ވިޔަފާރި

ރާއްޖެ ދައްކާލި އިވެންޓް 1.2 މިލިއަން މީހުން ބެލި: އެމްއެމްޕީއާރުސީ

Jun 9, 2020

ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމުގެ ތައްޔާރީތައް ދައްކާލުމަށް ރޭ ބޭއްވި އިވެންޓު 1.2 މިލިއަން މީހުނަށް ފޯރުކޮށް ދެވުނު ކަމަށް އެމްއެމްޕީއާރުސީ އިން ބުނެފި އެވެ.

ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމުގެ ތައްޔާރިތަކާ ޓޫރިޒަމްގެ މައުލޫމާތު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދޭން ދަ ސަން ވިލް ޝައިން އެގެއިންގެ ނަމުގައި ރޭ ބޭއްވި ސޯޝަލް މީޑިއާ އިވެންޓާ ބެހޭ ގޮތުން، އެމްއެމްޕީއާރުސީ އިން ބުނީ ހަތަރު ގަޑިއިރަށް ކުރިއަށް ގެންދިޔަ މި އިވެންޓް އެކި ގައުމުތަކުން ބަލާފައިވާއިރު، ލައިވް އިވެންޓުގައި 85،000 މީހުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ކެމްޕެއިން ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް 1.2 މިލިއަން މީހުންނަށް ފޯރުކޮށް ދެވިފައިވާ ކަމަށެވެ. ނަމަވެސް އެ އަދަދަށް ރީޗްވެފައިވަނީ މި އިވެންޓު ކުރިއަށް ދިޔަ ވަގުތުގައި ކަމެއް އެ ކުންފުނިން ނުބުނެ އެވެ.

މި އިވެންޓު ކުރިއަށް ދިޔައިރު ރާއްޖޭގެ ގިނަ ރިސޯޓްތަކުގައި ހުރި އެންމެ "ވިއްކަން ބޭނުންވާ" ތަންތަނުގެ މައުލޫމާތު ހިއްސާ ކޮށްފައިވެ އެވެ.

އެމްއެމްޕީއާރުސީ އިން ބުނި ގޮތުގައި މި އިވެންޓުގައި ރާއްޖެއާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ނެގި ހިޔާލު ހޯދުމުގެ ޕޯލްގައި ބައިވެރިވި 49 ޕަސެންޓް މީހުން ރާއްޖެ އަންނަން ދަތުރު ހަދަމުންދާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި 95 ޕަސެންޓް މީހުން ގަބޫލު ކުރާ ގޮތުގައި ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލެވެ.

ޖުލައި މަހު ރާއްޖޭގެ ޓޫރިޒަމް ހުޅުވާލަން ތައްޔާރުވަމުންދާއިރު، ސަރުކާރުން ދަނީ ޓޫރިޒަމް ހުޅުވާލާނެ ގޮތުގެ ޕްލޭންތަކެއް ހަދަމުންނެވެ.