ގައުމީ ފުޓްބޯޅް ޓީމް

ސައްޓު، އިއްބެ ދާދު ސްކޮޑުން ބާކީ ކޮށްފި

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޗައިނާ އާއި ސީރިއާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުން، މިދިޔަ ދެ އަހަރު ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދަމުން އައި ދެ ކުޅުންތެރިން ކަމަށްވާ، މާޒިޔާގެ ފޯވަޑް ހަސަން ނާއިޒު (ދާދު) އާއި އެ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ގެ އިތުރުން ގައުމީ ސްކޮޑުން އަލަށް ޖާގަ ލިބުނު ޓީސީގެ އިޝާން އިބްރާހިމް ސައްޓު ގައުމީ ޓީމުން ބާކީ ކޮށްފި އެވެ.

ކުރިން މާޗް މަހު ކުޅޭ ގޮތަށް ހަމަޖެހިފައި އޮތް ޗައިނާ އާއި ސީރިއާގެ މެޗަށް، ގައުމީ ސްކޮޑެއް އެކުލަވާލީ ފެބްރުއަރީ މަހު އެވެ. ޓީމު އެކުލަވާލުމަށް ފަހު ހަފުތާ އަކު ތިން ދުވަހު ޓީމުގެ ޕްރެކްޓިސްތައް އާ ކޯޗް މާޓީން ކޫޕްމަންގެ ބެލުމުގެ ދަށުން ފެށި އެވެ.

ނިމިދިޔަ ސީޒަންގައި ޓީސީ އުނދަގޫ ހާލަތަކަށް ވެއްޓުނު އިރުވެސް މުހިންމު މެޗުތަކުގައި އެ ޓީމު ސަލާމަތް ކޮށްދިން ކުޅުންތެރިޔަކީ ސައްޓު އެވެ. އޭރު ގައުމީ ޓީމުން ޖާގަ ލިބުމުން ސައްޓު ބުނީ ގައުމީ ޒިންމާއަކީ ފަހްރެއް އަދި ޗެލެންޖެއް ކަމަށެވެ. އޭނާ ބުނީ ފައިނަލް ސްކޮޑުން ޖާގަ ހޯދުމަށް އޭނާ ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.

ބްންގުލަދޭޝްގައި 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި ދާދު އާއި އިއްބެ ގައުމީ ސްކޮޑުން ފުރުސަތު ގެއްލުނުއިރު ގައުމީ ޓީމުގެ އެންމެ މުހިންމު ދެ ކުޅުންތެރިންގެ ތެރޭގައި މިދިޔަ އަހަރު އެ ދެ ކުޅުންތެރިން ފެނިގެން ދިޔަ އެވެ. މިދިޔަ އަހަރު ކުރިމަތިވި އަނިޔާ އާ ގުޅިގެން ސީޒަންގެ ފަހު ކޮޅުގައި އިއްބެ އަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.

ޖަނަވަރީ ރާއްޖޭގެ ކޯޗް ކަމާ ހަވާލުވެ ކޫޕްމަން ބުނީ ޕާސިން ރީތި ގޭމެއް ކުޅެން އޭނާ އިސްކަން ދޭނެ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ސްކޮޑުން އެންމެ ކްރިއޭޓިވް މިޑްފީލްޑަރުގެ ގޮތުގައި ފާހަގަ ކުރެވޭ އިއްބެ އަށް ފުރުސަތު ނުލިބުނެވެ.

ގައުމީ ސްކޮޑުން ދެން ބާކީ ކުރީ ޓީސީގެ ކީޕަރު އާދަމް އިމްއާން (އިންމި) ޔުނައިޓަޑް ވިކްޓަރީއަށް އަދި ސީޒަންގެ ފަހު ކޮޅު ފޯކައިދޫ އަށް ކުޅުނު ކީޕަރު ތަލާލް ހުސައިން (ޓޮޕްލެކް) އެވެ. އަދި ގްރީން ސްޓްރީޓްގެ ޑިފެންޑަރު މުހައްމަދު ސާއިފްވެސް ވަނީ ސްކޮޑުން ބާކީ ކޮށްފަ އެވެ. މާޒިޔާގެ ޑިފެންޑަރު މުޖުތާޒް މުހައްމަދު (މުޖޭ) ވެސް ވަނީ ސްކޮޑުން ބާކީ ކޮށްފަ އެވެ.

ސްކޮޑ 25 ކުޅުންތެރިންނަށް ދަށް ކުރިއިރު ޓީސީގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) އަށް ވަނީ ސްކޮޑުން ފުރުސަތު ލިބިފަ އެވެ. ދެ ވަނަ ޑިވިޝަންގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނާ) އަށްވެސް 25 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ލިބުނެވެ. އޭނާއަށް ޖާގަ ލިބުމުން ގިނަ ބަޔަކަށް ލިބުނީ ހައިރާން ކަމެވެ.