ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތުގެ ދެވަނަ ފިޔަވަހީގައި ދޭނެ ލުއިތައް މިރޭ އިއުލާނު ކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އެ ދުވަހުން ފެށިގެން މެއި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަރުކަށި ފިޔަވަޅުތަކާއެކު ލޮކްޑައުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންއަށް ލުއިތަކެއް ވަނީ ދީފަ އެވެ.
ލޮކްޑައުންއަށް ލުއި ދީފައި ވަނީ ބަލި އެންމެ ބޮޑަށް ފެތުރޭނެ ކަމަށް ލަފާކުރެވުނު މުއްދަތު ފަހަނައަޅާގޮސް، ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މަދުވުމާއި ގުޅިގެންނެވެ.
އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިނުމުގެ ދެވަނަ ފިޔަވަހީގައި ދޭނެ ލުއިތަކުގެ މައުލޫމާތުތައް މިރޭ ހެލްތް މިނިސްޓްރީން ހާމަ ކުރާނެ ކަމަށެވެ. އެންއީއޯސީގައި ބާއްވާ އެ ބައްދަލު ވުމުގައި ހެލްތް މިނިސްޓަރު އަދި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ލޮކްޑައުންއަށް ލުއި ދިން ފަހުން ގޭބީސީތަކުން ނުކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބޭރުގައި އުޅެވޭ ވަގުތު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ކޮންމެ ގެއަކުންވެ ސް ތިން މީހުންނަށް ހަފުތާއަކު ދެ ދުވަހު ދެ ގަޑިއިރަށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ފުލުހުން މެދުވެރި ވަނީ ދީފަ އެވެ.
އަދި ގިނަ ވިޔަފާރިތައް ހުޅުުވުމަށް ހުއްދަދީ، ބައެއް ވިޔަފާރިތައް އޮންލައިންކޮށް ކުރިއަށް ގެންގޮސް، ޑެލިވަރީގެ ހިދުމަތް ދިނުމުގެ މަގު ވަނީ ތަނަވަސްކޮށް ދިނެވެ. މީގެ އިތުުރުން މަސް މާރުކޭޓް ހުޅުވާ، ބޭންކްތަކުން ހިދުމަތްދޭ ވަގުތުތައް ވެސް ވަނީ އިތުރު ކޮށްފައެވެ.
ލުއި ދީފައި ނުވަނީ މިސްކިތްތަކުގައި ޖަމާއަތް ހެދުމަށް މިސްކިތްތައް ހުޅުވުމަށާއި، ސުކޫލްތަކާއި އޮފީސްތައް ހުޅުވުމުގެ އިތުރުން ރަށްރަށަށް ދަތުރު ކުރުމަށެވެ.