ވިޔަފާރި

ހުޅުމާލެ ދެވަނަ ފިޔަވަހިން މި އަހަރު އިން ބިން ވިއްކަނީ

މި އަހަރު ހުޅުމާލެ އިން އަމިއްލަ ފަރާތް ތަކަށް ބިން ވިއްކާނެ ކަމަށް، ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ނޭޝަނަލް ފެޑަރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ) އިން އިމާރާތް ކުރުމުގެ ދާއިރާއާބެހޭ ގޮތުން މިއަދު ބޭއްވި ވެބިނާގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ މި އަހަރު ބިން ވިއްކަން ފަށާނެ ކަމަށެވެ. ބިން ވިއްކުން ލަސްވަނީ ދެވަނަ ފިޔަވަހީގައި ބައެއް ވަސީލަތްތައް ގާއިމް ކުރަން ޖެހޭތީ ކަމަށެވެ.

"އަޅުގަނޑު މި ތަނާ [އެޗްޑީސީ] ހަވާލުވީއިރު ވެސް އެއް ބުރަށް ބިން ވިއްކާފައި ވަނީ. ނަމަވެސް އެސެންޝިއަލް ސާވިސް ގާއިމް ނުވެ ހުރީ. އަދި ވެސް އިލެކްޓްރިކް ނެޓްވޯކް ފޯރުކޮށް ދެވޭނެ ޑެޑްލައިނެއް ފައިނަލެއް ނުވޭ. އަޅުގަނޑުމެން މި ބަލަނީ އިލެކްޓްރިކް ނެޓްވޯކްގައި ހުރި މައްސަލަތައް ސޯޓްއައުޓް ވީހާ އަވަހަކަށް އެ މަސައްކަތް ކުރިއަށް ގެންދަން. ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ކުރަމުން އެބަ ގެންދޭ،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ވިއްކީ 101،954.33 އަކަފޫޓުގެ ބިމެވެ. އެފަހަރު ބިން ވިއްކީ އަތިރިމައްޗަށްވާ ގޮތަށާއި އަތިރިމައްޗާ ކައިރިންނެވެ. އެ ފަހަރު 92 ބިމަކަށް 102 ފަރާތަކުން ބިޑް ހުށަހެޅި އެވެ. ނަމަވެސް ކުރިމަތިލި މީހުންގެ ތެރެއިން ބިޑް ކާމިޔާބު ކުރީ 42 މީހެކެވެ. އެ މީހުންގެ ތެރެއިން 30 މީހަކު އެއް ފަހަރާ ފައިސާ ދެއްކި އެވެ.

އެ ބިންތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ގަންނަން ހުށަހެޅީ 2،000 އަކަފޫޓުގެ ބިން ތަކެވެ. މި ބިން ތަކަށް އެންމެ ދަށް އަގެއް ހުށަހެޅީ ބީލަން ފެށޭ އަގު ކަމަށްވާ އަކަފޫޓަކަށް 3،000ރ. ގެ ރޭޓުން ނެވެ. އަދި މި ބިން ތަކަށް އެންމެ މަތީ އަގެއް ހުށަހެޅީ އަކަފޫޓަކަށް 6،786ރ. އަށެވެ. މި އަގު ހުށަހެޅީ ރާއްޖެއަށް ބޭސް އެތެރެކުރާ ވިޔަފާރިވެރިއެއް ކަމަށްވާ ހުސެއިން އިރުފާން އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިން ހިއްކައިގެން ތަރައްގީކުރި ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ ދަށުން، މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް 400 ގޯތި ވިއްކަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ މަސައްކަތް ފަހުން ހުއްޓާލީ އެވެ.