ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޭސްތައް އިތުރުވެ، އިންޑިއާގެ ހޮސްޕިޓަލުތައް ފުރެނީ

Jun 10, 2020
1

ނިއު ދިއްލީ (ޖޫން 10) - އިންޑިއާގައި ކޮވިޑް-19 ކޭސްތައް ފެންނަމުންދާ މިންވަރު އިންތިހާއަށް އިތުރުވެ، ހޮސްޕިޓަލު އެނދުތައް ފުރިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

ފާއިތުވި ދުވަސްތަކުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ރެކޯޑު އަދަދަކަށް އިތުރުވެ، އިންޑިއާގެ އެންމެ ބޮޑު ދެ ސިޓީ ކަމުގައިވާ ވެރިރަށް ނިއު ދިއްލީގެ އިތުރުން މުމްބާއީގައި މީހުނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކުގެ އައިސީޔޫ އަދި ވޯޑުތައް ފުރިފައިވާ ކަމަށް ބުނެ އޮފިޝަލުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

އެގޮތުން، ދިއްލީގެ ޗީފް މިނިސްޓަރުގެ ނައިބު މަނީޝް ސިސޯޑިއާ އިއްޔެ ވިދާޅުވެފައިވާ ގޮތުގައި، އެ ސިޓީގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު ބައި މިލިއަނަށް އަރާނެ ކަމަށް ބެލެވޭއިރު، އެފަދަ އަދަދަކަށް ފަރުވާ ދިނުމުގެ ގާބިލު ކަމެއް ސިއްހީ ފަރުވާދޭ ނިޒާމުގައި ނެތް ކަމަށެވެ.

އަދި އެ މިންވަރަށް ކޭސްތައް އިތުރުވަމުންދާނަމަ، ފަރުވާ ދިނުމަށްޓަކައި އިތުރު 80،000 އެއްހާ ހޮސްޕިޓަލު އެނދު ބޭނުންވާނެ ކަމަށް ސިސޯޑިއާ ވިދާޅުވި އެވެ.

ސިސޯޑިއާ އެފަދަ އިންޒާރެއް ދެއްވާފައިވަނީ، ހޮސްޕިޓަލުތަކުގައި ޖާގަ ނެތިގެން، ފަރުވާއަށް ގެންދާ ބަލި މީހުން ހޮސްޕިޓަލުގެ ދޮރުމަތީގައި މަރުވަމުންދާ ކަމުގެ ޝަކުވާތައް އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

އިއްޔެ އާ ހަމައަށް، އިންޑިއާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 266،598 އަށް އަރައިފަ އެވެ. އެއާއެކު، މުޅި ދުނިޔެއިންވެސް ފަސް ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމަކަށް އިންޑިއާ ވަނީ ވެފަ އެވެ. އަދި އޭގެ ތެރެއިން މިހާތަނަށް 7،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ހޮސްޕިޓަލުތައް ފުރެމުންދާތީ، ދިއްލީގެ ޗީފް މިނިސްޓަރު އަރަވިންދު ކެޖްރިވާލް ވަނީ ފަރުވާ ދިނުމުގައި ދިއްލީގެ ވަޒަންވެރިންނަށް އިސްކަން ދެއްވަން ނިންމަވައިފަ އެވެ. ނަމަވެސް، އެއީ އިންސާނިއްޔަތާ ހިލާފު ކަމެއްކަމަށް ބުނެ އެ ނިންމުން، ފެޑެރަލް ސަރުކާރުން ފަހުން ވަނީ ބަދަލުކޮށްފަ އެވެ. އެ ފިޔަވަޅު ދިފާއުކުރައްވައި ކެޖްރިވާލް ވިދާޅުވީ، އިންޑިއާގެ އެކި ހިސާބުތަކުން ފަރުވާ ހޯދަން އަންނަ މީހުނަށް، ފަރުވާދެވޭނެ ގާބިލުކަމެއް ދިއްލީގެ ސިއްހީ ނިޒާމުގައި ނެތް ކަމަށެވެ.

ދިއްލީގެ އިތުރުން މުމްބާއީގައި ހޮސްޕިޓަލު އެނދުތަކުގެ ދަތިކަން ހުރި ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން، އެ ސިޓީގައި ހުރި ހޮސްޕިޓަލުތަކުގައި މިހާރު ހުސްކޮށް ހުރީ އެންމެ 30 އައިސީޔޫ އެނދުކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

މަޑުޖެހުމެއްނެތި އަދިވެސް ބަލި ފެތުރެމުން ދިއަ ނަމަވެސް، މިދިއަ ހޯމަ ދުވަހުން ފެށިގެން، 1.3 ބިލިއަން މީހުންގެ އާބާދީ އޮންނަ އިންޑިއާގައި އަޅާފައިވާ ލޮކްޑައުން ލުއިކުރަން ވަނީ ފަށައިފަ އެވެ.

ތިން ފިޔަވައްސަކައި ބަހަލައިގެން، ހޯމަ ދުވަހު ދޭން ފެށި ލުއިތަކުގެ ތެރޭގައި، ގިނަ ސަރަހައްދުތަކުގެ ހޮޓާތަކާއި، ރެސްޓޯރަންޓުތަކާއި، ޝޮޕިން ސެންޓަރުތަކުގެ އިތުރުން އަޅުކަން ކުރާ ތަންތަން ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އަދި އޭގެ ފަހުން، ޖުލައި މަހުގެ ތެރޭގައި ސްކޫލްތަކާއި ކޮލެޖުތަކުގައި އަލުން ކިޔެވުން ފެށުމަށް ވެސް އަންނަނީ ތައްޔާރު ވަމުންނެވެ. ނަމަވެސް، ބަލި ފެތުރޭ ސަރަހައްދުތަކުގައި އަދިވެސް ލޮކްޑައުން ދެމިއޮންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.