އެމްއޭސީއެލް

އެމްއޭސީއެލަށް އަނެއްކާ އިތުރު އިނގިރޭސިއެއް

Apr 29, 2021
8

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީނިއާ މަގާމަށް އަނެއްކާ ވެސް ބިދޭސީ މުވައްޒަފަކު އައްޔަން ކޮށްފި އެވެ. މިފަހަރު މި މަގާމަށް ވެސް އިނގިރޭސިއެކެވެ.

އެމްއޭސީއެލްގެ އެންމެ ސީނިޔަ މަގާމުތަކަށް ގިނަ އަދަދަކަށް ބިދޭސީން ލަމުން ގެންދާތީ އާންމުންގެ ތެރެއިން ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވެސް ވަނިކޮށް، އެމްއޭސީއެލްގެ މެނޭޖުމަންޓަށް މި ފަހަރު ހަމަޖައްސާފައި ވަނީ އިންފްރާސްޓްރަކްޗާ މެނޭޖަރެކެވެ. މި ފަހަރު ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޑެރިލް ބޯލްޓަން އެވެ.

މީގެ ކުރިން ވެސް އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރައްވާފައިވާ ބޯލްޓަން އަކީ ޔޫކޭގެ ކިންގް ކޮލެޖުގެ ގުރުޖުއޭޓެކެވެ.

އެއާޕޯޓް މެއިންޓަނަންސް ޑިޕާޓްމަންޓުގެ ހެޑުގެ ގޮތުގައި މަސައްކަތް ކުރައްވާނެ ބޯލްޓަންގެ ޒިންމާއަކީ އެއާޕޯޓުގެ އިމާރާތްތައް ބެލެހެއްޓުމާއި ވޭސްޓްމެނޭޖްމެންޓަށް ސާފުކުރުމާއި އެހެނިހެން މަސައްކަތްތައް ވިލަރެސް ކުރެއްވުމެވެ.

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެމްއޭސީއެލްގެ އިސް މަގާމުތަކަށް ބިދޭސީން ހަމަޖައްސަމުން ދާއިރު، އެ ކުންފުނީގައި ގިނަ ދުވަސްވީ ތަޖުރިބާކާރު ގިނަ ދިވެހި މުވައްޒަފުން ދަނީ ކުންފުނިން ވަކިވަނުންނެވެ.

ބައި ގަރުނުވެފައިވާ އެމްއޭސީއެލްގެ މިހާރުގެ ސީއީއޯއަކީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓީވާޓް އެވެ. އޭނާ ވެސް ކުރިން މަސައްކަތް ކުރެއްވީ މެދުއިރުމަތީގަ އެވެ. އޭނާ އެ މަގާމައަށް އައްޔަން ކުރީ އެމްއޭސީއެލްގައި 39 އަހަރު މަސައްކަތް ކުރެއްވި މޫސާ ސޯލިހު ރިޓަޔާ ކުރެއްވުމުންނެެވެ. އޭނާ މިހާރު ހުންނެވީ ރީޖަނަލް އެއާޕޯޓުގެ ކޮންސެލްޓެންޓަކަށެވެ. ދެންވެސް އެމްއޭސީއެލްގެ އިސް ގިނަ މަގާމުތަކުގައި މިހާރު ތިބެނީ އިނގިރޭސީންނެވެ.