މެންޗެސްޓާ ސިޓީ

ސިޓީގެ އެސިސްޓެންޓަކަށް ގާޑިއޯލަގެ ކުރީގެ ކޯޗް

މެންޗެސްޓާ ސިޓީގެ އެސިސްޓެންޓް ކޯޗަކަށް، ޕެޕް ގާޑިއޯލާގެ ކެރިއަރުގައި އޭނާއަށް އެންމެ ފަހުން ކޯޗް ކޮށްދިން ކޯޗް ހުއާން މެނައުލް ލިލޯ ހަމަޖައްސައިފި އެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ގާޑިއޯލާ އެންމެ ފަހުން ކުޅުނީ މެކްސިކޯގެ ޑޯޑަސް ޑި ސިނޯލާ އަށެވެ. އެ ކުލަބުގައި ހަ މަސް ވަންދެން ގާޑިއޯލާ ކުޅުނުއިރު އެ ޓީމުގެ ހެޑް ކޯޗަކަށް ހުރީ ލިލޯ އެވެ. ގާޑިއޯލާގެ ބައިގްރޮފީ ލިޔުނު ސްޕެއިންގެ ކުޅިވަރު ނޫސްވެރިޔާ މާޓީ ޕެރާނައު އޭނާގެ ފޮތުގައި ބުނެފައި ވަނީ ޔޯހާން ކްރައިފްގެ ނުފޫޒަށް ފަހު ގާޑިއޯލާގެ ކެރިއަރުގައި ދެން އެންމެ ނުފޫޒުގަދަ މީހަކީ ލިލޯ ކަމަށެވެ. ގާޑިއޯލާ ލިލޯ އާ މެދު ދެކެނީ އޭނާގެ މެންޓާގެ ގޮތުގަ އެވެ.

ލިލޯގެ އުފަން ރަށުގެ ކުލަބު ސްޕެއިންގެ އަލްމީރިއާއަށް އޭނަ ކޯޗް ކޮށްދިން އިރު ގާޑިއޯލާގެ ބާސެލޯނާއިން ވަނީ 8-0 ން އަލްމީރިއާ ބަލި ކޮށްފަ އެވެ. ލިލޯ ވަނީ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ޗިލީ އާއި ސެއްވިއްޔާގައި ހޯޖޭ ސަމްޕައޮލީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ލިލޯ ހެޑްކޯޗެއްގެ ދައުރު އެންމެ ފަހުން އަދާ ކުރީ ޗައިނާގެ ދެ ވަނަ ޑިވިޝަން ކުލަބު ކްއިންހް ޑާއޯ ހުއާންގްހައިގަ އެވެ. އޭނާ ވަނީ ޗައިނާގެ ސުޕަ ލީގަށް އެ ކުލަބު ޕްރަމޯޓް ކޮށްދީފަ އެވެ.

ގާޑިއާގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އެންމެ ފަހުން ހުރީ އާސަނަލްގެ މިހާރުގެ ކޯޗް މިކަލް އާޓެޓާ އެވެ. ޑިސެމްބަރު މަހު ސިޓީގެ ވަޒީފާ އޭނާ ދޫކޮށްލީ އާސެނަލްގެ ކޯޗް ކަމާ ހަވާލު ވުމަށެވެ.