މެންޗެސްޓާ ޔުނައިޓެޑަށް ގެންދަން ބޭނުންވާ ކުޅުންތެރިންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކެއް އެ ޓީމުގެ ކޯޗް އޮލޭ ގޮނާ ޝޮލްޝަޔާ އިއުލާން ކޮށްފި އެވެ.
އަޔެކްސްގެ މިޑްފީލްޑާ ޑޮނީ ވެން ޑެ ބީކްގެ ޓްރާންސްފާއަށް ޔުނައިޓެޑުން ހުށަހަޅާފައިވާ ވަގުތެއްގައި ސޮލްޝަޔާ ބުނީ، އޭނާ ކޯޗަކަށް ހުރެގެން ގޯސް ޓްރާންފާއަކަށް ވެދާނެ ކުޅުންތެރިޔެއް ޓީމަށް ނުގެންދާނެ ކަމަށެވެ. ވެންޑެ ބީކްގެ ޓްރާންސްފާއަށް ޔުނައިޓެޑުން ހުށަޙެޅީ ސޮލްޝަޔާގެ ޕްލޭންގައި އޭނާ ހިމެނުމުންނެވެ.
ސޮލްޝަޔާ ބުނީ ޔުނައިޓެޑަށް އޭނާ ކުޅުނު އިރު އޭނާ ހިފެހެއްޓީ ޕްރޮފެޝަނަލް އުސޫލުތަކެއް ކަމަށެވެ. އެގޮތުން އަމިއްލަ ނަފުސަށް ވުރެ ބޮޑަށް އޭނާ ވިސްނީ މުޅި ޓީމަށާއި ކޯޗަށް [އެލެކްސް ފާގަސަން އަށް] އޭނާގެ މެކްސިމަމް ދިނުމަށް ކަމަށެވެ.
"އާ ކުޅުންތެރިން ލައްވައި ސޮއި ކުރުވުމުގައި އަހަރެން ވެސް މިހާރު ބަލާ ކަންކަމަކީ އެއީ، ނުވަތަ ޒުވާން ޓީމުން ކުޅުންތެރިޔަކު ޕްރަމޯޓް ކުރިޔަސް އަހަރެން ބަލާނީ އެކަން ކަމަށް،" ކުރިން ޔުނައިޓެޑަށް ކުޅުނު ފޯވަޑް ބުންޏެވެ. "އެ ކުޅުންތެރިޔެއްގެ ކިބައިގައި ރަނގަޅު ޕާސަނަލްޓީއެއް ހުންނަން ޖެހޭނެ، ޕްރޮފިޝަނަލް ވާން ޖެހޭނެ، އެހެން ނުވެއްޖެ ކަމަށް ވާނަމަ ހަލާކު ވެފައިވާ އެންމެ އާފަލެއްގެ ސަބަބުން ވަށިގަނޑުގައި ބާކީ ހުރި އެހެން އާފަލުތައް ވެސް ހަލާކު ވެގެންދާނެ."
އޭނާ ބުނީ ޔުނައިޓެޑަށް އޭނާ ކުޅުންތެރިން ގެންނާނީ އެ ކުޅުންތެރިޔެއްގެ ސަބަބުން އޭނާ އާއި ޔުނައިޓެޑްގެ އެހެން ކޯޗުން ސްޓާފުންގެ ޕާސަނަލްޓީ ވެސް ފައިދާ ކުރާނެ ކުޅުންތެރިން ކަމަށެވެ.
"އެންމެ ފުރަތަމަ ކަމަކަށް އެ ކުޅުންތެރިޔަކު ވާން ޖެހޭނެ މެންޗެސްޓާ ޔުނައިޓެޑްގެ ހަގީގީ ކުޅުންތެރިޔަކަށް އަބަދުވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހޭކަން ގަބޫލު ކުރަން ޖެހޭނެ،" ޝިވް ނާޑާ ފައުންޑޭޝަނުން ގެންދިޔަ ކޮންފަރެންސް ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ކޯޗް ބުންޏެވެ. "އެއްވެސް ހާލެއްގައި ގިވްއަޕް ނުކުރުން ކޮންމެ ދުވަހަކު 100 ޕަސަންޓް ދިނުން އަދި ގަބޫލު ކޮށްގެން ނުވާނެ ތިމަންނައަކީ މޮޅު ކުޅުންތެރިޔެއް ކަމަށް."