވީ ގޭގައި. ވީމާ ގެޔަށް ގެންނަވާ." ކުރިން އެންމެ ގާތް އެކުވެރިޔާ އިމްރާނަށް އިލްތިމާސް ކުރައްވާ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޝަހީމް ވަނީ މި ޓްވީޓްގައި އިހުސާންތެރިކަމުގެ ބަދަލަކީ އިހުސާންތެރިކަން ކަމަށް ބަޔާންކުރައްވާ މާތްﷲ އެންގެވި ވަހީގެ ބަސްފުޅު ހަނދާންކޮށްދެއްވާފައެވެ.

ދައުލަތުން އުުފުލި ޓެރިޒަމްގެ ދައުވާ ސާބިތުވެ، އިމްރާން 12 އަހަރަށް ޖަލަށްލާން ހުކުމް ކުރީ ފެބްރުއަރީ 16، 2016 ގައެވެ.

އިމްރާނު އަބްދުﷲ ހައްޔަރުކޮށްފައި ވަނީ އެ އަހަރުގެ މެއި އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާއިންނެވެ. ދިގު ދެމިގެން ދިޔަ ޝަރީއަތުގައި އިމްރާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ކ)ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ. ދައުވާގައި ބުނެފައިވަނީ، މޭޑޭގައި އިމްރާނު ދެއްކެވި ވާހަކައިގެ ސަބަބުން އަނިޔާވެރިކަމަށް ބާރު ލިބި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދިގެން ދިޔަ ކަމަށެވެ.

އިމްރާން ޖަލުގައި ހުންނަވަނިކޮށް އަލަތު ފިރިހެން ދަރިކަލުން ވަނީ ލިބިވަޑައިގެންފައެވެ. އެއާއެކު ގިނަ ދުވަސްތަކަކަށް ގެއަށް ބަދަލު ކުރެއްވިއެވެ. އަދި ރޯދަ މަހުވެސް ލުއި ދެއްވާ ގެއަށް ބަދަލު ކުރައްވައެވެ.