ވޯކް ވިސާ އަށް އެދި ކޮންމެ ވަގުތެއްގައިވެސް ހުށަހެޅޭނެ ގޮތް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.
ރާއްޖޭގައިވެސް ކޮވިޑް-19 ފެތުރި ސަަރުކާރު އޮފީސްތައް ބަންދުކޮށްފައިވާތާ މިހާރު ދެ މަަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މި މުއްދަތުގައި ވޯކް ވިސާ އަށް އެދި ފަސޭހައިން ހުށަހެޅޭނެ އިންތިޒާމުތައް އިމިގްރޭޝަނުން އަންނަނީ ހަމަޖައްސަމުންނެވެ.
އިމިގްރޭޝަނުގެ ތަރުޖަމާނު ހަސަން ހަލީލް އަވަސް އަށް މައުލޫމާތު ދެމުން ބުނީ، އިއްޔެ އިން ފެށިގެން ކޮންމެ ދުވަހަކު ކޮންމެ ވަގުތެއްގައިވެސް ވޯކް ވިސާ އަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި މި ބަދަލާއެކު ވިސާ ފީވެސް އޮންލައިންކޮށް ދެއްކޭނެ ކަަމަށް ބުންޏެވެ. ވޯކް ވިސާ އަށް އޮންލައިން ކޮށް ހުށަހެޅޭ ގޮތް ހަދާފައިވަނީ މިދިޔަ އަހަރު އެވެ. އެހެންނަމަވެސް އެއީ ހެނދުނު 7:00 އިން މެންދުރު 2:00 އަށެވެ.
ސައްވީސް ގަޑިއިރު ވިސާ އަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖައްސާ އިމިގްރޭޝަނުން ބުނީ ލިޔެކިޔުންތައް ހުށަހެޅުމުން، ސަރުކާރު ހުޅުވުމަށް އޮންނަ މުއްދަތުގައި އިމިގްރޭޝަނުން އެ ލިޔެކިޔުންތަކުގެ ސައްހަކަށް ކަށަވަރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެޕޮއިންޓްމަންޓް ދޫކޮށް ވިސާ ދޫކުރަން ހަމަޖެހިފައިވަނީ އެޗްޕީއޭގެ ހުއްދަ ލިބުމުން އަންނަ ހަފްތާގައި ކަމަށް ހަލީލް މައުލޫމާތު ދެއްވި އެވެ.
"އަޅުގަނޑުމެން މިހާރުވަނީ އެދިފަ އެޗްޕިއޭ އަށް ވިސާ ދޫކުރަން ހުޅުވާލުމަށް ފުރުސަތު ދޭން. ބޮޑަށް ލަފާ ކުރެވެނީ އަންނަ ހަފްތާގައި އެ ހުއްދަ ލިބޭނެ ކަމަށް. ހުއްދަ ލިބުމުން އެޗްޕީއޭގެ މިންގަނޑުތަަކަށް އެޕޮއިންޓްމަންޓް ދޫކޮށް ގައިދުރުކަން ކަށަވަރުކޮށް ވިސާ ދޫކުރާނެ" ހަލީލް ވިދާޅުވި އެވެ.
މީގެ އިތުރުން، ފޮޓޯ ހުށަހެޅުމުގައި ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މައުލޫމާތު ދެއްވި އެވެ. އެގޮތުން، މި ދުވަސްވަރު ފޮޓޯ ނެދުމަށް ދަތިވާނެތީ، އާ ފޮޓޯ އެއް ހުށަހެޅުމުގެ ބަދަލުގައި ވިސާ ނަގަން އެންމެ ފަހުން ހުށަހެޅި ފޮޓޯ އަލުން ހުށަހެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިިޑްގެ ލޮކްޑައުންއާ ގުޅިގެން މިދިޔަ މާޗު މަހުގެ 15 އިން ފެށިގެން މި މަހުގެ ނިޔަލަށް ވިސާގެ މުއްދަތު ހަމަވާ މީހުން، ޖޫރިމަނާ ނުކުރަން ވެސް އިމިގްރޭޝަނުން ވަނީ ނިންމައިފަ އެވެ.