އެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރުސީ ތަހުގީގު އިމްރާން ބޭނުން ގޮތަކަށް ނުކުރެވޭނެ

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބޭނުންފުޅުވެވަޑައިގަންނަވާހާ ގޮތް ގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅު ވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގައިދިޔަ ކޮރަޕްޝަންގެ އެ އަމަލަކީ ރާއްޖޭގެ ތާރީހުގައި ވެސް ހިނގައިދިޔަ ހިޔާނާތުގެ އެންމެ ބޮޑު މައްސަލައިގެ ގޮތު ބެލެވިފައި ވެއެވެ.

އެ ހިޔާނާތުގެ ހުރިހާ ބައިވެރިން ދެނެގެނެވިފައިވާ ކަމަށާ އެ މައްސަލައާ ގުޅިގެން ދައުވާ ކުުރަން ވަރަށް އަަވަހަށް ފޮނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. އަދި ހިޔާނާތުގެ ތުހުމަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި ރައީސް ސޯލިހްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

އިމްރާންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޖަމީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު އިމްރާން ބޭނުންފުޅުވެވަޑައިގަންނަވާހާ ގޮތް ގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ތުހުމަތު ކުރެވޭ އެންމެންގެ މައްޗަށް ވެސް ތަހުގީގު ހިންގެން ވާނެ ކަމަށާއި ރައީސް ސޯލިހަށް ކުރެވޭ ތުހުމަތުން އެ މަނިކުފާނު އިސްތިސްނާވެ ވަޑައިގަންނަވަނީ ރައީސަށް ވެވަޑައިގަތުމުންތޯ ވެސް ޖަމީލް ވަނީ ސުވާލު ކުރައްވާފަ އެވެ.

އަދި އިމްރާންގެ މަގުސަދާއި ނިޔަތަކީ ވަކި ބަޔަކު އެ މައްސަލައިން ބަރީއަ ކުރުންތޯ ވެސް ޖަމީލް ސުވާލު ކުރެއްވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލާގައި ދައުވާކޮށް ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީނަށް އެކަންޏެވެ. އެ ހިޔާނާތުގެ ތެރެއިން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ލޯންޑަ ކުރި މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ހުކުމް ކުރި އެވެ. ނަމަވެސް ފަހުން މަތީ ކޯޓުތަކުން ހުކުމް ބާތިލު ކުރި އެވެ. މިހާރު އަލުން އެ ދެ ބޭފުޅުންނަށް ދައުވާތަކެއް އުފުލާފައި ވިޔަސް މިހާތަނަށް އެ މައްސަލަތަކުގެ ޝަރީއަތް ކުރިއަކަށް ނުގެންދެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުން މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބެހެއްޓުމުގެ އިންސާފެއް ވިސްނި ވަޑައި ނުގަންނަވާ ކަމަށެވެ.