ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ބްރެޒިލް: ކޯޓު އަމުރާއެކު އަލުން ކޮވިޑުގެ އަދަދުތައް އާއްމުކުރަން ފަށައިފި

Jun 10, 2020

ރިއޯ ޑިޖެނޭރޯ (ޖޫން 10) - ކޮވިޑް-19 ޖެހޭ މީހުނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައް އާއްމު ނުކުރަން ނިންމި ނިންމުން ބަދަލު ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ހުކުމް ކުރުމާއެކު، އިއްޔެ އިން ފެށިގެން އަނެއްކާ ވެސް ކޮވިޑް-19 އިގެ ފުރިހަމަ ތަފާސް ހިސާބުތައް އާއްމު ކުރަން ފަށައިފި އެވެ.

މިދިއަ ހޮނިހިރު ދުވަހުން ފެށިގެން، ރަސްމީކޮށް ވަގުތުން ވަގުތަށް ކޮވިޑް-19 އިގެ ތަފާސް ހިސާބުތައް ހުއްޓާލަން ނިންމާފައި ވަނީ، އެ އަދަދުތައް އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ސިއްހީ މާހިރުން ވިދާޅުވަމުން ގެންދަވާތާ އެތަކެއް މަހެއް ވެފައި ވަނިކޮށެވެ.

ކޮވިޑް-19 އާ ގުޅޭ ތަފްސީލީ ތަފާސް ހިސާބުތައް އާއްމު ކުރަމުން ދިއަ ބްރެޒިލްގެ ހެލްތު މިނިސްޓްރީގެ ވެބް ސައިޓު ވަނީ މިދިއަ ހުކުރު ދުވަހު ނަގައިފަ އެވެ. އަދި ޖެހިގެން އައި ދުވަހު އަލުން އެ ސައިޓް ފަށާފައި ވަނީ، ހަމައެކަނި ކުރީ ދުވަހުގެ އަދަދުތައް ފެންނަ ގޮތަށް އެކަންޏެވެ.

ނަމަވެސް، ހޯމަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ނެރުނު އަމުރުގައި ބުނެފައި ވަނީ، ތަފުސީލީ ތަފާސް ހިސާބުތައް ނެތި، ބަލި ފެތުރޭ މިންވަރު ދެނެގަންނަން ދަތިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައްޔާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށް ހުރަސް އެޅެމުން ދާ ކަމަށެވެ.

އެންމެ ފަހުގެ ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ކޮވިޑް-19 ޖެހިގެން ބްރެޒިލްގައި މަރުވި މީހުންގެ އަދަދު ހުރީ 34،406 ގަ އެވެ. އެއީ މުޅި ދުނިޔެއިން ވެސް ތިން ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމަކީ ބްރެޒިލް އެވެ. އަދި ބަލި ޖެހުނު 739،503 މީހުނާއެކު، ދުނިޔޭގައި ދެ ވަނައަށް އެންމެ ގިނަ މީހުނަށް ކޮވިޑް-19 ޖެހިފައިވަނީ ވެސް ބްރެޒިލް ގަ އެވެ.

ގާތްގަނޑަކަށް 210 މިލިއަން މީހުނާއެކު، ބްރެޒިލްއަކީ ދުނިޔޭގެ ހަތް ވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ.

އެ ބަލި ބްރެޒިލްގައި ފެތުރެން ފެށުނު ފަހުން، ރައީސް ޖައިރު ބޮލްސެނާރޯ ގެންދަވަނީ އެ ބަލީގެ ނުރައްކާތެރިކަން ކުޑަކަމަށް ވިދާޅުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފާޅުގައި ގޮންޖައްސަވައި، ހުރަސް އަޅުއްވަމުންކަމަށް ސިއްހީ މާހިރުން ވަނީ ތުހުމަތު ކުރައްވައިފަ އެވެ.