ވެލާނާ އިންޓަނަނޭޝަނަލް އެެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ، އާ ވީއައިޕީ އިމާރާތުގެ ބޭރުގެ މަސައްކަތުގެ ބޮޑުބައި ނިންމައި މަސައްކަތް އިތުރަށް ހަލުއި ކޮށްފި އެވެ.
ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ ވީއައިޕީ ޓާމިނަލްގެ އެތެރޭގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މިހާރު މި އިމާރާތުގެ އިންޓީރިއާ މަސައްކަތް ހަލުއި ކަމާއެކު ކުރިއަށް ދާ ކަމަށެވެ.
ވީއައިއޭގައި އާ ވީއައިޕީ އިމާރާތް ހަދަނީ މިހާރު ވެސް އެއާޕޯޓުގައި ހުރި ވީއައިޕީ އިމާރާތުގެ ފަހަތުގަ އެވެ. އަދި މިތަން ތައްޔާރު ކުރަމުން ދަނީ އެއާޕޯޓުގެ ގިނަ މަސައްކަތް ތަކެއް ކުރާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ. ކުރިން އެކުއާ ރެސްޓޯރަންޓު ހަދާފައި ހުރި ތަނުގައި ހަދާ އެތަން ފަރުމާކޮށްފައި ވަނީ ރާއްޖޭގެ ބައެއް ރިސޯޓްތަކާއި އެހެން ވެސް ބޮޑެތި މޯލްތައް ޑިޒައިން ކޮށްފައިވާ ޔޫޖީ ޔަމަޒަކީ އާކިޓެކްޗާ ޕީއެލްއެލްސީންނެވެ. ޔަމަޒަކީ ކުޑަދޫ އާއި ހުރަވަޅި ރިސޯޓު ފަދަ ގިނަ ރިސޯޓު ތަކެއް ފަރުމާކޮށްފައިވާ ތަޖުރިބާކާރެކެވެ.
ހަތަރު ބުރިއަށް ހަދާ މި ފުރިހަމަ އިމާރާތުގައި އޯޕަން އޭރިއާގެ ބަދަލުގައި އެކަނި ތިބެން ބޭނުންވާ ފަތުރުވެރިންނަށް ވަކިން ކެބިންތަކާއި ޗެކިން ކައުންޓަރުތައް ވެސް ހުރެ އެވެ.
ވީއައިޕީ އިމާރާތުގެ މަސައްކަތުގެ އިތުރުން ކާގޯ ޓާމިނަލްގެ މަސައްކަތް ވެސް ހަލުއި ކަމާއެކު މިހާރު ދަނީ ކުރިއަށެވެ. ކާގޯ ޓާމިނަލް މަސައްކަތް ކުރަނީ ބީޔޫސީޖީ ކުންފުންޏަށް 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށެވެ. މި ތަނުގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ ޖާގަ އޮވެ އެވެ. ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ ކައިރީގައި ހަދާ މި ތަނުގައި މިހާރުގެ ކާގޯ ޓާމިނަލް އަށް ވުރެ ގިނަ ވަސީލަތްތައް ހުންނާނެ އެވެ. އެތަނުގެ ފަޅުން ބޮޑު ބައެއް ހިއްކައި އެ ސަރަހައްދުގައި ކްރޭން ތަކެއް ވެސް ބަހައްޓާނެ އެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު ވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މި މަޝްރޫއުގެ ދަށުން ވީއައިއޭގައި 3،400 މީޓަރު ދިގު ރަންވޭއެއް ވަނީ އަޅާފަ އެވެ. މި މަސައްކަތް ކޮށްފައިވަނީ ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާ ނިޒާމުގެ މަސައްކަތް ވެސް ވަނީ ބޮޑުބައި ނިންމާފަ އެވެ.