ރައީސް މުހައްމަދު ނަޝީދު

ފުލުހުންގެ ހުވައަކީ ބަޣާވާތުގެ ޒިންދާބާދަކަށް ވެގެން ނުވާނެ: ނަޝީދު

ރައްޔިތުންނަށް ރައްކާތެރިކަން ދިނުމަށް ފުލުހުން ކުރާ ހުވައަކީ "ބަޣާވާތުގެ ޒިންދާބާދަ" ކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅު ވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ހަނދާން އާ ކުރެއްވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު އަދި ރައީސް ނަޝީދުގެ ސަރުކާރު ނިމުމަކަށް އައި ގޮތަށެވެ. އެ ދުވަހާއި ޖެހިގެން އައި ދުވަހު ފުލުހުންގެ އަމަލުތައް ހުރި ގޮތުގެގެ މައްޗަށެވެ.

އެމްޑީޕީގެ ބައެއް މެންބަރުންގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މެންބަރުން ފާހަގަ ކުރައްވާ ކަމަކީ "ފުލުހުންގެ ހުވައަކީ ބަޣާވާތުގެ ޒިންދާބާކަށް ވެގެން" ނުވާނެ ކަމަށެވެ. އެ ގޮތަށް ފުލުހުން އަމަލު ކުރުމަކީ ފުލުހުންގެ ހުވައަށް ހުރުމަތްތެރިކޮށް ނުހިތުން ކަމަށް ދެކެ ވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ފުލުހުންގެ ހުވާ ބާރަށް އަޑު ހަރުކޮށް ކިޔައި އެއް ޖަމާއަތަކަށް ތިބެފައި ދެން ނުކުމެ ދުއްވައިގަނެގެން ގޮސް ބަނޑޭރިގެއަށް ވަދެގެނެއް ނުވާނެ، އެއީ ފުލުހުންގެ ހުވައަށް ހުރުމަތްތެރިކޮށް ނުހިތުން، މިއީ ހަމަ ގައިމު ވެސް އަޅުގަނޑުގެ ސީދާ ލޮލުން ދުށް މަންޒަރެއް،" އެ މަނިކުފާނުގެ ވެރިކަން ނިމުނު ދުވަހަށް އިޝާރާތް ކުރައްވާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފެބްރުއަރީ 7، 2012 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ބައިވެރިވެ، ހިނގި ހަމަނުޖެހުންތަކަށް ފަހު ރައީސްގެ މަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ "ބަޣާވާތަކުން" ކަމަށް އެމަނިކުފާނު އަބަދުވެސް ތުހުމަތު ކުރައްވަ އެވެ. ނަމަވެސް ވެރިކަން ބަަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވަނީ، ރައީސް ނަޝީދު އެ ދުވަހު އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.

އެ ދުވަހުގެ މުޒާހަރާގައި އިދިކޮޅު ފަރާތްތައް ލީޑް ކުރެއްވި ބައެއް ބޭފުޅުން މި ސަރުކާރުގެ އިސް މަގާމުތަކުގައާއި މަޖިލީހުގެ މެންބަރުންގެ ގޮތުގައި ވެސް އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ތިއްބެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އޭރުގައި އެމްޑީޕީގެ މެންބަރުންގެ އެންމެ ބޮޑެތި ފާޑުކިއުންތައް އަމާޒުވެފައި ވަނީ މިހާރު ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އަށެވެ. މިހާރު ވެސް މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުންގެ ބަހުގެ ހަމަލާތައް އެ ދެ މެންބަރުންނަށް އަމާޒު ކުރައްވަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް ރައީސް ނަޝީދު އެތައް ހަފުލާއެއްގައި ވަނީ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ފުލުހުން ދެއްކި ނުކިޔަމަންތެރިކަން ބަލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެ ކަން މަޖިލީހުން ބަލަން ޖެހޭނެ ކަމަށް ވެސް މަޖިލީހުގެ ޖަލްސާއެއްގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.