އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަޝްރޫއުއެއް ފަށައިފި އެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.
ހަ މަސް ދުވަހުން ނިންމަން ޖެހޭ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 30,317,922.24 ރުފިޔާ އެވެ.
މަޝްރޫއުގެ ދަށުން 30 އެނދުގެ ވޯޑް އިމާރާތެއް ދެ ބުރިއަށް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގުރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް ބަދަލު ކުރާނެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޖާގަ އިތުރު ކުރުމުގެ މަޝްރޫއެއް ފަށާފައިވާއިރު މިހާރު ވެސް އެ ހޮސްޕިޓަލަށް ވަނީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.
ހޮސްޕިޓަލް މަރާމާތުކުރުމުގެ މަސައްކަތް ފެށިއިރު މި ސަރުކާރުން ވަނީ ކުޅުދުއްފުށީގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަޅާނެ ކަމަށް ވައުދުވެފަ އެވެ. އަދި އެކަމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ވަނީ ބުނެފަ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް މި މަޝްރޫއުގެ ސަބަބުން ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށާއި މިއީ މި ދަނޑިވަޅަށް ވަރަށް މުހިއްމު އޮތް މަސައްކަތެއް ކަމަށެވެ.
"100 އެނދުގެ އާ ޓާޝިއަރީ ހޮސްޕިޓަލު ޕްރޮޖެކްޓް ކުރިއަށް އޮތުމާއެކު ވެސް، މި ވަގުތު ހޮސްޕިޓަލުން ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށްދީ، ޒަމާނާ ގުޅޭ ބައެއް ކަހަލަ ބަދަލުތައް ގެނެސް ހޮސްޕިޓަލުން ހިދުމަތް ހޯދާ ފަރާތްތަކުގެ ހިތްހަމަޖެހުން އިތުރުވެގެން ދާނެ ފަދަ ޕްރޮޖެކްޓެއް މީ. މިފަދަ ހައްސާސީ ވަގުތެއްގައި ވެސް މި ޕްރޮޖެކްޓް ފެށިގެން ދިއުމަކީ ނުހަނު އުފާ ކުރާ ކަމެއް. އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި އާ ހޮސްޕިޓަލުގެ އިމާރާތް ނިންމާ އެ ޓާޝިއަރީ ހޮސްޕިޓަލުގެ ހުވަފެން ހަގީގަތަކަށް ވުން،" އަހުމަދު ދާއޫދު ވިދާޅުވި އެވެ.
ކުޅުދުއްފުއްޓަށް ޒަމާނީ ބަދަލުތައް ގެންނަން މަސައްކަތް ކުރަމުންދާއިރު މިފަހުން އެ ހޮސްޕިޓަލުން ވަނީ ބޮޑު ދެ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. އެގޮތުން އަންހެނެއްގެ އޯވަރީގައި އުފެދިފައި ހުރި ބޮޑު ދެ ސިސްޓް ނަގައި ކާމިޔާބު އޮޕަރޭޝަނެއް ވަނީ ކޮށްފަ އެވެ. އަދި 28 ހަފުތާގެ ކުއްޖަކަށް ފަރުވާދީ ސަލާމަތްކޮށްފައިވެސްވެ އެވެ.
ކުރިން މިފަދަ ކަންކަމުގައި މުޅިން ވެސް އެ ހޮސްޕިޓަލުން ބަލި މީހުން ފޮނުވަނީ މާލެއަށެވެ. ނަމަވެސް މި ކާމިޔާބީތައް ހޯދުނީ ލޮކްޑައުންއާ ގުޅިގެން ބަލި މީހުން މާލެއަށް ފޮނުވަން ދަތިވެ، އެ ހޮސްޕިޓަލްގައި ކޮންމެހެން ވެސް އެ ފަރުވާތައް ދޭން ޖެހުމުންނެވެ.