ހަބަރު

ފޭރެން ވެގެން މީހަކަށް ބިރު ދައްކައި، ވަޅިން ހަމަލާދިން މީހަކު ހަތަރު އަހަރަށް ޖަލަށް

ފޭރެން ވެގެން މީހަކަށް ބިރުދައްކައި، ވަޅިން ހަމަލާދިން މީހަކު ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ގ. ކެންނެލި މުހައްމަދު ޝަމްއާން އިބްރާހިމްގެ މައްޗަށް އެ ހުކުމް އައީ ޖޫން، 2012 ގައި އަސްޕަރަގަސް ބިއުޓީ ކެއާއަށް އިތުރު ބަޔަކާ އެކު ގޮސް މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގަ އެވެ. ކޯޓުގެ ހުކުމުގައިވަނީ އެތަނަށް ވަދެ އެތަނުގައި ހުރި މީހެއް ވޮލެޓާއި ފޯނު ދިނުމަށް ބުނުމުން އެ މީހާ އެކަމަށް ދެކޮޅު ހެދުމުން އެ މީހާގެ ފަޔަށް ޝަމްއާން ހަމަލާދީފައިވާ ކަން ހެކިންގެ ބަހުން ސާބިތުވާ ކަމަށެވެ.

އެހެންވެ އޭނާ ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ.

މީހަކަށް ހަމަލާ ދިނުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާއަކާއި ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގުމުގެ ދައުވާއެއް ވެސް ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި އެވެ. ނަމަވެސް ކޯޓުން ނިންމީ އެ ދެ ދައުވާ ސާބިތުނުވާ ކަމަށެވެ.