ވާހަކަ

ހަނދާން (ފަހު ބައި)

(ފަހު ބައި)

"ތި ކޮންކަމެއް؟ މިހާރު ބޮޑުވީދޯ. ކިހިނެއް ކަލޭ...،" މަންމަ ހާސްވެ ދެ ލޯބޮޑުވިއެވެ. "ދެން ކިހިނެއް ހަދާނީ؟ އެހެން މީހުންނަށް މިކަން އެނގިއްޖެނަމަ.. ބޮމެއް ފަޅައިގެންދާހެން މުޅި ތަނުގައި ދައްކާނީ މި ވާހަކަ. އެހައި ހިސާބުން ގިނަވާނީ ބޭޒާރުވާނީ ކަލޭ އެކަންޏެއް ނޫން. މުޅި އާއިލާ ވެސް. އަހަރެން ވެސް. ބައްޕަ ވެސް."

މަންމަ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ފެށިއެވެ. އަހަންނަށް އިނދެވުނީ ވާނުވާ ނޭނގިފަ އެވެ. މަންމަ ހާސްވާން ޖެހޭ ސަބަބެއް ނުވިސްނިފަ އެވެ. އަހަންނަށް ލިބުނީ އުފާވެރި ކަމެކެވެ. އަހަންނާ ދޭތެރޭ މަންމަ ވިސްނާކަން އެނގުމުން ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބުނެވެ. ވެދާނެއެވެ. އަހަރެން ބަލިވުމުން މަންމަ ދެރަވީއެވެ. ހިތުގައި ޖެހުނީއެވެ.

"މި ބޭސް ގުޅަ ދިރުވާލާ. ކަމެއް ވެއްޖެ ނަމަ މަށަށް ގޮވާތި." ނޫސް ކަރުދާސް ކޮޅެއްގައި އޮތް ބޭސް ގުޅައެއް ނަގައި އަހަރެންގެ އަތަށް ދިއްކޮށްލިއެވެ. އަހަރެން އޭގައި ހިފީމެވެ.

"ފާހާނާވަދެ ދިރުވާލާ. ބޮޑު ކަމެއް ދިމާވެއްޖެ ނަމަ ދޮރުގައި ތަޅައިގަނޭ." އަހަރެންގެ އަތުގައި ހިފައިގެން މަންމަ ގެންދިޔައީ ފާހާނާ އަށެވެ.

އަހަރެން ފާހާނާއަށް ވަދެ އަތުގައި އޮތް ބޭސް ގުޅައަށް ބަލައިލީމެވެ. ފާޑަކަށް ހިނި އަންނަ ގޮތްވި އެވެ. އަނެއްކާ ވެސް ބޭސްގުޅަ ނަގައި ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލީގެ މެދުގައި ބާއްވާލަމުން ބާރުކޮށްލީމެވެ. އެއަށްފަހު ލޮލާ ކައިރި ކޮށްލީމެވެ. އަނެއްކާ މަޑުމަޑުން ދުރު ކޮށްލީމެވެ. ދެތިން ހިޔާލު ހިތުގައި ކަފިކަފިވެ އުދުހިގަތެވެ. ހަގީގަތުގައި އަހަރެން ބަލީ ހެއްޔެވެ؟ މަންމަ ކަންބޮޑު ވަނީ ކޮންކަމަކާ ހެއްޔެވެ؟ ފާހާނާގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އަހަރެން ދޮރު ހުޅުވާލީމެވެ.

"ދިރުވާލައިފިންތަ؟" މަންމަ ވައި އަޑުން ބުނެލިއެވެ.

އަހަރެން ބޯ ޖަހައިލީމެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ.

"އިރު ކޮޅަކުން ލޭ އަތުވެދާނެ. ބިރު ނުގަންނާތި. އެހެން ވެއްޖެ ނަމަ ދޮރުގައި ޖަހައިލާ އަހަރެން ހުންނާނަން." މަންމަ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. އަހަރެން ދޮރު ލެއްޕީމެވެ. އަނެއްކާ ވެސް އެއްކަލަ ބޭސް ގުޅައަށް ބަލައިލީމެވެ. ދެ އިނގިލި ދޭތެރެއަށް ބޭސްގުޅަ ލުމަށްފަހު ވިސްނައިލީމެވެ. މަންމަގެ ޖުމުލައިން ތަންކޮޅުކޮޅު އިވެމުން ދިޔަހެން ހީވަމުން ދިޔައެވެ.

"ލޭ އަތުވެދާނެ. ބިރު ނުގަންނާތި."

އަނެއްކާ ވެސް ބޭސް ގުޅައަށް ބަލައިލެވުނެވެ. އަހަރެންގެ ހިޔާލު ބަދަލުވިއެވެ. މަންމަ އެ އުޅެނީ އަހަރެން މަރައިލާށޭ ހިތް ބުނެލިއެވެ. މި ވާނީ ޒަހަރަކަށޭ ހިތް ކިޔައިލިއެވެ. ދެވަނަ ސިކުންތުގައި ފާހާނާތަށި ތެރެއަށް ބޭސްގުޅަ ވައްޓައިލީމެވެ. ފުލެޝްކޮށްލުމަށް ފަހު ފާހާނާއިން ނުކުތީމެވެ.

މަންމަ ހުރީ ތައްޔާރުވެގެންނެވެ. އަހަރެންގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލިއެވެ. ފަރުވާތެރި ކަމާއެކުގައެވެ. އަހަންނަށް އެކަން އިހުސާސް ކުރެވުނެވެ.

"ކޮބާ ބޭސް؟ ކަމެއް ނުވޭތަ؟" މަންމަ ވައި އަޑުން ބުނެލިއެވެ.
ބަދަލުގައި އަހަރެން އަނގަޔަކުން ނުބުނަމެވެ. ހަރަކާތެއް ނުކުރަމެވެ. އަހަރެން ގޮސް އެނދުގައި އިށީނީއެވެ. އޭރު ހިތުގައި އުތުރު އަރަމުން ދިޔައީ ބުނަން ނޭނގޭ ކަހަލަ ރުޅިވެރި ކަމެކެވެ.
"އޭ މަ މި އަހަނީ ބޭސް ކޮބައިހޭ؟" މަންމަ އައިސް އަހަރެންގެ ގާތުގައި އިށީންނަމުން ވައި އަޑުން ބުނެލިއެވެ.
"އަހަރެން މަރައިލަންތަ ބޭސް ދިނީ. ކަލޭއަށް ބޮޑުވީތަ އަހަރެން ދުނިޔޭގަ ހުންނާތީ؟ ކަލޭއަށް އުނދަގޫވީތަ؟" އަހަރެން ރުޅިއައިސްގެ ހަރަކާތުން ދެއްކީމެވެ. "ކަރުގަ ހިފައި މަރައިލަންވީނު. ކީއްކުރަންތަ ބޭސް ދީފަ މަރައިލަން ތި އުޅެނީ؟ ކޮންމެ ދުވަހަކު ޖަނަވާރަށް ކާން ނުދީ އަހަރެން މަރައިލަބަލަ. އޭރުން މި ވޭންތަކުގަ ފަތާކަށް ނުޖެހޭނެއްނު."
"ބަލަ މަ މިއުޅެނީ ކަލޭ ސަލާމަތް ކުރަން. ކަލޭގެ ބަނޑުގަ ތިއޮތް ގޮތް ނޭނގޭ ކުއްޖާ ވައްޓައިލަދޭން،" ދަތްކުނޑި ވިކައިގަންނަމުން މަންމަ ބުނެލިއެވެ. "ކަލޭއަށް އެނގޭތަ ކަލޭގެ ސަބަބުން ލަދުގަންނަން ޖެހޭނީ ކާކުކަން؟ ކަލޭގެ މުސްކުޅި ބައްޕަ. ކަލޭގެ ބައްޕަ އެކަމުން ސަލާމަތްކުރަން މަ މިއުޅުނީ. ކަލޭ މަރައިލާކަށް ނޫން."

އަހަންނަށް ލިބުނު ސިހުމާއެކު ދެ ލޮލުން ކަރުނަ އޮހިގަތެވެ. އިވުނު އަޑުތަކުން މާޔޫސްވެ ހިތްވަރު އެލޭ ގޮތްވިއެވެ.
"ކޮބާ ބޭސް؟ ކަލޭ ނުކަންދޯ އެ. މަ ނުލާހިކު އަގުބޮޑުކޮށް މީހަކު ލައްވާ ހޯދައިގެން ގެނަ އެއްޗެއް އެ. ކޮބާ އެ؟" މަންމަ ހިފީ އަހަރެންގެ އިސްތަށިގަނޑުގައެވެ.
"ފާހާނާއަށް ފުލެޝްކޮށްލައިފިން." އަހަރެން ހަރަކާތުން ދެއްކީމެވެ.

އަހަރެންގެ އިސްތަށިގަނޑު މަންމަގެ އަތަށް އޮޅައިލަމުން އެނދާ ދިމާއަށް ހޫރައިލިއެވެ. އަހަރެން ގޮސް ޖެހުނީ އެނދު މައްޗަށެވެ. މަންމަގެ ދެވަނަ ހަމަލާ އަމާޒުވީ ބުރަކަށްޓަށެވެ. ފަޔާއި ކަށި މައްޗަށެވެ. އިލޮށި ފަތީގެ ބުޑުންނެވެ. އަހަރެންގެ ގައިގެ އެތައް މިތަނުގައި ތަޅަމުން އަޑުގަދަކުރަމުން ދިޔައެވެ. އެންމެ ފަހު އަހަރެން މަގު މައްޗަށް ނެރެ އެއްލައިލީމެވެ. ވެހެމުން ދިޔަ ބޯވާރޭގެ ތެރެއަށެވެ. އަހަރެން މަގު މައްޗަށް ކޮށްޕާލިއެވެ. އެއަށްފަހު ދޮރު ލެއްޕިއެވެ.

"ކަލޭގެ މުޑުދާރު އަތުން މަ ގައިގަ ބީހިގެން ނުވާނެ. ކަލޭގެ ސުންޕާ ސޫރަ ދެކޭކަށް ވެސް ބޭނުމެއް ނޫން. ދާން އުޅޭ. މަ ކުރިމަތިން ދޭ. މިހާރުދޭ." ރުޅިވެރިކަމާއެކު މަންމަ ހަޅޭއްލަވަމުން ދިޔައެވެ.

އަހަންނަށް ހަދާނެ ގޮތް ހުސްވިއެވެ. ދާނެ ނުދާނެ ތަނެއް ނޭނގި ވާރޭގެ ތެރޭގައި ރޯން އިނދެވުނެވެ. އޭރު މުޅި ތަނުގައި އޮތީ ފެން ބޮޑުވެފައެވެ. ހީކަރުވާ ގޮތްވާން ފެށުމުން މަޑުމަޑުން ތެދުވެލީމެވެ. އެއް އަސްކަނި ދަށުން އަނެއް އަސްކަނި ދަށުން ހިނގައިގަތީމެވެ. މަންޒިލެއް ނެތް މުސާފިރެއް ގޮތުގައެވެ. ވަންނާނެ ހިޔާވައްސެއްނެތް ނިކަމެއްޗެއް ފަދައިންނެވެ. އަހަންނަށް ނުކުމެވުނީ މަޖީދީ މަގަށްކަން އެނގެއެވެ. ކާރެއްގެ އަލި ލޮލަށް އެޅުނުކަން އެނގެއެވެ. ދެން ވީނުވީއެއް ނޭނގުނެވެ.

"ތިލްމީޒާ!" ފަހަތުން އިވުނީ އަހަންނާއެކު ހިނެވުމުގެ ކަންކަމުގައި އިސްކޮށް އުޅޭ ފަރީދާގެ އަޑެވެ.
އަހަންނަށް ބަލައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލުއި ގޮތަކަށް ހިނިތުންވެވޭތޯ ބެލީމެވެ. ފަރީދާއަކީ އަހަރެން މަންމައެއް ފަދަ މީހެކެވެ. ހުރިހާ ވާހަކައެއް ހިއްސާކުރެވޭ އެންމެ ގާތް ރަހުމަތްތެރިޔާއެވެ.
"ތިލްގެ ދޮންމަންމަތަ؟" ފަރީދާ އަހަރެންގެ އަތުގައި ހިފައިލިއެވެ.
އަހަންނަށް ބޯޖަހައިލެވުނެވެ.
"މި ތިލް ބޭނުންވި ދުވަހެއްނު. މާތްﷲ ތިލްއަށް މި ދުވަސް ދެއްކެވީނު. އަވަހަށް ހިނގާ ހިނެވުމުގެ ކަންކަން ކުރިއަށް ގެންދަން. މިއަދު އިސްވާނީ ތިލް، ފަރިއްތަ ހުންނާނަން ގާތުގައި އެހީވާން."

ހިނެވުމުގެ ހުރިހާ ކަމެއް ނިންމުމަށްފަހު އަހަރެން ބޭރަށް ނުކުތީމެވެ. ބަޔާންކުރަން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބުނެވެ. އެ ދުވަހަކަށް ޓަކައި އިންތިޒާރު ކުރި ދުވަސް ދެއްކެވީތީ ޝުކުރު ކުރެވުނެވެ.

"އަހަރެން ވެސް ވަރަށް އުފާވެއްޖެ. އެ ދުވަހު ދޮންމަންމަ ބުނި ބަހުން އަހަންނަށް މި ހިތްވަރު ހޯދުނީތީ. އަހަރެންގެ މި ދެ އަތުން އޭނާއަށް އެންމެ ފަހުގެ އިހުތިރާމު އަދާކުރެވުނީތީ. އެ ދެއަތުން އަހަންނަށް ނުލިބުނު ލޯތްބާއި ހަމުދަރުދީގެ ބަދަލުގައި ދުނިޔޭގައި އެންމެ ފަހުން ފިރުމައިދެވުނު ދެ އަތަށް މި ދެ އަތް ވީތީ،" އަހަރެންގެ އަތުގެ ހަރަކާތްތައް ފަރީދާ ކިޔަމުން ދިޔައެވެ. "މިވަގުތު މިހެން ބުނާކަށް ވެސް ނުވާނެ. މީހަކު ނިޔާވުމަކީ ހިތްހަމަ ޖެހޭ ކަމެކޭ ބުނެވުނު ކަމަށް އަޑުއަހާ މީހާއަށް ވިސްނިދާނެ. އެކަމަކު ހަގީގަތަކީ ދޮންމަންމައަކީ މާފު ހައްގުވާ ވަރުގެ މީހެއް ނޫންކަން. ނަމަވެސް، މައާފުކުރުމަކީ އަމިއްލަ ނަފުސަށް ހިތްހަމަ ޖެހުމާއި ލުއިކަން ލިބޭކަމަކަށް ވެފައި، ދުނިޔެމަތީގައި އެމީހަކު ކުރާ ކަމަކަށް މައާފު ނުލިބި މަރުވެ ދިޔުމަކީ އެމީހާއަށް އެކަމުން އެތައް ވޭނެއް ފަހުން ވެސް ލިބޭނެ ކަމަކަށް ވީތީ، އަހަރެން އޮންނާނީ ދޮންމަންމަ އަހަރެން ގާތަށް މައާފަށް އެދެން އައުމުން ހިތުން ރުހުމުން މައާފު ވެސް ކޮށްފަ. އެ ދުވަހުން ފެށިގެން އަހަރެންގެ ހިތުގައި ނުނެއްޓި ހުރީ ކުދިކުދި ޝަކުވާތަކެއް. ނަމަވެސް މިއަދު މި ދެ އަތުން އޭނާގެ ގަޔަށް އެޅި ފެންތަކާއެކު ހިތުގައި ހުރި އެ ޝަކުވާތައް ވެސް ފޭދިގެން ހިނގައްޖެ. ހުރިހާ ދުވަހު ބޮލުގައި ހުރި ރިހުންތައް ފެވިގެން ހިނގައްޖެ. ގޯސްކޮށް ކަމެއް ކުރި މީހަކަށް ހެޔޮ ކަމެއް ކޮށްދެވުނު ކަމުގެ އިހުސާސް ކުރެވިއްޖެ. އެ ހިތްހަމަ ޖެހުން ވެސް ލިބިއްޖެ. ފަރިއްތައަކަށް މި އިހުސާސެއް ނުކުރެވޭނެ."

"ތިލް ތިޔައީ ނަމޫނާ މީހެއް. އަހަރެންނާއެކު މި ހޭދަވި ދުވަސްތަކުގައި ފެނުނީ ނަމޫނާ ހަރަކާތްތަކެއް. ކަންކަން ދަސްކޮށް، ކަންކަމުގައި އިސްވެ އުޅުނު އުޅުން އެއީ މިސާލެއް. އަހަންނަށް އެނގުނު ކަމަކީ ކުޅެދުންތެރިންނަށް ވުރެ ތިލް މާ ތޫނުކަން. މިތަނުން ވަޒީފާ ލިބުމާއެކު ތިލް ހުރިހާ ކަމެއް ތިޔަ ދަސްކުރީ އެހައިމެ އަވަހަށް. އަނެއްކާ މަސައްކަތަށް ފަރުވާތެރިވުމުގައި ތިޔަ ފަދަ ދެވަނައެއް ނުހުންނާނެ." ފަރީދާ އަހަރެންގެ ކޮނޑުގައި ހިފައިލިއެވެ. "އިރާދަކުރެއްވިއްޔާ ތިލްގެ މާޒީވެގެން ދާނީ ތިލްގެ ހަޔާތަށް ބަހާރު މޫސުން ގެނުވައިދޭ ކަމަކަށް. ތިލްގެ ހަޔާތުގެ ފަސާނާ ވެގެންދާނީ ތިބީންނަށް އިބްރަތަކަށް. ހަމަ ޔަގީންނުން ވެސް މިއީ އަހަންނަށް އިބުރަތެއް. ފިލާވަޅެއް."
"ޝުކުރިއްޔާ!" ފަރީދާގެ މޫނަށް ބަލައިގެން ހުރެ އަހަރެން ހަރަކާތްކޮށްލީމެވެ.

"އެނގޭތަ އެރޭ ޑިއުޓީ ނިންމައިފަ އަހަރެން ގެއަށް ދިޔަ މަގުމަތީ ކާރު ފެނުނު އިރަށް ތިލް ވެއްޓުނީއޭ. އެ ބޯވާރޭގައި، ހެދިފައި އޮތް ފެންގަނޑު ތެރެއަށް. އެހެންވެ އަވަހަށް ޑޮކުޓަރަށް ގެންދިޔައީ ވެސް. މަގުމަތީގައ މާފަހުން އެނގުނީ ތިލް ބަނޑުބޮޑުކަން ވެސް. ސްކޭނުކޮށް ބެލިއިރު ކުއްޖާ މަރުވެފަ އޮތްކަމަށް ބުނީ. އަހަރެން މަނާކުރީ ކޮއްކޮމެންނަށް އެ ވާހަކަ ދެއްކުން ވެސް. އެ ވާހަކަ ހަނދާންތަކުން ތިލް ދެރަވާނެ ކަމަށް ބަލައިފަ،" ފަރީދާ ހިނިތުންވެލިއެވެ. "ފިރިމީހާ ވެސް ބުނެފި ތިލް ގޭގަ ބަހައްޓައިގެން ތިލްއަށް އެހީވާން. އަނެއްކާ ކޮއްކޮމެން ވެސް ބޭނުންވީ. މިއަދު އެންމެވެސް ގަބޫލުކުރަނީ ތިލްއަކީ އަހަރުމެންގެ މީހެއް ކަމަށް. އެ ކުދިންގެ ދައްތައެއް ކަމަށް."

"އަހަރެން އެންމެ އުފާވީ، އަހަންނަށް ކިޔަވައިދީ އަހަރެން މި ކަމުގެ ތެރެއަށް ނެރެދިނުމުގައި ތި އާއިލާއިން އެހީވީމަ. ވަކިން ހާއްސަކޮށް ފަރީއްތަ ދިން ހިތްވަރާއި ދެއްކި ވާހަކަތައް އަބަދުވެސް ހަނދާނުގައި ހުރޭ،" އަހަރެން އަތުން އިޝާރާތްކޮށްލީމެވެ. "އަހަންނަކީ ވާހަކަ ނުދެއްކޭ މީހަކަސް އަހަންނަށް ވެސް އިންސާނިއްޔަތު ކަމުގެ މުހިއްމު މަސައްކަތެއް މިއަދު އެބަ ފުރިހަމަ ކުރެވޭ. އެކަން މިއަދު އަހަންނަށް ގަބޫލު ކުރެވޭ. އިހުސާސްކުރެވޭ."
"އާން! ތިލް ތީ ހިތްވަރު ގަދަ މީހެއް. ތިލްގެ ބައްޕަ ނިޔާވި ދުވަހު ލޮލުން ކަރުނަ ތިއްކެއް ވައްޓައި ނުލައި ކެތްކުރި ކުރުމުން އަހަންނަށް އެކަން ފެނުނު."

"ބައްޕަ ދޯ؟ މަގޭ ނަމުގެ ފަހަތަށް ތިލްމީޒާ ޔޫސުފް ކިޔާކަން. އެ ނަން އޮތްކަން. ބައްޕައެއްގެ ފުށުން ލިބެންޖެހޭ ރައްކާތެރިކަން ނުލިބޭ ނަމަ ބައްޕަގެ ނަމުގެ އަގެއް އޮވޭތަ؟" ސުވާލުގެ ނަޒަރުން އަހަރެން ބަލައިލީ ފަރީދާގެ މޫނަށެވެ. "މާލޭ މަގުމައްޗަށް އެއްލައިލާ ގެއިން ބޭރުކޮށްލީމަ ވެސް އަހަރެން އުޅެނީ ކޮންތާކުތޯ، އަހަންނަށްވީ ކީއްތޯ ވެސް ބަލައި ނުލި މީހެއްގެ ވާހަކަ ތި ދައްކަނީ. އަހަންނަކީ ބައްޕަގެ ދަރިއެއް ކަމަށް ގަބޫލު ނުކުރާކަން އެނގުނު ދުވަހުން ފެށިގެން އަހަރެން ވެސް އެއީ ބައްޕަކަމަށް ޤަބޫލެއް ނުކުރަން."

"އާނ! ތި ވެސް ގޯސް ވާހަކައެއް ނޫން! ދެން މި ވާހަކަތައް ހުއްޓައިލަމާ! އަހަންނަށް ދޯ މި ވާހަކަތައް މި އާކޮށްފަ މި ދެއްކެނީ ވެސް. މި ވާހަކަތައް މި ދެއްކެނީ؟" ފަރީދާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ.

ފަރީދާއާއެކު އަހަރެން ނުކުތީ ބޭރަށެވެ. ސަހަރާގެ ގޯތި ތެރެއަށް ފުން ނަޒަރެއް ދޫކޮށްލެވުނެވެ. އަހަންނަށް ސަހަރާއިން ފެންނަނީ އުފާވެރި މަންޒަރެކެވެ. ހިތްހަމަ ޖެހޭ ކުލަތަކެކެވެ. ހުދުކުލައިގެ ގާތަކާއި އެކު އުފުލިފައިވާ ދޮންވެލިތަކުގެ މެދުން ފެންނަ ފެހި ގަސްތަކެވެ. އިރުކޮޅަކުން އެތަނަށް ދޮންވެލި ކޮޅެއްގެ އިތުރުވާނެއެވެ. ދުވަސްކޮޅަކުން އެ ވެލިތައް ކަޅުވެ ބިމާ އެއްކުލަ ވާނެއެވެ. އަހަންނަށް ވިސްނައިލެވުނެވެ. ފުންކޮށް ވިސްނައިލެވުނެވެ.

ސަހަރާގެ ތެރެއިން ފެންނަ ކޮންމެ އެއްޗަކުން ބުނެދެނީ އެތައް ވާހަކަ އެކެވެ. އާކޮށް ދެނީ އެތައް ހަނދާނެކެވެ. ދިރިއުޅުނު ކަމެވެ. ދުނިޔެއަށް އުފަންވިކަމެވެ. ދިރިއުޅުމުގެ ޒިންމާއިން އެތައް ކަމެއް ދަސްކުރިކަމެވެ. ދުނިޔެއަށް އެތައް ހަނދާންތަކެއް ދޫކުރިކަމެވެ. އަހަންނަކީ ވެސް އެފަދަ ހަނދާނެކެވެ. މާޒީއަކީ އެފަދަ ހަނދާނެކެވެ. ދެން ބޭނުން ވަނީ އެ ހަނދާންތަކުން ދުރަށް ދާށެވެ. (ނިމުނީ)