ފަހުގެ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ތަލަކޮށް ތިބޭ ފިރިހެނުންނަށް ކޮވިޑް-19 އިގެ ނުރައްކާ މާ ބޮޑެވެ. މިފަދަ މީހުންނަށް ބަލި ޖެހިއްޖެނަމަ މާ ބޮޑުވަރުވާ ކަމަށް މި ހޯދުމުގައި ބަޔާން ކޮށްފައި ވެއެވެ. ޚާއްސަކޮށް އަންހެނުންނަށް މި ބަލި ޖެހުނީމަ ވާ ވަރަށް ވުރެ ފިރިހެނުންނަށް ބަލި ޖެހުނީމަ ބޮޑުވަރުވާ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.
ނަމަވެސް މިކަން މިހެން ދިމާވާ ސަބަބެއް އެއްވެސް މީހަކަށް އޮޅުން ފިލުވާދެވިފައެއް ނުވެ އެވެ. ސައިންސްވެރިން އަދިވެސް ހެކިތަކުގެ އަލީގައި މީ ކިހިނެއްވާ ކަމެއްތޯ ބަލަން މަސައްކަތްތައް ކުރަމުން އެބަދެ އެވެ. މި ވާހަކައަކީ ބުއްދިއަށް ގަބޫލުކުރަން އެހާ ފަސޭހަ ވާހަކައަކަށް ނުވިޔަސް ސައިންސްވެރިން ވަނީ މިކަން މިގޮތަށް ދިމާވާ ކަމުގެ ސައިންޓިފިކް ހެކިތައް ދައްކާފަ އެވެ.
ސައިންސްވެރިން ބުނަނީ ތަލަކޮށް ތިބޭ މީހުންނަށް ކޮވިޑް-19 ޖެހުމުން މަރުވުމުގެ ނުރައްކާ އިތުރު ވަނީ އެ މީހުންގެ ފިރިހެން ހޯމޯންސްތަކުން ސެލްތަކަށް ހަމަލާ ދިނުމަށް ވައިރަހަށް އެހީތެރިވާތީ ކަމަށެވެ.
ފިރިހެނުން ތަލަވާން މެދުވެރިވާ އެންޑްރޯޖަން ހޯމޯން އާއި ބަލީގައި އެންމެ ބޮޑުވަރުވީ މީހުންނާ ސައިންސްވެރިން ވަނީ ގުޅުވާފަ އެވެ. ސްޕޭނުގެ ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ ވަރަށް ހާލުބޮޑު މީހުންތަކެއްގެ މައުލޫމާތު މި ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.
ބްރައުން ޔުނިވަސިޓީގެ ސައިންސްވެރިޔާ ކާލޯސް ވެމްބިއާ އިނގިރޭސި ވިލާތުގެ ނޫހަކަށް ވިދާޅުވީ އޭނާ ގަބޫލުކުރާ ގޮތުގައި ތަލަވުމަކީ ކޮވިޑް-19ގައި ހާލު ބޮޑުވުމުގައި ވަރަށް މުހިއްމު ރޯލެއް ކުޅޭ ކަމެއް ކަން އޭނާއަށް ޔަގީންވާ ކަމަށެވެ. އަދި ތަލަ މީހުންނަށް ބޮޑުވަރުވާނެކަން ދުރާލާ ވިސްނާލަން އެނގޭ ވަރަށް މީގެ ހެކި ފެނިފައިވާ ކަމަށެވެ.
ނަމަވެސް ސިއްހީ މާހިރުންގެ ތެރެއިން ގިނަ ބަޔަކު މި ވާހަކައަށް އެހާ ބޮޑަށް ތާއީދެއް ނުކުރެ އެވެ. ގިނަ މީހުން ބުނަނީ މިއީ އަދި އެންމެ ހޮސްޕިޓަލެއްގެ މައުލޫމާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ދިރާސާއަކަށް ވާތީ އިތުރަށް މިކަމާ ގުޅޭ ދިރާސާތައް ކޮށްގެން ނޫނީ މި ވާހަކަ ޔަގީން ނުކުރެވޭނެ ކަމަށެވެ.
"ދަ ޓެލެގްރާފް" ގައިވާ މި ރިޕޯޓު ބުނާ ގޮތުން ޕްރޮފެސާ ވެމްބިއާ ވަނީ މިކަމާ ގުޅޭ ދެ ދިރާސާއެއް ސްޕޭނުގައި ހައްދަވާފަ އެވެ. އަދި މި ދެ ދިރާސާއިން ވެސް ދައްކާފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންގެ ތެރެއިން ތަލަކޮށް ތިބި މީހުންގެ ހާލު މާބޮޑަށް ސީރިއަސްގެ ފުރާނައަށް ގެއްލުންވީލެއް މާ ބޮޑަށް ވެސް އިތުރު ކަމަށެވެ.
ފުރަތަމަ ދިރާސާގައި އޭނާ ވަނީ 41 މީހެއްގެ މައުލޫމާތުތައް އެއްކޮށްފަ އެވެ. މީގެ ތެރެއިން 71 ޕަސެންޓް މީހުންނަކީ އެމީހުންގެ އުމުރުގެ އެހެން މީހުންނަށް ވުރެ ތަލަ ވުމުގެ މައްސަލަ ބޮޑު މީހުންނެވެ.
ޖާނަލް އޮފް ކޮސްމެޓިކް ޑާމަޓޮލޮޖީގައި މިހާރު ޝާއިއުކޮށްފައިވާ މި ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖެހުނު 71 ޕަސެންޓް މީހުންނަކީ ތަލަ މީހުންކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް މިއީ ކިހިނެއްވެގެން ދިމާވާ ކަމެއްކަން މި ދިރާސާގައި ކަނޑައެޅިގެން ބަޔާން ކޮށްފައެއް ނުވެ އެވެ.
ނިއު ޔޯކް އާއި މުމްބައިގައި ހަދާފައިވާ ދިރާސާތަކަކުން ހާމަވެފައިވާ ގޮތުގައި ފިރިހެނުންގެ ޖިންސީ ގުނަވަނުގެ ބައެއްގައި ކޮވިޑް-19ގެ ވައިރަސް ސަލާމަތުން ގިނަ ދުވަސްތަކެއް ވަންދެން ތިބެ އެވެ. ފިރިހެނުންނަށް ބަލި ޖެހޭލެއް އިތުރުވެފައި ބަލީގައި ބޮޑުވަރު ވަނީ މި ސަބަބާ ހެދި އެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ ފިރިހެނުން ގިނަ ވުމަކީ ވެސް ކޮރޯނާވައިރަހުގެ ނުރައްކާ ފިރިހެނުންނަށް އިތުރުވާ ސަބަބެކެވެ.
"ކޮންމެ ސެލްއެއްގައި އެންމެ އެކްސް ކްރޮމޮޒޯމް ހުންނަނީ ހަމައެކަނި ފިރިހެނުންގެ. އޭގެ ބަދަލުގައި އަންހެނުންގެ ކޮންމެ ސެލްއެއްގައި ދެ ކްރޮމޮޒޯމް ހުރޭ. މި ކްރޮމޮޒޯމްތަކުގައި އިމިއުން ޖީންސް ފާހަގަކޮށްލެވޭ ވަރަށް ގިނަ ވާނެ،" އަންހެނުންނަށް ވުރެ ފިރިހެނުންނަށް ބޮޑުވަރުވާ ސަބަބަކީ މިއީ،" އެމެރިކާ އާއި އިންޑިއާގެ ދިރާސާ ކުރި ސައިންސްވެރިންގެ ދިރާސާގައި ބުނެފައި ވެއެވެ.